ފުރަތަމަވެސް ބުނަންއޮތީ މިވާހަކައިގެ ބަޠޮލާއަށް އެވޯޑެއްދޭނަމަ ރަނުން ހަދާފައި ހުރި އެއްޗެއް ދިނަސް ނުފުދޭނެއެވެ. ދޭންޖެހޭނީ އެންމެ އަގުބޮޑު ޕްލެޓިނަމުން ހަދާފައިހުރި އެވޯޑެކެވެ. ސީމާގެ ވިސްނުމަށާއި ނިންމުންތަކަށް ބަލައިފިނަމަ އެގޮތަށް ކަންތައް ކުރެވޭނެ އަންހެނަކު މިޒަމާނުގެ އެއްހާސް އަންހެނުންގެ ތެރެއިންވެސް ފެންނާނެކަމަށް ބުނަންވެސް އުނދަގުލެވެ.
މިވާހަކައިން އެނގިގެންދަނީ ދެމީހުންގެ މެދުގައި އޮންނަންޖެހޭ ލޯބީގައި ތެދުވެރިވެފައި ﷲ ތަޢާލާއަށް ތެދުވެރިނަމަ ހީވެސް ނުކުރެވޭފަދަ ބޮޑެތި ނިޢުމަތްތައް ލިބިގެންދާނެ ކަމެވެ. ﷲ ތަޢާލާގެ ރަހްމަތް އޮހެމުންދާނެ ކަމެވެ.
ވާހަކަ ވިދާޅުވެ މިކަންކަން ޔަޤީންކޮށްލައްވާށެވެ!
އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަމަށް ނިންމީ އެކުވެރިކަމުގައި އަހަރެއްހައި ދުވަހު އުޅެފައެވެ. އަހަރެމެން ކައިވެނިކުރަން ނިންމީ ލޯބިވެރިންގެ ގޮތުގައި 2 އަހަރަށްވުރެ ގިނަ ދުވަހު އުޅުމަށްފަހުގައެވެ.
ކައިވެނިކުރާ ތާރީޚް ކަނޑައެޅިއްޖެއެވެ. ރަންކިޔައި ކައިވެނިކުރަން ފޯމުލެވިއްޖެއެވެ. ކައިވެނީގެ ޙަފްލާއަށް ދައުވަތުކާޑު ބެހިއްޖެއެވެ. ޖުމުލަކޮށްބުނާނަމަ ކައިވެންޏަށް ވާންޖެހޭ ހުރިހާތައްޔާރީތަކެއްވެ ނިމުނުފަހުން އެނގުނީ ކައިވެނިކުރެވެން މިއުޅޭ ފިރިމީހާއަކީ ވަރަށް ބޮޑަށް ހިތުގެ މައްސަލަ ހުރި މީހެއްކަމެވެ.
އެކަން އެނގުން ލަސްވީ އޭނާ ސިއްރުކުރުމަކުން ނޫނެވެ. އޭނާއަށްވެސް ނުއެނގިއޮތީއެވެ. އެކަން އެނގުނީ އާދައާ ޚިލާފަށް ވަރުބަލިވާތީ ޑޮކްޓަރުންނަށް ދެއްކުމުންނެވެ. ޑޮކްޓަރުން އެކަން ފުރަތަމަ ފަހަރަށްވެސް ބުނީ ހަމަ އަޅުގަނޑުގެވެސް ކުރިމަތީގައެވެ.
ޑޮކްޓަރުބުނީ ވަރަށް ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި ހިތަށް ހޮޅިތަކެއް ލައްވައި ވޭލްތަކެއްވެސް ލައްވަން ޖެހޭ ކަމަށެވެ. އަދި އޮޕަރޭޝަނަށްފަހު ބުރަ މަސައްކަތްކުރަން އުނދަގޫވާނެކަމަށާއި އުޅެންޖެހޭނީ ހިތަށް ބާރުބޮޑުނުވާގޮތަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ.
ޑޮކްޓަރުގެ ކޮޓަރިން ނުކުމެވުމާއިއެކު ފުރަތަމަ ސުވާލަކަށްވެސްވީ ދެންވެސް އަހަރެންނާއި ކައިވެނިކުރާނަން ހެއްޔެވެ؟ ޖަވާބުގައި ބުނީމެވެ. "ކައިވެނިކުރާނީއެވެ. ޙާލަތު ބަދަލުކުރެއްވެވުމާއި ޝިފާ ދެއްވެވުން ވަނީ ﷲ ގެ ޙަޟްރަތުގައި ނޫންހެއްޔެވެ؟ ކުރިން މަރުވާނީ ކާކުކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ކޮންމެ މީހަކާއިވެސް އެންމެ ގާތުގައި ވަނީ މަރުނޫންހެއްޔެވެ؟"
އޭނާގެ ޙާލަތު އެނގުމުން އަޅުގަނޑުގެ ހުރިހާ އެކުވެރިންވެސް އަދި ޢާއިލާގެ މީހުންވެސް ބޭނުންވީ ކައިވެނި ނުކުރުމެވެ. ނޫން ނަމަ މަޑުޖައްސައިލުމެވެ. ނަމަވެސް އަޅުގަނޑު ބޭނުންވީ ކައިވެނި އަވަސްކުރުމަށެވެ. އަޅުގަނޑު ސުވާލުކުރީމެވެ. "މިއީ އަޅުގަނޑަށް ދިމާވި ޙާލަތަކަށްވެ، އޭނާ ކައިވެނިކުރަން ދެކޮޅުހެދިނަމަ ކަލޭމެން ބުނާނީ ކީކޭހެއްޔެވެ؟ ހަމަ ތިއަހެންހެއްޔެވެ؟"
ކޮންމެއަކަސް ކަނޑައެޅިފައި އޮތްގޮތަށް ކައިވެނިކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް ކައިވެނިކުރީއެވެ. ކައިވެނިކުރިތަނުން ފިރިމިހާގެ ބައްޕަ 2 މީހުންނަށް ޢުމުރާ ދަތުރެއްދީފިއެވެ. ދެމީހުން ޢުމުރާވުމަށް ގޮސްތިބެގެން ކުރިކަމަކީ އަޅުކަމުގެ އިތުރުން ޒަމްޒަމްފެން ވީހާ ގިނައިން ބުއިމާއި ދުޢާކުރުމެވެ.
14 ދުވަހު މައްކާ އާއި މަދިނާގައި އުޅުމަށްފަހު އެނބުރި މާލެ އައުދެވުނީ 16 ވަނަ ދުވަހުއެވެ. އައުދެވުނުއިރު ތިބީ ވަރަށް ބޮޑަށް ރޯގާ ޖެހިފައެވެ. އެކަމުން ސަލާމަތްވުމުން ޑޮކްޓަރަށް ދައްކަން ބުނުމުން ފިރިމީހާ ބުނީ އޭނާއަށް އިތުރު އުނދަގުލެއް ނުވާނަމަ އިހަށް މަޑުކޮށްލާނީ ކަމަށެވެ. ބޭނުންވަނީ ފައިސާކޮޅެއް ޖަމާކޮށްލެވުނީމާ ބޭރަށް ގޮސް ބޭރުގެ ޑޮކްޓަރުން ބުނާ އެއްޗެއްވެސް އަޑުއަހާލުމަށްފަހު އޮޕަރޭޝަންކުރަން ކަމަށެވެ.
ކޮންމެއަކަސް އެމަޑުކުރިގޮތަށް އަހަރުދުވަސްވަންދެން މަޑުކޮށްފައި ޢާއިލާގެވެސް އެހީތެރިކަމާއިއެކު ދިއައީ ބެންކޮކަށެވެ. ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ބުނީ މާލެއިން ހެދި ޓެސްޓްތައް ރަނގަޅު ކަމަށާއި އެއީ ހަމަ އެއިރު ކަންކަންހުރި ޙާލަތު ކަމަށެވެ. ނަމަވެސް މިހާރުގެ ޙާލަތަށް ބަލައިފިނަމަ އެއްވެސް އޮޕަރޭޝަނެއް ކުރަން ނުފެންނަކަމަށާއި އަހަރަކު އެއްފަހަރު ޓޭސްޓްތައް ހަދަމުން ގެންދިއުމުން ރަނގަޅުވާނެ ކަމަށެވެ.
އެންމެ ފުރަތަމަ ފެނުނު މައްސަލަތައް ފެނުމުން އޮޕަރޭޝަން ނުކޮށް ޝިފާލިބުން ޑޮކްޓަރުން ސިފަކުރީ އާދައާ ޚިލާފް ކަމެއްގެ ގޮތުގައެވެ. ބޭރުގެ ޑޮކްޓަރުން އެކަންޏެއް ނޫނެވެ. ފަހުން ރާއްޖޭގެ ޑޮކްޓަރުންވެސް އެކަންފާހަގަކުރީ ހަމައެގޮތަށެވެ.
މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ކައިވެންޏަށް މިހާރު 12 އަހަރުވީއެވެ. 4 ދަރިން ލިބިއްޖެއެވެ. ފިރިމީހާ ހުރީ ގަދަވެސަލާމަތުންނެވެ. އެއްވެސް އޮޕަރޭޝަނެއް ކުރާކަށް ނުޖެހެއެވެ. ޢާންމުކޮށް ކުރާ މަސައްކަތްތައް ކުރެއެވެ. އެއްވެސް އިތުރު ތަކްލީފެއް އުފުލާކަށް ނުޖެހެއެވެ.
ދެމީހުން މިހާރުވެސް ސަމާލުކަން ދެނީ 2 ކަމަކަށެވެ. ފުރަތަމަ ކަމަކީ ލިބޭވަރަކުން ޒަމްޒަމްފެން ބުއިމަށާއި ވީހާގިނައިން އަޅުކަންކޮށް ދުޢާކުރުމެވެ. ދެވަނަ ކަމަކީ ބަލިހުރިކަން އެނގުމުން ފުރަތަމަ ދުވަހުން ފެށިގެން ސަމާލުކަންދިން ފަދައިން އެކެއްގެވެސް ހިތުގައި ޖެހޭނެފަދަ ކަމެއް ނުކޮށް ވީހާ ލޯބިން ދިރިއުޅުމަށެވެ.
އަޅުގަނޑުމެން ދެމަފިރިންގެ ތަޖުރިބާ ކިޔުންތެރިނަށް ޙިއްޞާ މިކުރި އެއް ބޭނުމަކީ ފިރިމީހާގެ އެހައި ބޮޑު ބައްޔެއް ހުރިކަން އެނގުމުން އެކުވެރިންނާއި ޢާއިލާއިން ދިން ލަފާ ޤަބޫލުނުކޮށް ލޯބީގައި ތެދުވެރިވެ އިޚްލާޞްތެރިވުމުން ﷲ މިންވަރުކުރެއްވެވި ހެޔޮ ނިޢްމަތް ފާހަގަކޮށް ކިޔުންތެރިންނަށްވެސް ހިތްވަރުދިނުމެވެ.
އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑުމެންނަށް ލެއްވެވި ރަޙްމަތް ލެއްވެވި އެންމެ ބޮޑު އެއް ސަބަބަކީ ލޯބީގައި އިޚްލާޞްތެރިވުންކަމަށެވެ. ހަމަ އެއާއިއެކު އަޅުކަންކުރުމާއި ދުޢާކުރުމާއި ލޯބިން ދިރިއުޅެން މަސައްކަތްކުރުމާއި މިހުރިހާ ކަންކަމަކީވެސް ހަމަ ހުރި ސަބަބުތަކެވެ.
ކައިވެނިކުރުމުގެ ކުރިންނަމަވެސް ކައިވެނިކުރިފަހުން ނަމަވެސް ބައިވެރިޔާއަށް ޖެހޭ ބައްޔެއްފަދަ ކަމަކީ ދެމީހުން ދުރުވާ ސަބަބަކަށް ނުހަދާށެވެ. ބަލި ޖެހުމަކީ އެއްވެސް މީހަކު އަމިއްލައަށް ކުރާ ކަމެއް ނޫނެވެ. އަދި ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް ބަލިވެދާނެ މީހަކުކަން ޤަބޫލުކުރާށެވެ.
އަދިވެސް އެއްވާހަކަ ބުނެލާނަމެވެ! އެދުވަހު އެމީހުން ދިން ނަޞޭޙަތް ޤަބޫލުކޮށް ކައިވެނިކުރުން ހުއްޓާނުލެވުނީތީ މިއަދު އިންތިހާއަށް އުފާކުރަމެވެ! އެއީ އަޅުގަނޑުގެ ފިރިމީހާގެ ހެޔޮކަމުންނެވެ. އިޚްލާޞްތެރިކަމުންނެވެ. އަޅުގަނޑާއި އަޅައިލާވަރުބޮޑުކަމުންނެވެ.
- ސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް