ކިތަންމެ ބޮޑަށް ލޯބިވިނަމަވެސް ދެމަފިރިއެއްގެ ދެމެދަށް ވަދެގެން ނުވާނެކަމާއި ވަދެގެންފިނަމަ ޢުމުރަށް ހިތާމަކުރަންޖެހޭކަން އެއީ އަބަދުހެން އެނގެމުން އަންނަ ކަމެކެވެ. ނަމަވެސް އަމިއްލަ އެދުން ބޮޑުކަމުން އެނުބައި ޢަމަލުވެސް ގިނަ ބައަކު ކުރެއެވެ. ނަތީޖާ ހިތިކަން ތަޖުރިބާކުރަންވެސް ގިނަ ބައަކަށް ޖެހެއެވެ.
ތިރީގައި އެވަނީވެސް އެފަދަ ޙާދިސާއެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ!
އަޅުގަނޑުމެން ދެމީހުން ކައިވެނިކުރީ ދެމީހުންވެސް ވަޒީފާގައި އުޅެމުންނެވެ. ކައިވެންޏަށްފަހު ފިރިމީހާގެ އެކުވެރިއަކު ފިރިމީހާއަށް އެހީތެރިވެދީގެން ފިރިމީހާ ކުޑަ ފިހާރައެއް ހުޅުވިއެވެ. އެފިހާރަ ހިންގަމުން އައިސް ވިޔަފާރި ފުޅައުވެ ބޮޑު ފިހާރައަކަށްވިއެވެ. ފިރިމީހާއަށް ތަނަވަސްކަން ލިބުނެވެ. ކައިވެންޏަށް 6 އަހަރުވީއިރު 2 ދަރިން ތިއްބެވެ. ދިރިއުޅެމުން އައީ އުފަލުގައެވެ. ހިތްހަމަޖެހިގެންނެވެ.
ހަމަ ކުއްލިއަކަށް ފިރިމީހާ އަޅުގަނޑާއި ދަރިންދެކެ ފޫހިވާން ފަށައިފިއެވެ. ކުރިން ދިން ސަމާލުކަން ދިނުން ހުއްޓާލައިފިއެވެ. ސަބަބެއް ނުއެނގުނެވެ. އެގޮތަށް ކަންތައް މެދުވެރިވަމުން އައިސް އެއްދާންކުރުންވެސް ހުއްޓާލައިފިއެވެ. އެކި ގޮތްގޮތުން ފިރިމީހާ ގާތުގައި އަހައިގެންވެސް ވީގޮތެއް އޮޅުމެއް ނުފިލިއެވެ. ފިރިމީހާ ބުނަނީ ސަބަބު ބުނެދޭން ނުއެނގޭ ކަމަށާއި ހަމަ ފޫހިވަނީ ކަމަށެވެ. އެކަން އެގޮތަށްވަނީ އަޅުގަނޑުގެ ކިބައިން ކޮންކުށެއް ފެނިގެންތޯ ސުވާލުކުރުމުން ބުނަނީ އެއްވެސް ކުށެއްވެސް ފާހަގަނުކުރެވޭ ކަމަށެވެ. އަހަރެއްހައި ދުވަހު އެފަދަ ގޮތަކަށް އުޅެފައި އަޅުގަނޑު ވަރިކޮށްލާފައި ހިނގައްޖެއެވެ.
ދުވަސްކޮޅަކުން އަޅުގަނޑުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ބަލައިގެން އުޅުނު ޝަޒޫ އާއި ކައިވެނިކޮށްފިއެވެ. އެހިސާބުން ވަރަށް ގިނަ ސުވާލުތައް އުފެދުނެވެ. ސަބަބަކީ ޝަޒޫއާއިމެދު ހިތްހަމަނުޖެހިގެން ފިރިމީހާ ވަނީ ކުރިން ވަރަށް ގިނަ ވާހަކަތައް ދައްކާފައި ކަމަށްވާތީއެވެ. އެހެންކަމަށްވާއިއރު ކުއްލިއަކަށް ޝަޒޫ އެހައި ކަމުދިއަ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ.
އެކަން އެގޮތަށް މެދުވެރިވުމުން އަޅުގަނޑުގެ މަންމަ ވަރަށް ނުބައި ތުހުމަތެއް ކުރިއެވެ. ޝަޒޫ ވަރަށް ގިނައިން ފޮނިކާއެއްޗެތި ގެނެސްދޭތީ މަންމަ ބުނީ ޝަޒޫ ކޮންމެވެސް ގޯހެއް ހަދައިފިކަމަށް ޝައްކުކުރެވޭ ކަމަށެވެ. އެކަން ޤަބޫލުކުރެވޭ ސަބަބެއްވެސް ފެނުނެވެ. އެއީ ވަރިކުރިފަހުން ޝަޒޫ ދުރުހެލިވުމެވެ. ކުރިން ގެނެސްދިން ގޮތަށް އެއްޗެތި ގެނެސްނުދޭތީއެވެ.
ކޮންމެއަކަސް އެއްވެސް މީހެއްގެ މައްޗަށް ނުބައި ތުހުމަތެއް ނުވަތަ ޔަޤީންނުވާ ކަމެއްގައި ޝައްކު ކުރުމަކީ ފާފައަކަށްވާތީ އެކަމަކަށް ނުވެސް ވިސްނަމެވެ. ނަމަވެސް ވަރުބަލިކަމެއް ނެތި ރެއާއި ދުވާލު ދަރިންނަށްޓަކައި އަޅުގަނޑުގެ ޙަޔާތަށް ރަނގަޅު ގޮތް މިންވަރުކުރެއްވެވުން އެދި ދުޢާކުރަމުން ގެންދިއައިމެވެ.
ޝަޒޫ އާއި ކައިވެނިކުރިތާ 2 ވަނަ މަހު ފިރިމީހާ އޭނާ ވަރިކޮށްލާފައި އަނެއްކާވެސް އަޅުގަނޑުގެ ގާތަށް އައިސް އަލުން ގުޅެން އެދިއްޖެއެވެ. ފާއިތުވި ދުވަސްތަކުގައި ހުރެވުނީ "ދެބަދޭތެރެއެއް"ގައި ކަމަށްބުނެ މާފަށް އެދުމުން ދަރިންގެ ޙައްޤުގައި މާފުކޮށް އަލުން ގުޅުނީމެވެ.
ފިރިމީހާ ޝަޒޫ ވަރިކުރިފަހުން 4 ކައިވެނިކުރިއެވެ. ކޮންމެ ކައިވެންޏެއްގައިވެސް ވަނީ ވަރަށް ކުޑަދުވަސްކޮޅެކެވެ. ދެމީހުންގެ މެދުގައި މާބޮޑު އެކުވެރިކަމެއް ނެތުމުން އެއްވެސް ސުވާލެއް ނުކުރަމެވެ.
އެހެން ހުއްޓާ އެއްރެއަކު ޝަޒޫ ފޯނުކޮށްފައި އުޅެނީ ބަލިވެކަމަށްބުނެ އެގެއަށް ގޮސްދިނުމަށް އެދުމުން ދިއައިމެވެ. ޝަޒޫ ބުނީ މިގެނައީ ވަރަށް ބޮޑު ވާހަކައެއް ކިޔައިދޭންވެގެން ކަމަށެވެ.
"ޢާސިޔާއެވެ! މިކިޔައިދެނީ ވަރަށް ލަދުވެތިވާންޖެހޭ ވާހަކައެކެވެ. ނަމަވެސް ކިޔައިނުދީވާނެ ގޮތެއް ނެތުމުން މިކިޔައިދެނީއެވެ. އަހަރެންނަށް ކުރެވުނީ މާފުކުރެވޭވަރުގެ ކަމެއްގެ ވާހަކައެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް މާފަށް ނޭދިހުއްޓައި މަރުވެއްޖެނަމަ ކަންކަން މެދުވެރިވެދާނެ ގޮތް މިހާރު ވިސްނޭތީ މިކިޔައިދެނީއެވެ.
ކަލޭގެ ފިރިމީހާ ކަލޭގެމަތިން ފޫހިކުރުވީ އަހަރެންނެވެ. އަހަރެން މީހަކު ލައްވައި ސިހުރު ހަދައިގެންނެވެ. އެއެއްޗެތި ކާންދީގެންނެވެ. އަހަރެންނާއި އޭނާ ކައިވެނިކުރީވެސް ހަމަ އެސިހުރުގެ ބާރުގައެވެ. ނަމަވެސް ކައިވެނިކުރިތަނާހެން ސިޙުރުގެ ބާރުކެނޑިއްޖެއެވެ. ދެން ދިމާވިކަމަކީ އެއްދާން ކުރަން އުޅުމުން އެކަމަށް ހުރަސް އެޅުމެވެ. ސިހުރުހަދައިދިން މީހާ ހޯދަން އުޅެ އޭނާއެއް ނުފެނުނެވެ. އޭނާ ވަނީ ފުރައިގެންގޮސްފައެވެ. ފޯނު އޮންނަނީ ނިއްވާލައިފައެވެ. ކުރި ހުރިހާ ކައިވެނި ރޫޅިގެންދިއައީ ހަމަ އެ މައްސަލައިގައެވެ. އެއްދާންކުރަން އުޅުމުން ގޮތްތަކެއްވެ އެކަން ނުކުރެވެނީއެވެ.
އެހެން ހުއްޓައި މިހާރު މިވަނީ މާބޮޑު ކަމެއް ކުރިމަތިވެފައެވެ. ރަޙިމުގައި އުފެދުނު މައްސަލައަކާއި ގުޅިގެން ކުރަންޖެހުނު އޮޕަރޭޝަނުގެ ސަބަބުން ދެން އެއްވެސް މީހަކާއި ކައިވެނި ކުރެވޭކަށްވެސް ނެތެވެ. މިކަންކަމަށް އަހަރެންގެ ހިތުގައި އެއްވެސް ކަންބޮޑުވުމެއް ނެތެވެ. މިއކަންކަން ކުރިމަތިމިވީ އަހަރެންނަށް ކުރެވުނު ނުބައި ފާފައިގެ ސަބަބުންކަން ހިތުގެ އަޑިން ޤަބޫލުކުރަމެވެ.
އަހަރެން އާސިޔާ މިގެނުވީ މިވާހަކަތައް ކިޔައިދޭށެވެ! އަހަރެންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއްކަމާއި އަދި އެއީ ވަރަށް ބޮޑު ފާފައެއްކަން މިހާރު ވިސްނިއްޖެއެވެ. ދެން ދިމާވާނީ ކޮންފަދަ މުޞީބާތެއްކަމެއްވެސް ނުއެނގެއެވެ. އަހަރެންގެ ޙާލުގެ ވާހަކަ މިކިޔައިދިނީ އަހަރެންނަށް ހަމްދަރުދީވުމުގެ ގޮތުން ނަމަވެސް މާފުކޮށްދޭތޯ އާދޭސްކުރާށެވެ! ނުލާހިކު ލޯބިން އުޅުނު ދެމަފިރިން މިވަނީ ދުރުކުރެވިފައެވެ. އަދި އެންމެ ގާތް އެކުވެރިޔާ އާއިމެދު އެގޮތަށް ކަންތައް ކުރެވުނުކަން އެއީ ހެދުނު އެންމެ ބޮޑު ގޯސްކަމަށްވެސް ޤަބޫލުކުރަމެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. އެގޮތަށް އެކަން ކުރެވުނީ އޭނާގެ ތަނަވަސްކަމަށް ދަހިވެތިވެގެނެއް ނޫނެވެ. އޭނާ ދެކެ ވަރަށް ކުރިންސުރެ ލޯބިވެވޭތީއެވެ. އާސިޔާ އާއި އޭނާ ކައިވެނިކުރުމުގެ މާކުރިންސުރެ އަހަރެން އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް އެކަމުގެ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެކަން އޭނާއަކަށް ނުވެސް އެނގޭނެއެވެ."
ވާހަކަތައް ކިޔައިދީފައި އަހަރެންގެ ގައިގައި އޮޅުލައޮޅުލާފައި ރޯން ފަށައިފިއެވެ. ﷲ އަންގަވާފައިވަނީ މާފަށް އެދުނު މީހަކަށް މާފުކުރަން ކަމަށްވުމުން އަހަރެން އެކުވެރިޔާއަށް މާފުކުރީމެވެ. ނަމަވެސް ކުރިން ގޮސްއުޅުނު ގޮތަށް ގެއަށް ގޮސް ނުއުޅުމަށް އެދުނީމެވެ. އެއީ ނުބައި ޝައްކެއް ކުރަން ބޭނުން ނުވާތީއެވެ. އޭނާ ގެއަށް ނުދިއަ ނަމަވެސް އަހަރެން އޭނާގެ ޙާލު ބަލާނެ ކަމަށްވެސް ބުނީމެވެ.
އަޅުގަނޑު ބުނީމެވެ. "އަހަރެން މާފުކޮށް ހިތްހަލާލުވެސް ދީފީމެވެ. އެއަށްވުރެ މުހިންމީ ތައުބާވެ ކުރެވުނު ފާފަތައް ފުއްސަވައިދެއްވެވުން އެދުމެވެ. އެކަމަށް ފަރުވާތެރިވާށެވެ. ފާފަފުއްސަވައިދެއްވަވައިފިނަމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ." އެހެން ބުނެފައި ހެޔޮދުޢާކުރަމުން އައީއެވެ.
މިހާރު އަޅުގަނޑުގެ އުމުރުން 58 އަހަރެވެ. އެކުވެރިޔާގެ އުމުރުން 51 އަހަރުގައި ނިޔާވީ ވަރަށް ބޮޑަށް ބަލިވެއުޅެފައެވެ. އެއިރުވެސް މިހާރުވެސް އެކުވެރިޔާއަށްޓަކައި ހެޔޮދުޢާކުރަމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިވި އެންމެ ބޮޑުކަންތަކުގެ ވާހަކައެވެ. ބޭނުމީ އެކުވެރިޔާ ބަދުނާމުކުރުމެއް ނޫނެވެ. ބޭނުންކޮށްފައި އެވަނީ އަޞްލު ނަމެއްވެސް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ތިބޭ މީހުންވެސް އަދި އެނޫން މީހުންވެސް މިބާވަތުގެ ބޮޑެތި ފާފަތަކަށް އަރައިނުގަތުމަށް ބުނުމެވެ. އެކެއްގެ ދިރިއުޅުމުގައި އަލިފާން ޖަހާފައި ތިމާއަށް ރަނގަޅު ގޮތެއް މެދުވެރިވެދާނެ ކަމަށް ހީވެސް ނުކުރާށެވެ. އެމީހަކު ކުރިކަމެއް ލަހުން ނަމަވެސް އަވަހަށް ނަމަވެސް އެމީހަކާއި އަރާހަމަކުރާނެކަން ޤަބޫލުކުރަން ބުނުމެވެ.
- އާސިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް