ޢިބްރަތްތެރި ވާހަކަ: ނިކަމެތި އަންހެންކުއްޖަކު ވަޒީފާއިން ވަކިކޮށް ދެރައެއް ނުދޭން ތަނަވަސް ލޯބިވެރިޔާއާ ވަކިވި ތަނަވަސްކަން ކުޑަ ޒުވާނެއްގެ ވިޔަފާރި މާބާރަށް ކުރިއަރާ ދިއަ ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 11ސ
ޢިބްރަތްތެރި ވާހަކަ: ނިކަމެތި އަންހެންކުއްޖަކު ވަޒީފާއިން ވަކިކޮށް ދެރައެއް ނުދޭން ތަނަވަސް ލޯބިވެރިޔާއާ ވަކިވި ތަނަވަސްކަން ކުޑަ ޒުވާނެއްގެ ވިޔަފާރި މާބާރަށް ކުރިއަރާ ދިއަ ގޮތުގެ ވާހަކަ-

ޔަޤީން ކުރާށެވެ! ނިކަމެތިންގެ އަތުގައި ނަޤުދު ފައިސާތަކެއް ނުހުންނާނެއެވެ! އެމީހުންނަށް ނިކަމެތިން ކިޔަނީވެސް އަތުގައި ފައިސާތަކެއް ނުހުންނާތީއެވެ. ނަމަވެސް އެމީހުންނާއިއެކުގައި ﷲ ތަޢާލާގެ ރަޙްމަތްވާނެއެވެ.

ކިތަންމެ ބޮޑު ތަނަވަސްކަމެއްގެ ދަހިވެތިކަމުގައިނަމަވެސް ނިކަމެތި މީހަކަށް އަނިޔާވެރިވެއްޖެނަމަ އެކަން އެމީހަކާއި ބައްދަލުކުރާނީ ވަރަށް ހިތިކޮށެވެ. ނިކަމެތިންނަށް އެހީތެރިވާނަމަ ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ލައްވަވާނެތެވެ.  

ތިރީގައިވާ ވާހަކައަކީ އެކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވަޒީފާގައި ގެންގުޅޭ ނިކަމެތިންނަށް ދެރަގޮތް ހަދާ މީހުންނަށް އަގުހުރި ފިލާވަޅެކެވެ. ވާހަކަ ވިދާޅުވެލައްވާށެވެ.  

އަޅުގަނޑަކީ އެންމެ ކުޑައިރުންސުރެ އަމިއްލަ މަސައްކަތުން ކުރިއަރައި ތާހިރު ތަނަވަސް ދިރިއުޅުމެއް އުޅެން ބޭނުންވި މީހެކެވެ. އެކަމަށް ކުރަމުން މަސައްކަތުގައި ކުރިއެރުން ލިބި އުމުރުން 22 އަހަރުގައި ކުޑަ ފިހާއެއް ހުޅުވޭގޮތްވިއެވެ. ފިހާރައިގައި 2 މުވައްޒިފުން ގެންގުޅެމެވެ. އެއީ ޢުމުރުން ދުވަސްވީ ފިރިހެނަކާއި މައިންބަފައިން ނިޔާވެފައިވާ ވަރަށް ނިކަމެތި އަންހެން ކުއްޖެކެވެ.  

އެދުވަސްވަރު ލޯބީގެ ގޮތުން އަންހެނަކާއި ގުޅުނީމެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މައްސަލައެއް ކުރިމަތިވިއެވެ. އެއީ ލޯބިވެރިޔާ ބޭނުންވަނީ އެނިކަމެތި އަންހެންކުއްޖާ ވަޒީފާއިން ވަކިކުރުމަށެވެ. ނަމަވެސް އެކަންކުރަން އަހަރެން ބޭނުމެއް ނުވިއެވެ. ކުށެއް ނެތި އެއްވެސް މީހަކަށް ދެރައެއް ދިނުމަކީ ކުރަން ބޭނުންކަމަކަށް ނުވާތީއެވެ. އެއްވެސް މީހަކަށް ޚާއްބަކޮސް ނިކަމެތި ކުއްޖަކަށް އަނިޔާއެއް ދޭން ބޭނުންނުވާތީއެވެ.  

އެއްދުވަހަކު ލޯބިވެރިޔާ ބުނީ އެކުއްޖާ ވަޒީފާއިން ވަކިކޮށްފިނަމަ ވިޔަފާރި ފުޅައުކުރަން މިލިއަނެއްހައި ރުފިޔާ އޭނާގެ ބައްޕަގެ އަތުން ހޯދައިދޭނެ ކަމަށެވެ. ހުށަހެޅުމަށް ވަގުތުން ދެކޮޅުހެދީމެވެ. ބުނީމެވެ. "އެއްވެސް އިންސާނަކަށް ދެރައެއް ދީފައި ތަނަވަސްކަން އިތުރުކުރާކަށް ބޭނުމެއް ނުވެއެވެ. ތިއަ ފައިސާ ނުލިބުނަސް އަހަރެންގެ ވިޔަފާރި އަންނަނީ ކުރިއަރަމުންނެވެ. އަދި ތިއަ ފައިސާ ހޯދިނަމަވެސް ކަންކަން ކުރިއަރާނީ ﷲ މިންވަރުކުރެއްވެވި ވަރަކަށެވެ. ވީމާ ތަނަވަސްކަން ހޯދަން ﷲ ރުހިވޮޑިނުގަންނަވާ މަގުން އެއްވެސް ކަމެއް ކުރާކަށް ނެތީމެވެ. ހަމަ ޔަޤީނުންވެސް ކުށެއް ނެތި މުވައްޒިފުން، އެއީ ކިތަންމެ ދެރަ ނިކަމެތި މީހެއް ނަމަވެސް، ވަޒީފާއިން ވަކިކުރުމަކީ ﷲ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. ވީމާ އަހަރެން ކަލޭގެ އަތުން އެއްވެސް ފައިސާއެއް ބޭނުމެއް ނޫނެވެ. އެއިގެ އިތުރުން އަހަރެމެން ދެމީހުންނަކީ އެކުގައި އުޅެވިދާނެ ބައެއް ކަމަކަށްވެސް މިހާރަކު ޤަބޫލެއް ނުކުރަމެވެ. ސަބަބަކީ ކަލޭގެ ހިތުގައި ނިކަމެތިންނަށް ރަޙުމެއް ނެތެވެ. އަހަރެން ބޭނުންވަނީ ނިކަމެތިންނަށް ރަޙުމްކުރާ މީހަކަށްވާށެވެ." އެހިސާބުން ދެމީހުންގެ ގުޅުން ނިމުމަކަށް ގެނައީއެވެ.  

އަޅުގަނޑު އަޅުގަނޑުގެ މަސައްކަތާއިގެން ކުރިއަށް ދިއައީމެވެ. ބުރަކޮށް މަސައްކަތްކުރީމެވެ. ނަތީޖާވެސް ދިއައީ ފެންނަމުންނެވެ. މިބުނީ މަސައްކަތް މަޑުމަޑުން ކުރިއަރަމުންދިއަ ވާހަކައެވެ.  

އެއްދުވަހެކެވެ. އަޅުގަނޑުގެ ބޭބެ ފިހާރައަށް އައިސް އަޅުގަނޑުކުރާ މަސައްކަތް ބަލާފައި ބުނީ މަސައްކަތުގައި ކުރިއަށްދާން އެހީވުމުގެ ގޮތުން އެއްވެސް ޝަރުޠެއް ނެތި ފައިސާކޮޅެއް ދޭނެ ކަމަށެވެ. ފިހާރައަށް ފައިދާވާވަރަކުން އަނބުރާ ދައްކަނިކޮށް ނިމުނީ ކަމަށާއި އަދި ދިމާވާ ގޮތަކުން އަނބުރާ ނުދެއްކުނު ނަމަވެސް އެއްވެސް މައްސަލައެއްވެސް ނެތްކަމަށެވެ.  

އެހެން ބުނެފައި އެއިގެ 2 ދުވަސްފަހުން އެކަށީގެންވާ ގިނަ އަދަދެއްގެ ފައިސާ އަޅުގަނޑަށް ދިނެވެ. ފައިސާ ލިބުމުން ފިހާރަބޮޑުކޮށްލީމެވެ. ގިނަ މުދައު ވެއްދުމުން ވިޔަފާރި ބޮޑުތަނުން އިތުރުވެގެންދިއައެވެ.  

އެއިގެ 2 އަހަރުފަހެވެ. މީހަކާއިނީމެވެ. ނަމަވެސް ވަރަށް ފަޤީރު ނިކަމެތި ކުއްޖަކާއެވެ. އަދި  އަޅުގަނޑުގެ ވަޒީފާއި ގެންގުޅޭ އެނިކަމެތި އަންހެން ކުއްޖާއަށް ހެޔޮލަފާ ފިރިއަކުވެސް ހޯދައިދިނީމެވެ.  

އެއިގެ 5 އަހަރުފަހެވެ. އަޅުގަނޑުގެ ބޮޑު 2 ފިހާރަހުރެއެވެ. އެތަނުން މަޖީދީމަގު ފިހާރައިގާ އިންދާ ކުރީގެ ލޯބިވެރިޔާ ބާޒާރުކުރަން ހިނގަމުން ފިހާރައަށް ވަނެވެ. އޭނާ ބުނީ އަޅުގަނޑުގެ ކަންކަން ވަރަށް ގާތުން ބަލާކަމަށާއި ވިޔަފާރީގައި ލިބުނު ކުރިއެރުމާއި ކައިވެނިކުރިކަންވެސް އެނގޭ ކަމަށެވެ. ދެމީހުން ވާހަކަދައްކަން ތިއްބާ ލޯބިވެރިޔާ ނަފްރަތުކުރި، ނުވަތަ އަޅުގަނޑާއިމެދު ނުބައިކޮށް ޝައްކުކުރި ނިކަމެތި އަނހެންކުއްޖާ އައިސް އަޅުގަނޑު ލައްވައި އެއްޗެއްގައި ސޮއިކުރުވައިގެން ދިއުމުން ބުންޏެވެ.  

"އަދިވެސް އޭނާ އެބަ ގެންގުޅެންދޯއެވެ. އެސައިކަލު ދުއްވަން އިނީ އޭނާގެ ފިރިމީހާދޯއެވެ!" އެހެންބުނުމުން ބުނީމެވެ. "އާނއެކެވެ! ދެމަފިރިންވެސް މަސައްކަތްކުރަނީ އަހަރެންގެ ވަޒީފާގައެވެ. އަހަރެންނަށް ކުރިއެރުން ލިބުނު ސަބަބަކީ ނިކަމެތި ކުދިންނަށް އެހީތެރިވުން ނޫންކަމެއް އެނގެނީ ކިހިނަކުން ހެއްޔެވެ؟"  

ބުނާނެ އެއްޗެއް ނުއެނގި ހުރެފައި ދަމުން ބުނީ އޭނާ މީހަކާ އިނދެފައި މިހާރު ހުރީ ވަރިވެގެން ކަމަށާއި އަޅުގަނޑު ދެކެ އަދިވެސް ލޯބިވާ ކަމަށާއި ދެއަންތބަށް ވެސް ކައިވެނިކޮށްފާނެ ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "އަޅުގަނޑުގެ އަނބިމީހާއަކީވެސް މައިންބަފައިން ވަރަށް ނިކަމެތި ފަޤީރު ކުއްޖެއް ކަމަށާއި ނިކަމެތިކުދިން ހިތުގައި ޖައްސަން ހެޔޮނުވާނެ ކަމަށެވެ. އަދި އަނބިމީހާ ދެރަވެ ހިތުގައި ޖެހޭނެ ފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމަކީވެސް ﷲ ދެއްވެވުމުން ލިބޭނެ އެއްޗެއް ކަމަށެވެ."  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ނިކަމެތިންނަށް ހެޔޮކޮށް ހިތައި އެހީތެރިވާނަމަ ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެކަން އަޅުގަނޑަށް މިވަނީ ތަޖުރިބާ ކުރެވިފައެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ މުޅި ޙަޔާތް ހޭދަކުރާނީ މިގޮތުގައެވެ.  

- ރާޝިދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން