މީހަކަށް ހެޔޮއެދިގެން ކަމެއްކޮށްދިނުމުން އެކަން އެމީހަކު ބަލައިނުގަތަސް އެކަން ބައްލަވައި ވޮޑިގެންވާ ފަރާތެއް ވެއެވެ. އަދި ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ލޯބިވެއްޖެނަމަ އެކަމަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވަތެވެ. މިއީ ޙަޤީޤަތެއްކަން އެނގޭއިރުވެސް އެގޮތަށް ކަންކަން ކުރަން ބޭނުންވާ މީހުން އަންނަނީ މަދުވަމުންނެވެ.
ތިރީގައިވާ ވާހަކައަކީ މިޒަމާނުގައި ވަރަށް މަދުން ނޫނީ ނުހިނގާނެ ފަދަ ކަމެއްގެ ވާހަކައެވެ. މާޔޫސްކަމުގައި އޮޔާގޮސްފައި ހުރި މީހަކަށް ހެޔޮއެދިގެން އޭނާއަށް ރަނގަޅު ގޮތެއް މެދުވެރިވޭތޯ އަމިއްލަ އެދުމެއް ނެތި މަސައްކަތްކުރުމާއި އަދި ﷲ ތަޢާލާއަށްޓަކައި ލޯބިވުމަކީ މިޒަމާނުގައި ފެންނާނެވެސް ކަންކަން ނޫންކަމަށް ބުނެވިދާނެއެވެ.
ވާހަކަވިދާޅުވެލައްވާށެވެ! ހިތްވަރު އެލުވާ ނުލައި ބަޠަލާ ކުރި ބުރަމަސައްކަތަށް ލިބުނު ކާމިޔާބީ އާއި އުފާވެރިކަމުގެ ބޮޑުކަން ވަޒަންކޮށްލައްވާށެވެ!
އަޅުގަނޑަކީ ވެސް މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި އަންހެނަކީމެވެ. އެއްފަހަރަކު ބަދަލުވި އެޕާޓްމަންޓް ހުންނަ ގޭގެ އެހެން އެޕާޓްމަންޓެއްގައި ވަރަށް ރީތި ޒުވާނަކު އުޅުނެވެ. ނަމަވެސް އެޒުވާނާ އަބަދު ހުންނަނީ މޫނުކުނިކޮށްގެންނެވެ.
އެޒުވާނާ އާއި ވާހަކަދައްކަން އަޅުގަނޑުފަދައިން ގިނަ އަންހެންކުދިން ބޭނުންވެއެވެ. ނަމަވެސް ހިނިތުންވެލި ނަމަވެސް މޫނު އަނބުރާލާނީ އަނެއް ފަރާތަށެވެ. ސަލާމް ގޮވިނަމަވެސް ބަލައިގަންނަ އަޑެއްވެސް ނީވެއެވެ. ބަލައިނުގަންނަ ކަމަށް ބުނާކަށް ނެތީމެވެ. މިބުނަނީ ޖަވާބުދޭ އަޑުނުއިވޭ ވާހަކައެވެ.
އަޅުގަނޑު އެޒުވާނާ އާއިބެހޭ ގޮތުން މައުލޫމާތުހޯދީމެވެ. ޢާއިލާއިން ބުނަނީ އެބަދަލު އައީ ވަރަށް ފަހުން ކަމަށާއި ބަދަލު އައި ސަބަބު ނުއެނގޭކަމަށެވެ. ބަދަލުއައިފަހުން ގޭތެރޭގެ ދިރިއުޅުމުގައިވެސް ކަންކަން ހުންނަނީ އެފަދަ ގޮތަކަށް ކަމަށެވެ. ގިނައިން ބުނާނީ ޖެއްސުމުގެ ބަސްތައް ކަމަށެވެ.
އަޅުގަނޑު ހުރީ ދޫކުރާގޮތަކަށް ނޫނެވެ. ބަންގިގޮވުމުން އެޒުވާނާ ނަމާދަށް ދެއެވެ. ވީމާ އެއީ ރަނގަޅު ކުއްޖެއްކަން ޤަބޫލުކުރެވެއެވެ. އެހެންވެ އަޅުގަނޑު ބޭނުންވީ އޭނާގެ ޠަބީޢަތަށް އެބަދަލު އައި ސަބަބު އޮޅުންފިލުވާށެވެ. އެކަން ރަނގަޅުކުރެވޭނެ ކޮންމެވެސް މަގެއް ހޯދާށެވެ. އެހެންވެ އެކަމަށް މަސައްކަތްފެށީމެވެ. ލަދުޙަޔާތްވެސް ކަނޑައިލީމެވެ. ކުރިމައްޗަށް އަރައި ވާހަކަދައްކަން މަސައްކަތްކުރަންވެސް ފެށީމެވެ.
އެއްދުވަހަކު ބުނީމެވެ. "މޫސައަށް ﷲ ވަނީ ރީތިކަން ދެއްވަވައިފައެވެ. އެކަމަކު މޫނުކުރީމާ ސިފަ ވަރަށް ހުތުރުވެއެވެ. ﷲ ދެއްވެވި ރީތި ސިފައިގަ ކޮޅުފައިން ޖަހަނީހެއްޔެވެ؟" މިމޭރުމުން އެކި ދުވަހު އެކި ބަސްތައް ބުނަމުން ގޮސް އެއް ދުވަހަކު ބުނީމެވެ. "އަޅެފަހެ ތަނެއްގައި ހުރި ރަނޑު އަންހެން ކުއްޖަކު ލަނޑެއްދިނީމާ އެވީ ދުނިޔެދެކެ ވެސް އަދި ދުނިޔޭގައި ތިބި ހުރިހާ އަންހެނުން ދެކެވެސް ރުޅިއައިސް މޫނުކުނިކުރަންހެއްޔެވެ؟ މަންމައަށްވެސް ޖެއްސުން ކުރަންހެއްޔެވެ؟"
އަޞްލު އެހެންބުނީ އެއްވެސް ކަމެއް އެނގިގެނެއްވެސް ނޫނެވެ. ނަމަވެސް އެއީ ދިމާވެފައި އޮވެދާނެ ކަމެއްކަމަށް ބަލައިގެންނެވެ. މަންމައަށް ކަންކަންކުރާގޮތުގެ ވާހަކަ ބުނީ މަންމަ ގާތުން އޮޅުންފިލުވައިގެންނެވެ.
އެދުވަހު އެހެން ބުނުމާއިއެކު އޭނާގެ މޫނުގެ ކުލަ އާއި ސިފަވެސް ބަދަލުވެގެންދިއަކަން ފާހަގަކުރެވުނެވެ. ހަމަ ފަހަތުން ވިއްދާފައި ހިފެހެއްޓީއެވެ. އެއްވެސް ޙާލެއްގައި އޭނާ އާއި ގުޅުމުގެ ބޭނުމެއް އޮވެގެނެއް ނޫނެވެ. އެފަދަ ޒުވާނަކަށް ކުރިމަތިވެފައިވާ މުޞީބާތުން ސަލާމަތްކުރުމުގެ ބޭނުމުގައެވެ. އޭނާގެ ވިސްނުން ބަދަލުވެ ކޮންމެވެސް އަންހެނަކާއި ގުޅިގެން ރިވެތި ދިރިއުޅުމެއް ދުނިޔޭގައި އުޅެން މަގުފަހިކޮށްދިނުމުގެ އުންމީދުގައެވެ.
އިރާދަފުޅުން އޭނާ ބަދަލުވިއެވެ. މަޑުމަޑުން ކަންކަން ބަދަލުވަމުން އައެވެ. އެންމެފަހުން ބުނެވުނެވެ. "އަހަރެންނަށް މިކަންކަން މެދުވެރިވީ ހަމަ ތިބާ ބުނި ސަބަބު މެދުވެރިވެގެންނެވެ. ސްކޫލްއިރުންސުރެ 7 އަހަރުވަންދެން ލޯބިވެވިގެން އުޅުނު އަންހެނަކު ލަނޑު ދިނުމުންނެވެ. އެވާހަކަ ދެން ދައްކާކަށް ނެތީމެވެ."
އެއްދުވަހަކު ދެމީހުންވެސް އޮފީހުން ނިމިގެން ގެއަށް ދެވުނު ވަގުތު ލިފްޓްކައިރިން ބައްދަލުވުމުން ވަރަށް ސަޅި ގޮތަކަށް ހިނިތުންވެލާފައި ބުންޏެވެ. "ރަންކިޔަން ފޮނުވަންވީދޯއެވެ!" ލޯބިވުމުގެ އެއްވެސް ވާހަކައެއް ނުދައްކައި ހުރެފައި ކުއްލިއަކަށް އެހެން ބުނުމުން ސިހުންވެސް އެރިއެވެ. އިރުކޮޅަކު މަޑުކޮށްލާފައި ބުނީމެވެ. "ކެރެންޏާ އަވަހަށް ފޮނުވާށެވެ!" އެހެންބުނީ ވެސް އެއްވެސް ޙާލެއްގައި އެއީ ސީރިއަސްކޮށް ބުނި ބަހެއްކަމަށް ޤަބޫލުކުރެވިގެނެއް ނޫނެވެ.
ގެއަށް ގޮސް ވިސްނައިލީމެވެ. ބުނެވުނު ބަހާއިމެދުގައެވެ. ހިތަށް އެރީ ފޮނުވައިފިނަމަ ހަމަ ރަންކިޔާނީއެވެ. ކައިވެނިކުރާނީއެވެ. އޭނާފަދައިން އެހައި ބޮޑު މާޔޫސްކަމެއްގައި އުޅެން ޖެހުނު ޒުވާނަކަށް ހެޔޮކޮށް ހިތައި ލޯބިދީފިނަމަ ހަމަ ވަރަށް ރަނގަޅު ފިރިއަކަށްވެސް ވެދާނެއެވެ. އޭނާ ރީތި ނަމަވެސް އެއިރު އަޅުގަނޑު އޭނާދެކެ ޢިޝްޤީ ލޯތްބެއް ނުވެއެވެ. ކައިވެނިކުރަން ނިންމީ ހަމަ ﷲ އަށްޓަކާ ލޯބިވެއްޖެނަމަ އެކަމުގައި ބަރަކާތް ލައްވަވާނެކަމަށް ބުނާތީ އެކަމުގެ އުންމީދުގައެވެ.
ކޮންމެއަކަސް މިހާރު މިވަނީ ކައިވެންޏަށް 13 އަހަރު ފުރިފައެވެ. ﷲ އަށްޓަކައި އަޅުގަނޑުކުރި މަސައްކަތް ވަރަށް ކާމިޔާބެވެ. ވަރަށް ހެޔޮ ފިރިއެކެވެ. ބުރަކޮށް މަސައްކަތްކުރާ ފިރިއެކެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ މަސައްކަތެއްވެސް ފަށައި ރަނގަޅު އާމްދަނީއެއް ހޯދާ ފިރިއެކެވެ. މަސައްކަތްކުރަމުންވެސް ހިތްފުރޭވަރަށް ޢާއިލާއަށް ވަގުތުދޭ ފިރިއެކެވެ. އަދި އަޅުގަނޑު އޭނާ ބަދަލުކުރެވޭތޯ ކުރި މަސައްކަތް އޭނާގެ މައިންބަފައިންނަށް އެނގޭތީ އެމީހުންވެސް އަޅުގަނޑުދެކެ ވަރަށް ލޯބިވެއެވެ. ވީމާ އަޅުގަނޑަށްވުރެ ވަކިން ބޮޑު އުފާވެރިކަމެއްގައި ހުރެވޭނީ ކޮން އަންހެނަކަށްތޯއެވެ؟ މިހުރީ އެހައިވެސް އުފަލުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން ބޭނުމީ މިތަޖުރިބާގެ ސަބަބުން އަޅުގަނޑަށް ވިސްނޭ ކަމެކެވެ. އެއީ ބޭވަފާތެރިވެ ލަނޑުދިނުމުން ލިބޭ ބޮޑު ގެއްލުމެވެ. އަނިޔާލިބޭ މީހާއަށް އެކަމުން ކުރާއަސަރު ބޮޑުކަމެވެ. އެމާޔޫސްކަމުގައި ހުރެ އެހެން މީހަކާއި ކައިވެނިކުރުމުން ފޫހިކަން ކައިވެނިކުރެވޭ މީހާއަށް ފޯރާކަން އަޅުގަނޑުގެ ބައެއް އެކުވެރިންގެ ތަޖުރިބާއިން އަޅުގަނޑަށް ވަނީ އެނގިފައެވެ.
ވީމާ ކައިވެނިނުކުރާނަމަ ލޯބިވެގެން އަހަރުތައް ހޭދަކުރުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް މިކަންކަމަށް ވިސްނައިލުން ވަރަށް މުހިންމެވެ. ސަބަބަކީ ކުރިން މިބުނި ފަދައިން އެކަމުގެ އަނިޔާ އެކަމާއި ގުޅުން ނެތް މީހުންނަށްވެސް ފޯރައި ދިރިއުޅުން ބޮޑުވަބާއަކަށްވެގެންދާތީއެވެ.
އަދިވެސް އިތުރުކޮށްލާނަމެވެ. މިސާލަކަށް އަންހެނަކަށް އެފަދަ އަނިޔާއެއް ލިބުނީއެވެ. އެމާޔޫސްކަމުގައި ހުއްޓައި އޭނާއާއި ކައިވެނިކުރާ ފިރިހެންމީހާގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ ނަމަވެސް އޭނާއަށް އެކަމުގެ ވޭން އުފުލަން ޖެހެނީ މަދަކުން ނޫނެވެ. މިކަން މިގޮތަށް އަންހެނުންނަށްވެސް ދިމާވެއެވެ.
މިއީ އަޅުގަނޑުގެ ވިސްނުމެވެ. ކިޔުންތެރިންނަށް ވިސްނޭ ގޮތްވެސް ކޮމެންޓްކޮށްލާނެކަމަށް އުންމީދުކުރަމެވެ.
- ޒިދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް