ފެނަކަ ކޯޕަރޭޝަންގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާތީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ދީދީ ވިދާޅުވީ ފެނަކައިން ވޭތުވެދިޔަ ސަރުކާރުގެ ދުވަސްވަރު އެތައް ބިލިއަން ރުފިޔާއެއް ހަރަދުކުރިއިރު ފެނަކައިގެ މަޝްރޫޢުތައް ހުއްޓިފައި އޮތުން އެއީ މިހާރު ދިމާވެފައިވާ ނުހަނު ބޮޑު ކުއްލި މައްސަލައެއްކަމަށާޢި ގިނަ ބަޔަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދޭ ފެނަކަ ކުންފުނި ހިންގުމުގައި އެކި ސަރުކާރުތަކުން އިސްކޮށްފައިވާ ފަރާތްތަކުގެ އިހުމާލުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އާންމުންނަށް ދޭ ހިދުމަތްތަކަށް ބުރޫއަރައި، ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ފެނަކައިން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތައް ފާހަގަކުރައްވާ ދީދީ ވިދާޅުވީ ފެނަކައިގައި މިވަގުތު 502 ޖަނަރޭޓަރެއް ހުރިނަމަވެސް އެޖަނަރޭޓަރުތަކުގެ ތެރެއިން 302 ޖަނަރޭޓަރެއް މިވަގުތު ހުރީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށެވެ. އަދި މިދިޔަ ފަސް އަހަރު ތެރޭގައި ޖަނަރޭޓަރުތަކުގެ މެއިންޓަނަންސް އަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.
މީގެއިތުރުން ފެނަކަ އިން އެސްޓީއޯ އަށް ދެ ބިލިއަން ދައްކަން ޖެހޭ އިރު 2019 ވަނަ އަހަރުން ފެށިގެން އެންމެ ފައިސާ އެއް ވެސް ނުދައްކާ ހުރި ކަމަށް އައިބީ ވިދާޅުވި އެވެ. އަދި މި ސަރުކާރުން އައިސް އެ ފައިސާތައް ބަރާބަރަށް ދައްކަން ފަށާފައިވާ ކަމަށާއި އެހެން ފަރާތްތަކަށް ފައިސާ ދިނުން ދަތިވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.