މިއަދުނޫހުގެ ކިޔުންތެރިން ކޮށްފައި ހުންނަ ކޮމެންޓްތަކުން އެކަނިވެސް ސިޙުރު ހެދުމުގެ ނުބައި ވަބާ ޢާންމުވެފައިވާ މިންވަރު ވަޒަންކުރެވެއެވެ. ސިޙުރު ހައްދުވާ މީހުން ދެނެގަންނަން ބޭނުންވެފައި ތިބިވަރު އެނގެއެވެ.
ތިރީގައިވާ ވާހަކައަކީ މިފަދަ މައްސަލަތަކަށް ވަރަށް ފައިދާކުރާނެ ވާހަކައެކެވެ. މިވާހަކަ ޝާއިޢުކުރީމާ ގިނަ ބައަކަށް އެނގޭނެތީ މިއުކުޅު މަސައްކަތްނުކޮށްފާނެއެވެ. ނަމަވެސް ވިސްނާލައިފިނަމަ ރަނގަޅު އުކުޅުތައް ވިސްނޭނެއެވެ. ވީމާ ހޭލުންތެރިކަމާ ހުޝިޔާރުކަން އިތުރުކޮށްގެން ރޮދުލާށެވެ! ބުޅީގައި މަސްގަންނާނެއެވެ. އިން ޝާ ﷲ
އަޅުގަނޑުމެން ދެމީހުން ކައިވެނިކުރީ ދެމީހުންގެ އުމުރުންވެސް 21 އަހަރުގައެވެ. ކައިވެނިކޮށްގެން ވަރަށް އުފަލުގައި ދިރިއުޅުމުން އައިސް 6 އަހަރު ފާއިތުވިތަނާ ރޭގަނޑު ނިދާފައި އޮންނައިރު ބިރުވެރި ހުވަފެންތައް ފެންނަން ފަށައިފިއެވެ. ޛިކުރުތައް ކިޔައިގެން އޮތްނަމަވެސް ފެނެއެވެ.
ބައެއް ރޭރޭ ހުވަފެނުގައި ކަޅު އަތެއް އައިސް އަޅުގަނޑުގެ ކަރުގައި ހިފަން އަތްދިއްކުރެއެވެ. ނަމަވެސް އަޅުގަނޑާއި ހަމައަކަށް ނުފޯރުވެއެވެ. އަޅުގަނޑު ޤަބޫލުކުރަނީ އެއީ ޛިކުރުތައް ކިޔައިގެން އޮންނާތީ ކަމަށެވެ. ދެން އެދުވަސްވަރު ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އަޅުގަނޑާއި ދުރުހެލިވާން ފަށައިފިއެވެ. ކުރިން ލިބެމުން އައި ލޯބި ނުލިބެން ފަށައިފިއެވެ.
އެހެންވެ ވަރަށް އިތުބާރު ކުރެވޭ އެކުވެރި އަންހެނަކަށް މިވާހަކަތައް ކިޔައިދިނީމެވެ. އޭނާ ބުނީ ޖެހިގެން އަންނަ ހުކުރު ދުވަހު ހުކުރުން ފައިބާވަގުތު ގޭގެ އެންމެން ގޭގައި ތިއްބާ ގެއަށް އަންނާނެ ކަމަށާއި ވިސްނުންތެރިވެ ކުރާ ސުވާލަކަށް ތެދުވެރިކަމާއިއެކު ޖަވާބު ދިނުމަށާއި އިތުރު އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ނުދައްކައި މަޑުންހުރުމަށެވެ.
އޭނާ ބުނިފަދައިން ހުކުރު ދުވަހު އޭނާއައެވެ. ގެއަށް ވަނުމާއިއެކު ފުރަތަމަވެސް ބުނީ ގެއިން ނުބައިވަހެއް އޭނާއަށް އެބަ ދުވާކަމަށެވެ. ދެން އަޅުގަނޑު ގާތުގައި އެހީ ބޮލުގައި ރިއްސާތޯއެވެ. ހަމަ ހަޤީޤަތުގައިވެސް އަޅުގަނޑުގެ ބޮލުގައި ރިއްސާތާ އެއިރު 3 ދުވަސްވަރުވެއްޖެއެވެ. ޕެނަޑޯލް ކެއިނަމަވެސް ރިހުން މަޑެއް ނުވެއެވެ. ހީކޮށްގެން ހުރީ ކުޑަދަރިފުޅު ބަލިވެ އުޅޭތީ ތަންކޮޅެއް ބުރަކޮށް އުޅެންޖެހުމުން މެދުވެރިވާ ކަމެއް ކަމަށެވެ.
ދެން އޭނާ ބުނީ ރުޤްޔާކުރާ މީހެއްގެ ގާތަށް އަޅުގަނޑުމެން ދެމަފިރިން އެކުގައި އެބަ ދާންޖެހޭކަމަށާއި އޭނާ ދަންނަ އެކަމަށް ވަރަށް މޮޅު މީހަކު ހުންނަ ކަމަށެވެ. އެހެން ބުނުމުން މައިދައިތަ ބުނީ އެމީހާ ގެއަށް ގެނައުން ރަނގަޅުވާނެ ކަމަށެވެ. އެކުވެރިޔާ ބުނީ ކަންކަން އޮޅުން ފިލުވޭނީ ގޭތެރެ އޭނާއަށް ނުދައްކައި ކަމަށެވެ. އޭނާ ދައްކާވާހަކަ ތެދުކަން ޔަޤީންކުރަން ފަސޭހަވާނީ ގޭތެރެ ނުދައްކައި ކަމަށެވެ. ނޫންނަމަ ކިތަންމެ މޮޅު މީހަކު ނަމަވެސް ފަރުވާކުޑަކޮށްލައި ދޮގުހަދައިފާނެ ކަމަށެވެ.
އެހެންބުނާއިރަށް މައިދައިތަ ބުނީ ކޮންމެ ގޮތަކުން ނަމަވެސް ތިއަވަރުގެ ނުބައިކަމެއް ކޮށްފައިވާނަމަ އެކަންކުރި މީހަކު ހޯދަންޖެހޭނެ ކަމަށެވެ. އެކުވެރިޔާ ބުނީ ކަންކަން ކުރާނީ ޞިޙުރުވެރިންކަމަށާއި ޞިޙުރުވެރިޔާ އެނގުން މުހިންމު ނޫންކަމަށާއި މުހިންމީ އޭނާލައްވައި ޞިހުރު ހެއްދުވި މީހަކު އޮޅުންފިލުވުން ކަމެވެ. އެމީހަކު ނުއެނގޭނަމަ އެހެން މީހުން ކައިރިއަށް ގޮސްގެންވެސް އެކަންކުރުވާނެ ކަމަށެވެ. ޞިހުރު ހައްދުވާ މީހާ ނުހޯދޭނަމަ އެކަންކުރުން ނުހުއްޓުވޭނެ ކަމަށެވެ. ސިހުރު ހައްދުވާ މީހާ ހޯދޭނެތޯ މައިދައިތަ ސުވާލުކުރުމުން އެކުވެރިޔާ ބުނީ ވަރަށް ގިނަ ފަހަރު ހޯދިފައި އެބަހުރިކަމަށެވެ. އަދި ބައެއް ފަހަރު އެކަންކުރާމީހާގެ ގުނަވަންތައް ވާވުން ފަދަ ކަންކަންވެސް މެދުވެރިވެފައި އެބަހުރިކަމަށެވެ.
އެވާހަކަ ދައްކާފައި ގެއަށް އައީ އަޅުގަނޑުމެންގެ ދަރިފުޅު ބަލިވެއުޅޭތީ ދެކެލަން ކަމަށާއި އެހެން ގެއަކަށް ދާންޖެހޭ ކަމަށްބުނެފައި އެކުވެރިޔާ ނުކުމެގެންދިއައީއެވެ. އޭނާ ނުކުމެގެން ދިއަ ވަގުތުން ފެށިގެން މައިދައިތަ އަނގަތެޅުވުން ހުއްޓައެއް ނުލައެވެ. ފަށަފަށައިގެން ދައްކަނީ އެވާހަކައެވެ. އެކަން ފިރިމީހާއަށް ފާހަގަކުރެވިގެން "މިތާކު އަދި މަންމަ ތިއަވަރަށް ކަންބޮޑުވާންޖެހޭ ވަރުގެ ވާހަކައެއް ނުދެކެވޭ ނޫންތޯ" ސުވާލުކުރިއެވެ. އެވަރުންވެސް އަނގަ ހުއްޓާނުލުމުން ދެމަފިރިން ކޮޓަރިއަށް ވަނީމެވެ.
ހަވީރު ގުޅާފައި އެކުވެރިޔާ ބުނީ އުނދަގޫ ނަމަވެސް ކިރިޔާވެސް ދެވޭނެ ނަމަ ދެމަފިރިން އެރޭ އޭނާގެ ގެއަށް ދިއުމަށެވެ. އޭނާ ފޯނުކުރީ އެންމެން ސިޓިންގރޫމްގައި ތިއްބައެވެ. އެހެންވެ އެންމެންނަށްވެސް އެކަން އެނގުނެވެ. އެކަން އެނގުމާއިއެކު މައިދައިތަ ތެދުވެގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އިރުކޮޅަކުން ނުކުމެ ފިރިމީހާއަށް ގޮވައިގެން ގެންގޮސްފިއެވެ.
"ދަރިފުޅާއެވެ! މަންމައަށް މާފުކުރާށެވެ! އެނުބައި ހެދުނީ މަންމައަށެވެ! ވަރަށް ތަނަވަސް އަންހެނަކު ދަރިފުޅާ އިންނަން ބޭނުންވެގެން އެވާހަކަ ދައްކާވަރުން ކުރިކަމެއް ކުރީ ދެމަފިރިން ދުރުކުރެވޭތޯއެވެ. އެއީ ހަމަ ދަރިފުޅަށް ރަނގަޅަކަށެވެ. އެކަމުގެ ފައިދާ ޢާއިލާއަށްވެސް ކުރާނެތީއެވެ."
މަންމަ ކުރިކަންތައްވެސް ކިޔައިދިނެވެ. ގޯތިތެރޭގައި ވަޅުލާފައި އޮތް ފިލާކޮޅެއްވެސް ދެއްކިއެވެ. އެނަގައި ފިރިމީހާ އެފިލާކޮޅު އަންދައިލީއެވެ. އަޅިތައްވެސް މޫދަށް ގިރުވައިލީއެވެ. އެހިސާބުން ބިރުވެރި ހުވަފެން ފެނުން ހުއްޓިއްޖެއެވެ. ފިރިމީހާގެ އުޅުން ބަދަލުވެ ލޯބިވެސް ލިބެންފަށައިފިއެވެ. ނަމަވެސް އެގޭގައި އިތުރަށް ހުރުމަކީ ނަފްސާނީ މައްސަލައަކަށްވުމުން ފިރިމީހާގެ ގާތުގައި ބުނެގެން ފިރިމީހާގެ ބައްޕަގެ ގެއަށް ބަދަލުވީއެވެ.
ފަހުން އެކުވެރިޔާ ކިޔައިދިނެވެ. އޭނާ އެދުވަހު ވަސްދުވާކަމަށް ބުނީ އެއްވެސް ވަހެއް ދުވައިގެން ނޫންކަމަށެވެ. ބޮލުގައި ރިއްސާތޯ ސުވާލުކުރީ އެކަހަލަ ކަމެއްގެތެރޭގައި އުޅޭއިރު ބޮލުގަ ރިއްސާނެކަން އެނގޭތީ ކަމަށެވެ. އަދި ރުޤްޔާކުރުމާއި ރުޤްޔާކުރާ މީހާ އާއި ޞިޙުރު ހައްދުވާ މީހާ ހޯދާވާހަކަ އެއީ މީހުންގެ ކިބައިން އަޑުއިވޭތީ ދެއްކި ވާހަކަތަކެއް ކަމަށެވެ. ބުނީ އެކުވެރިޔާ ރޮދިލީކަމަށާއި ބުޅީގައި މަސްގަތީކަމަށެވެ.
ކޮންމެއަކަސް އަޅުގަނޑުމެން ދެމަފިރިން ދުރުކުރުވަން މައިދައިތަ އެކުރިކަންތައް ހިނގައިދިއައީ މިފަދަ ގޮތަކަށެވެ. ކަންކަން ފަޅާއެރީ އެކުވެރިޔާގެ ހުޝިޔާރުކަމުންނެވެ. ޞިޙުރުގެ އަސަރު ފިރިމީހާއަށް ކުރިނަމަވެސް ކައިވެނި ނުރޫޅި ސަލާމަތްވީ ދެމަފިރިންނަކީވެސް ކައިވެނިކުރީންސުރެ އެކުގައި ރޭއަޅުކަންވެސް ވީވަރަކުން ކުރަމުން އަންނަ ދެމީހުން ކަމުގައިވީތީއެވެ. އެކުވެރިޔާ މެދުވެރިވެގެން ނަމަވެސް އެހައި ފަސޭހައިން ކަންކަން ފަޅާ އަރައި ބޭޒާރުވީވެސް ހަމަ ﷲ ގެ ހެޔޮ ރަޙްމަތްފުޅުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ވީހައި ބޮޑަށް ތަޤްވާވެރިވާށެވެ! ތަޤްވާވެރިންނަށް ކުރިމަތިވާ ހުރަސްތަކުން ސަލާމަތްވެވޭނެ ކޮންމެވެސް މަގެއް ﷲ ދައްކަވާނެތެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް