މިވާހަކައިގައިވާ ފަދަ ރަނގަޅު އަންތބަކު ލިބެނީ ވަރަށް މަދު ފިރިހެނަކަށެވެ. ހިތާމައަކީ އެފަދަ ރަނގަޅު އަންތބަކު ލިބުމުންވެސް އަގުވަޒަންކޮށް ޝުކުރުވެރިވުމުގެ ބަދަލުގައި އަނިޔާވެރިނުވަނީ މަދުމީހަކު ކަމެވެ. ދަރާވިކިގެންވެސް ޅަކުދިންނާއި ގުޅެން ބޭނުންވާ މީހުން ގިނަކަމެވެ. ވާހަކަ ވިދާޅުވެލައްވާށެވެ! ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ
އަޅުގަނޑުމެން ކައިވެނިކުރިއިރު އަޅުގަނޑުގެ ޢުމުރަކީ އެންމެ 19 އަހަރެވެ. ކައިވެންޏަށް 2 ވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅު ލިބުމުން ވަޒީފާ ދޫކޮށްލީމެވެ. އެއީ ވަޒީފާއަދާކުރާނަމަ ދަރިފުޅަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނެތީއެވެ.
ކައިވެންޏަށް 10 އަހަރު ފުރުނުއިރު ވަނީ 3 ދަރިން ލިބިފައެވެ. ދަރިން ލިބި އެކުދިންގެ ޚިދުމަތުގައި ގިނަ ވަގުތު އުޅެންޖެހުނު ނަމަވެސް އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަން ޤަވާއިދުން ކޮށްދެމެވެ. 3 ދަރިން ލިބުމަކުން އެއްވެސް ކަމެއް އުނިކޮށްފައެއް ނުއޮންނާނެއެވެ.
ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ފިރިމީހާއަށް މީރުވާނެހައި އެއްޗެއް ކައްކައިދެމެވެ. ގެއަށް އަންނަންވާއިރަށް ފެންވަރައި ރީތިވެގެން ހުންނަމެވެ. އެހުރިހާ ކަންކަން ކުރަމުން ގެންދިއައީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ފިރިމީހާގެ ލޯބި ލިބިގެން ދިރިއުޅުމެވެ. އުމުރަށް އެކުގައި އުޅުމެވެ.
ކައިވެންޏަށް 35 ވަނަ އަހަރު ކުއްލިއަކަށް ފިރިމީހާ ބަދަލުވެއްޖެއެވެ. ބުނީ ކައިވެނިކުރީންސުރެ އޭނާއަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭކަމަށާއި އޭނާ ހިތްހަމަޖައްސައިދެވޭވަރަށްވުރެ މިހާރު އަހަރެން މާމުސްކުޅިވެސް ވެއްޖެ ކަމަށެވެ. އެހެން ބުނުމުން ހިތްހަމަ ޖައްސައި ނުދެވެނީ ކޮންކަމަކުންތޯ ސުވާލުކުރުމުން ބުނީ އެއްވެސް ކަމަކުން ހިތްހަމަޖައްސައި ނުދެވޭކަމަށާއި އެކަން ނުވެސް ކުރެވޭނެ ކަމަށެވެ.
އެހިސާބުން ނިންމައިލީއެއްވެސް ނޫނެވެ. ރޮއިރޮއި ހުއްޓައި ވަރިކޮށްފައި ދަރިންކޮޅާއިއެކު ގެއިން ނެރެ މަންމަގާތަށް ފޮނުވައިލީއެވެ.
ހަޤީޤަތް އެނގުނީ ގެއަށްދިއަތާ 3 ދުވަސްފަހުންނެވެ. 18 އަހަރުގެ އަނހެންކުއްޖަކު ދެކެ ލޯބިވީއެވެ. އެކަން އެނގުނީ އަހަރެން ގެއިން ނެރެލާފައި އެކުއްޖާ ގެއަށް ގެންގޮސްގެން ގެންގުޅެން ފެށުމުންނެވެ.
ލިބުނު ހިތްދަތިކަމުގައި ކެތްތެރިވެގެން އިނީމެވެ. ނަޞީބަކުން އަހަރެންގެ ޢާއިލާގެ މީހުން އެހީތެރިވިއެވެ. ކުދިންނަށް ބޭނުންވާ ކަންކަންވެސް ކޮށްދިނެވެ. އެކަމަށްޓަކައި ﷲ އަށް ޝުކުރުކޮށްލައިގެން އިނީއެވެ.
ކޮންމެ މީހަކަށްވެސް ކޮންމެވެސް ރަޙްމަތެއް ލައްވަވާނެ ކަމަށް ބުނާ އުޞޫލުން ޢިއްދަ ހަމަވިތަނާ ނަންބަރު އޮޅިގެން ގުޅުނު މީހަކު އަހަރެންނަށް ސަމާލުކަންދޭންފަށައިފިއެވެ. ގެއަށް އައިސް ބައްދަލުކޮށްފައި ކައިވެންޏަށްވެސް އެދިއްޖެއެވެ.
އޭނާއަކީ ކޮވިޑްގައި އަނބިމީހާ ނިޔާވުމުން އެކަނިވެފައިހުރި މީހެކެވެ. 2 ދަރިންގެ ބައްޕައެކެވެ. އޭނާ ބުނީ އަހަރެންގެ 3 ދަރިންނާއިއެކު 5 ދަރިންބެލުމުގެ މާލީ ކުޅަދާނަކަން އެބަހުރިކަމަށެވެ. އިތުރަކަށް ކިޔައެއް ނުދެއެވެ. އެހެން ބުނުމުން މަންމަމެންގެ ރުހުން ހޯދައިގެން ކައިވެނިކުރީމެވެ.
ކައިވެނީގައި 2 މަސްވެސް ނުވަނީސް ބޭންކުން އަހަރެންނަށް ގުޅައިފިއެވެ. އެއީ ފިރިމީހާ ބުނެގެން އަހަރެންގެ ނަމުގައި އޭނާއަށް ނަގައިދީފައި އޮތް ޕަރސަނަލް ލޯނެއްގެ ފައިސާ ނުދައްކައިގެންނެވެ. އެދުވަހު (ކުރީގެ) ފިރިމީހާއަށް ގުޅާފައި އެފައިސާ ބޭންކަށް ދައްކަން ބުނީމެވެ.
އޭނާ ފެށީ ރޯށެވެ. "އަހަރެން މިހުންނަނީ ލަދުން ބުނަންވެސް ނުކެރިފައެވެ. އަހަރެންގެ އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. އޮފީހުން ލޯނެއް ނެގިފައި އޮތީމާ މުސާރައިން ކަނޑައެވެ. ހުރިހާ ގޮތަކުން އަހަރެން ދަރަނިވެރިކުރުވާފައި އެއަންހެންކުއްޖާ ފިލައިފިއެވެ. ސޭވިންގްސް ހުސްވީ އޭނާއަށް ޚަރަދުކޮށެވެ. ތިއަ ލޯނުވެސް ޚަރަދުކުރީ އޭނާއަށެވެ. އޮފީހުން ނެގިލޯނުވެސް ޚަރަދުކުރީ އޭނާއަށެވެ. އަތްމަތި އެކުގައި ހުސްވީމާ ލަދެއް ނެތި އޭނާގެ ބޯއިފްރެންޑް މިގެއަށް ގެންނަން ފެށީއެވެ. ފަހުން އެނގުނީ އަހަރެންގެ އަތުން ފައިސާ ހޯދައިގެން އޭނާ ޚަރަދުކުރީ އެފިރިހެންކުއްޖާއަށް ކަމެވެ. އެހުރިހާ ދެރައެއް ދީފައި މިހާރު ގުޅީމާ ފޯނު ނުނަގާތަނުގައި ނަންބަރުވެސް ވަނީ ބްލޮކްކޮށްފައެވެ. އަހަރެންނަށް މާފްކުރާށެވެ."
އެހިސާބަށް ވާހަކަ ދެއްކިތަނާ ފިރިމީހާ ގެއަށް އަތުވެއްޖެއެވެ. އަދި ހާސްވެފައި ހުރުމުން ސުވާލުކުރުމުން ގުޅީ ކުރީގެ ފިރިމީހާއަށް ކަމާއި ގުޅަންޖެހުނު ސަބަބު ކިޔައިދިނީމެވެ. ދެއްކި ވާހަކަތައް ވެސް ކިޔައިދިނުމުން އެލޯނު ނަގާފައިވަނީ އަހަރެންގެ ނަމުގައިކަމަށްވުމުން ފިރިމީހާ ލޯނު އަދާކުރިއެވެ. ނަމަވެސް އެފައިސާ އަނބުރާ ދައްކަން ބުނަން އެދުނެވެ. ފިރިމީހާގެ ކުރިމަތީގައި އޭނާއަށް ގުޅީމެވެ. އަދި ބޭންކްސްލިޕް ވައިބަރވެސްކުރީމެވެ. އަޅުގަނޑަށް ދެއްވެވި ފިރިމީހާއަކީ ކިހައި ފެންވަރެއްގެ މީހެއްކަން އެނގުމުން މެސެޖުތައް ކުރަން ފެށިއެވެ. އެހިސާބުން އަހަރެންވެސް އޭނާގެ ނަމްބަރު ބްލޮކްކޮށްލީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ތަނަކުން ރީތި، ޒުވާން އަންހެންކުއްޖަކު ފެންނައިރަށް މޮޔަވެ ތިމާއަށް އިޚްލާޞްތެރި އަނބިންނަށް ރަޙުމްނުކޮށް ނިކަމެތިކުރާ މީހުންނަށް ގިނަފަހަރު ޖެހިފައިހުންނާނީ މިފަދަ ނިކަމެތި ޙާލެވެ. ހާހަކުން ފަހަރަކު ނޫނީ ކަރުނައަޅަން ނުޖެހި ސަލާމަތެއް ނުވެވޭނެއެވެ. އަބަދުހެން މިފަދަ ކަންކަން ހިނގަމުންދާއިރުވެސް ޢިބްރަތް ޙާޞިލުކުރެވެނީ ހަމަ މަދު މީހަކަށެވެ.
- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް