އޭނާ ސައިކަލް ދުއްވަމުން އައީ ހުޅުމާލެއިން މާލެއަންނަން ހުލުމާލޭ ކޮޅުން ބްރިޖަށް އެރުމަށެވެ. ކަންދިމާވިގޮތުން އޭނާ ޓްރެފިކް ލައިޓަކަށް ނުބަލައެވެ. ވެހިކަލްތައް ކުރިއަށް ދުއްވާތީ ކުރިއަށް ދުއްވީއެވެ. އިނީ އިސްދަށަށް ޖަހައިގެންނެވެ.
ކުއްލިއަކަށް ލައިޓަށް ބަލައިލެވުނުއިރު ރަތްވަނީއެވެ. ކުރީގައި އޮތް ސައިކަލް ކުއްލިއަކަށް ބުރެކިޖެއްސީއެވެ. އެއިން ނައްޓާނެ ފުރުޞަތު ލިބުމުން ތެޅިފޮޅިގަނެވުނެވެ. ހެދުނުހެދުމެއް ނުއެނގުނެވެ. ސައިކަލް އެގޮތް މިގޮތްވެފައި އެސައިކަލުން ނެއްޓި އަރިމައްޗަށް ހުޓުނެވެ.
އެއީ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާ މީހެކެވެ. ޤަވާޢިދުން ފަތިސްނަމާދުކޮށް ޤުރްއާން ކިޔަވާ މީހެކެވެ. ދެއިރުގެ ޛިކުރުތައް ކިޔަވާ މީހެކެވެ. މިވާހަކަ ކިޔައިދީފައި އޭނާ ބުނީ އެޙާލަތުގައި އޭނާ ސަލާމަތްވީ އޭނާގެ ބާރުން ނޫން ކަމަށާއި އެއީ ކޮންމެވެސް އެހެން ގޮތަކުން މެދުވެރިވި ކަމެއް ކަމަށެވެ. ﷲ ތަޢާލާ އޭނާ ސަލާމަތްކުރެއްވެވީ ކަމަށް ޤަބޫލުކުރާ ކަމަށެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ނަމާދުތައް ކުރަން ޚާއްޞަކޮށް ފަތިސްނަމާދުކުރުމަށާއި ޛިކުރުތައް ކިޔަން އާދަކުރަން ހިތްވަރު ލިބިލައްވާނެއެވެ. އަދި ދަރިން ލައްވައި ނަމާދުކުރުވައި ޛިކުރުތައް ކިޔުއްވަންވެސް ބޭނުންވެލައްވާނެއެވެ. އިން ޝާ ﷲ
އަޅުގަނޑުމެންގެ ހުންނަނީ އެންމެ ދަރިފުޅެކެވެ. އެއީ 10 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާއަކީ އަބަދުވެސް ކޮންމެވެސް މޮޅުކަމެއްކޮށްލަން ބޭނުންވާ ކުއްޖެކެވެ. އެހެންވެ އެހެން މީހުންނަށް ނުކުރެވޭ ކަންކަން ކުރަން ވަރަށް ބޮޑަށް ޝައުޤުވެރިވާ ކުއްޖެކެވެ.
އެއީ ހުކުރު ދުވަހެކެވެ. ގަރާޖު ހުޅުވައި ކާރުގެ ބައެއްކަންކަން ކޮށްލުމަށްފަހު ދޮރު އެކުގައި ނުލައްޕައި ބެހެއްޓީ ހުކުރުން އައިސް އެންމެން ދަތުރަކުދާން ރާވާފައި އޮތުމުންނެވެ. ދޮރުފަތަކީ ނުވަތަ ޝަޓަރަކީ މަތިން ތިރިއަށް، ތިރިންމައްޗަށް ހުޅުވައިލައްޕާއެއްޗެކެވެ. ވީމާ ތަޅުމުގައި ނުޖައްސައި ބެހެއްޓީ ވައިވައްދައި ވަސްގަނޑު ރަނގަޅުކޮށްލުމުގެ ބޭނުމުގައެވެ.
ކުޑައިރުކޮޅެއްވެސް ނުވަނީސް އަނބިމީހާ ބާރަށް ރޮއިގަތް އަޑު އިވުމުން ދުވެފައި ދިއައިރު ދަރިފުޅުގެ ބޯވަނީ ޝަޓަރާއި ތަޅުންގަނޑާއިދޭތެރޭގައި ފިތި ބާރުވެފައެވެ. މައްޗަށް ހިއްލަން ބަލައިލިއިރު ޝަޓަރުހުރީ ތާށިވެފައެވެ. އެހެންވެ ހިއްލައިލެވުނީ ދަށަށް ދަގަނޑެއް ލައްވައިގެން އެތައް މަސައްކަތެއް ކޮށްގެންނެވެ.
ދަރިފުޅު އޮތީ ހޭނެތިފައެވެ. ނަމަވެސް އެވަރުންވެސް ބޯފަޅައިގެން ގޮސްފައެއް ނެތެވެ. ލޭފޮދެއް ފެންނަން ހުރީ ވަރަށް ކުޑަކުޑަ ތަންކޮޅެއްގައެވެ. އެމްބިޔުލާންސް ގެނެސްގެން ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބަލާފައި އިމަރޖެންސީ ޔުނިޓުގައި ފަރުވާދޭންފެށިއެވެ.
އެވަގުތު އަނބިމީހާ ނަގާފައިހުރި ފޮޓޯތަކާއި ވީޑިއޯ ދެއްކުމުން ޑޮކްޓަރުންވެސް އެންމެ ބޮޑަށް ޙައިރާންވީ ބޮލަށް ލިބުނު އެއްވެސް އަނިޔާއެއް ބޭރުފުށުން ފެންނަން ނެތުމުންނެވެ. އަދި ސިކުނޑީގެ މަސައްކަތްތައް ފުރިހަމައަށް ކުރާތީއެވެ.
ދަރިފުޅު ހޭއެރީ 3 ދުވަސްފަހުންނެވެ. ހެދި ސްކޭންތަކާއި އެމްއާރުއައިތަކުން އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވުނެވެ. އަދި ކުއްޖާގެ ކިބައިން އެއްވެސް ތަފާތެއް ނުވަތަ މައްސަލައެއްވެސް ފާހަގައެއް ނުކުރެވެއެވެ. އޮތީ ހަމަ ޢާންމު ޙާލަތުގައެވެ.
އެހެންކަމާއިއެކުވެސް ޑޮކްޓަރުން ބޭނުންވީ އޮބްޒާވްކޮށްލަން 3 ދުވަހު އިތުރަށް ބާއްވާށެވެ! ދޫކޮށްލަމުން ބުނީ މިހާދިސާ އާއި ގުޅިގެން ކަންބޮޑުނުވާ ހަމައެންމެ ޑޮކްޓަރަކުވެސް ހޮސްޕިޓަލުގައި ނެތް ކަމަށެވެ.
މިކަމާއި ގުޅިގެން އަޅުގަނޑުމެން އެކުވެރި ބައެއް އިމާމުންނަށް މިމަޢްލޫމާތުދިނީމެވެ. ހުރިހާ އިމާމުންވެސް ފާހަގަކުރެއްވީ އެއް ކަމެކެވެ. އެއީ ދަރިފުޅަކީ ކުޑަކުއްޖެއްނަމަވެސް ހެނދުނާއި ހަވީރު (އުމުރާ ގުޅޭ ވަރަށް) ޛިކުރުކޮށް ﷲ ތަޢާލާގެ ރައްކައުތެރިކަން ހޯދާކުއްޖެއްކަމެވެ.
އަޅުގަނޑުމެންގެ ދަރިފުޅަށް 7 އަހަރުވީންސުރެ ފަތިސްނަމާދުކުރުވަމެވެ. އަދި ހެނދުނާއި ހަވީރު ހަށިރައްކަލަށްޓަކައި ކޮންމެހެން ކޮންމެހެން ކިޔަންޖެހޭ ޛިކުރުތައް ކިޔުއްވަމުއެވެ. 8 އަހަރުވީފަހުން ބުނާކަށް ނުޖެހެއެވެ. ފަތިސްނަމާދު ނިމުމާއިއެކު ޛިކުރުފޮތް ނަގައިގެން ކިޔަވަން އިނދެއެވެ. ސައިބޯނީވެސް ޛިކުރުކޮށް ނިމިގެންނެވެ.
އެއާދަ ހަރުލައްވަން އަޅުގަނޑުމެން މަސައްކަތްކުރީ އެސްފީނާ އާއި ސިހުރުން ދަރިފުޅު ސަލާމަތްކުރުމުގެ ބޭނުމުގައެވެ. ކޮންމެއަކަސް މިއީ ދަރިފުޅާއިމެދު ކަންތައް މެދުވެރިވިގޮތެވެ. ކަމުގެ ޙަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެންމެންނަށްވެސް ރައްކައުތެރިކަން މިންވަރުކުރައްވަވާ އަދި އެންމެހައި ނިޢްމަތްތައް މިންވަރުކުރައްވަވާ މާތް ﷲ އެވެ.
މިވާހަކަ ކިޔާފައި އަޅުގަނޑަށް ރޮވުނެވެ. އަޅުގަނޑަކީވެސް ކުޑަ 4 ދަރިންގެ މަންމައެކެވެ. ވީވަރަކުން ފަތިސްނަމާދުވެސް ކުރަމެވެ. ނަމަވެސް ދަރިންލައްވައި ފަތިސްނަމާދެއް ނުކުރެވެއެވެ. މަދުދުވަހަކު ފަތިސްނަމާދުކުރުވުނު ނަމަވެސް އެކަމަކީ ސަމާލުކަންދެވޭ ކަމެއް ނޫނެވެ. ޛިކުރުކުރަން ނުވެސް ބުނެވެއެވެ. ރޮވުނީ އަޅުގަނޑުކުށްބޮޑުކަން އިޙްޞާޞް ކުރެވުމުންނެވެ.
އަޅުގަނޑުގެ 4 ކުދިންގެ ތެރެއިން 2 ކުދިންނަށް ވަނީ 7 އަހަރުފުރިފައެވެ. މިވާހަކަ އަޅުގަނޑުގެ ދަރިންނަށްވެސް ކިޔައިދިނީމެވެ. އެ 2 ކުދިން މިހާރު ފަތިސްނަމާދަށް ހޭލަން ފަށައިފިއެވެ. ޛިކުރުކުރަންވެސް ފަށައިފިއެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭނަމެވެ.
އަޅުގަނޑު އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް މިވާހަކައިން ޢިބްރަތްތަކެއް ލިބޭނެ ކަމަށެވެ.
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް