ޢިބްރަތްތެރި ވާހަކަ: ޒުވާން އަންހެންކުއްޖަކަށް ގެއެއް އަޅައިދޭން ދެމަފިރިންގެ ވިޔަފާރި ބަނގުރޫޓުކޮށްލި ފިރިއަކަށް ޖެހުނުގެ ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 15ސ
ޢިބްރަތްތެރި ވާހަކަ: ޒުވާން އަންހެންކުއްޖަކަށް ގެއެއް އަޅައިދޭން ދެމަފިރިންގެ ވިޔަފާރި ބަނގުރޫޓުކޮށްލި ފިރިއަކަށް ޖެހުނުގެ ޙާލުގެ ވާހަކަ-

ކައިވެނީގައި ބަރަކާތް ލައްވަވައި ތަނަވަސްކަން ދެއްވެވުމުން ޝުކުރުވެރިވުމުގެ ބަދަލުގައި ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިނުވާ މީހުން ގިނަވަމުންދާއިރު މިވާހަކައަކީވެސް ޢިބްރަތް ޙާޞިލުކޮށްލުން މުހިންމު ފިލާވަޅެކެވެ. ޒުވާން ލޯބިވެރިންގެ ބޭނުމުގައި އެމީހުންނަށް ކަންކަން ކޮށްދޭން އުޅެން ހަދައިގެން އުފާވެރި ދިރިއުޅުން ނަގައިލާ ކޮންމެ މީހަކަށް މިވާހަކައިން ފައިދާކުރާނެއެވެ. އިން ޝާ ﷲ 

އަޅުގަނޑަކީ ކުންފުންޏެއްގައި ޒިންމާދާރު މަޤާމެއްގައި ވަޒީފާއަދާކުރަމުން ދިއަ އަންހެނަކީމެވެ. އުމުރަކީ 24 އަހަރެވެ. އެހެންވެ ރަނގަޅު ބައިވެރިއަކު ލިބޭނެ ގޮތަކާއިމެދު ދިއައީ ވިސްނަމުންނެވެ. ނަމަވެސް އަވަސް އަރުވާލައިގެން އެކަންކުރާކަށް ނުއުޅެމެވެ. 

އެހެން ހުއްޓައި އެހެން ކުންފުންޏެއްގައި ހަމަ އަޅުގަނޑާއި އެއް ފެންވަރެއްގައި މަސައްކަތްކުރާ މީހަކު އަޅުގަނޑާއި ގުޅެން ބޭނުންވެގެން އެދިއްޖެއެވެ. އޭނާ ދެއްކި ވާހަކަތަކަށް އިތުބާރުކޮށްފައި ކައިވެނިކުރީމެވެ. ކައިވެނީގެ ފުރަތަމަ 3 އަހަރު ކަންކަން ދިއައީ ވަރަށް ރަނގަޅަށެވެ. 3 އަހަރުތެރޭ ދެމީހުން ފައިސާ ސޭވްކޮށްގެން އަމިއްލަ މަސައްކަތެއް ފެށީމެވެ. ދެމީހުން އެކުގައި ކުރަމުން އައި މަސައްކަތް އައީ ކުރިއަރަމުންނެވެ. ވިޔަފާރި ފުޅައުވަމުންނެވެ. 

ކައިވެނީގެ 4 ވަނަ އަހަރު ބަލިވެ އިނުމުން އެކިއެކި މައްސަލަތައް ކުރިމަތިވެ އަޅުގަނޑަށް އޮފީހަކަށް ނުދެވެއެވެ. ވިޔަފާރީގެ ހުރިހާ ކަންކަން ބަލަހައްޓަމުން އައީ ފިރިމީހާއެވެ. ފުރަތަމަ ކޮޅު ތަންކޮޅެއް އަވަހަށް ގެއަށް އައިސް އަޅުގަނޑަށް އަޅައިލައެވެ. ނަމަވެސް ފަހުން ގެއަށް އަންނަ ވަގުތު ލަސްވާނެ ފެށިއެވެ. ސަބަބެއްކަމަށް ބުނަމުން އައީ މަސައްކަތް ބުރަވުމާއި ދުވަހުން ދުވަހަށް ނިންމަން ޖެހޭ ކަންކަން ނުނިންމުމެވެ. 

ބަނޑަށް 8 މަހަށް އެޅިގެން އައިއިރު އަޅުގަނޑަށް އުޅެންޖެހުނީ ވަރަށް ބަލިޙާލުގައެވެ. ގިނައީ ނުވެސް ތެދުވެވޭ ދުވަސްތަކެވެ. އެހެންކަމާއިއެކުވެސް ފިރިމީހާއަށް ގެއަށް އައުދެވެނީ މެންދަރު 12، 1 ޖަހާ ފަހުންނެވެ. އެހެންވެ ވަރަށް ދެރަވެއެވެ. ނަމަވެސް މަސައްކަތަކީ ކުރަންޖެހޭނެ ކަމެއްކަމަށްވުމުން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ވިހައި ގަދަވުމުން ޙާލަތު ބަދަލުވާނެކަމަށް ބަލައި ޝުކުރުވެރިވެ ކެތްތެރިވެގެން ގޭގައި އިނީއެވެ. 

ވިހަން ހޮސްޕިޓަލަށް ދާންވެގެން ގުޅުމުން ބުނީ މީޓިންގއެއްގައި އިންކަމަށާއި މަންމައާއިއެކު ހޮސްޕިޓަލަށް ދިއުމަށެވެ. ފަހުން ދާނެ ކަމަށެވެ. އެދުވަހު ވަރަށް ދެރަވިއެވެ. އެއީ އެދުވަހު ހޮސްޕިޓަލަށްދާންޖެހޭނެކަން ކުރިން އެނގޭއިރު އެކަމަށް ތައްޔާރުނުވެ ފިރިމީހާ ހުރީތީއެވެ. އަދި އަޅުގަނޑު ވިހެއުމަށްވުރެ އޭނާއަށް މީޓިންގ މުހިންމުވީމައެވެ. އެހެންކަމާއިއެކުވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. 

2 ދުވަސްފަހުން ގެއަށް އަންނަން ގުޅިއިރުވެސް ހަމަ މީޓިންގގައެވެ. ގެއަށް އަންނަން ޖެހުނީ މަންމައާއިއެކުގައެވެ. ފިރިމީހާ ގެއަށް އައީ އިރުއޮއްސެނިކޮށެވެ. އެދުވަހުވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. 

ވިހައި ގަދަވެ އެކަނި އުޅެލެވޭވަރުވުމުން އޮފީހަށް ނުކުތީމެވެ. ފުރަތަމަވެސް ބަލައިލެވުނީ ބޭންކްގެ ސްޓޭޓްމަންޓްތަކަށެވެ. އެކައުންޓުގައި ފައިސާ ނެތްތަނުގައި ކުންފުނި ވަނީ ދަރަނިވެރިވެފައެވެ. އެކައުންޓެންޓު ގެނެސް ކަންކަން ސާފުކުރިއިރު އެހާލަތަށް ކަންކަން ގޮސްފައިވަނީ ފިރިމީހާ އަމިއްލަ ބޭނުންތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމުންނެވެ. 

ކަންކަން އޮޅުންފިލުވާފައި ފިރިމީހާ އާއި ސުވާލުކުރުމުން އައީ ރުޅިއެވެ. ބުނީ ވައްކަން ނުކުރާކަމަށެވެ. އަޅުގަނޑު ބުނީ އެހެންވީއިރު މިހައި ގިނަ ފައިސާތައް އަމިއްލަ ބޭނުމަށް ނަގައިގެން ކުރިކަމެއް ބުނެދިނުމަށެވެ. އެހެން ބުނާއިރަށް ބާރަށް ދޮރުޖަހާފައި ނުކުމެގެން ދިއައީއެވެ. ކުޑައިރުކޮޅަކުން ފޮނުވީ މެސެޖެކެވެ. އެކުގައި ދިރިއުޅެން ބޭނުން ނޫންކަމަށާއި ވަރިކުރީކަމަށް ބުނެއެވެ. 

އެހިސާބުން ކަންކަންވީގޮތް އެނގިއްޖެއެވެ. ޒުވާން އަންހެން ކުއްޖަކު ދެކެ ލޯބިވެ ގެއެއް އަޅައިދިނީއެވެ. ބިޒީވެގެން މިއުޅުނީ އެކުއްޖާ އޮފީހަށް ގެނެސް ދެމީހުން ލޯބިކުރަން ވަގުތު ހޭދަކުރުމުންނެވެ. 

އެހިސާބުން ލޯޔަރުން މެދުވެރިކޮށް ޝަރީއަތަށް މައްސަލަ ވައްދައި ކުންފުނިން އަމިއްލަ ބޭނުމަށް ފިރިމީހާ ނެގި ފައިސާތައް އަނބުރާ ހޯދުމުގެ މަސައްކަތްފެށީމެވެ. ކުންފުނީގެ ޤަވާއިދު ބުނާގޮތުޔ=ން އަމިއްލަ ބޭނުމަކު ފައިސާ ނެގޭނީ 2 މީހުން އެކަމަށް އެއްބަސްވެގެންނެވެ. ނޫންނަމަ އެކަންވާނީ ޚިޔާނާތަކަށެވެ. 

އެވަގުތު ކުރިމަތިވެފައި ހުރި ފައިސާގެ ދަތިތައް ފިލުވައިދިނީ އަޅުގަނޑުގެ އެކުވެރިއެކެވެ. އޭނާ އަޅުގަނޑަށް ހިތްވަރުދިނީ ކުންފުނިން ފިރިމީހާ ވަކިކުރުމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެހެން ކުންފުންޏެއް އުފައްދައިގެން އަމިއްލައަށް ކުރިއަށްދިއުން ކަމަށެވެ. އަޅުގަނޑު އެކުވެރިޔާގެ ބަސް ޤަބޫލުކޮށް ވަކިކުންފުންޏެއް އުފައްދައިގެން ހިތްވަރާއިއެކު މަސައްކަތްފެށީމެވެ. 

އަޅުގަނޑާއި ކައިވެނިކުރަން އެކި ފެންވަރުގެ މީހުން އެދުނެވެ. ނަމަވެސް އަޅުގަނޑު ޤަޞްދުކުރީ އަމިއްލަ ފައިމައްޗަށް ތެދުވެވުމުން ނޫނީ ދެވަނަ ކައިވެންޏެއް ނުކުރުމަށެވެ. އެހެންވެ އެކަނިހުރީއެވެ. 

ކޯޓުން މައްސަލަ ނިމެން އައިގޮތުން ފިރިމީހާގެ މައްޗަށް ބޮޑު ޙުކުމެއް އިއްވައިފާނެކަން އެނގުމުން ކޯޓުން ބޭރުން މައްސަލަ ނިންމަން އޭނާ އެދުނެވެ. އަޅުގަނޑު ބުނީ ނެގި ފައިސާއިން އަޅުގަނޑުގެ ޙިއްޞާއަށްވާ ފައިސާ ހަމަވަންދެން އެފައިސާއިން އެޅިގެ އަޅުގަނޑާއި ޙަވާލުކުރުމަށެވެ. އެކަމަކަށް އެކުއްޖާ އެއްބަހެއް ނުވިއެވެ. އަދި ވަގުތުން ކުރީގެ ފިރިމީހާ އާއި ގުޅުންވެސް ކަނޑާލައިފިއެވެ. 

އެފައިސާ އަނބުރާ ދެއްކޭނެ ގޮތެއް އޭނާއަކަށް ނުހޯދުނެވެ. އެހެންވެ މައްސަލަ ނުނެގީއެވެ. ނުނެގުމުން އޭނާގެ ބައްޕަގެ ގޯތިން އޭނާއަށް ލިބިފައި އޮތް ކުޑަބިންކޮޅެއް ވިއްކާލާފައި ފައިސާދެއްކީއެވެ. އެތަންކޮޅު ވިއްކައިލީ ހަމައެކަނި އަޅުގަނޑަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކަށް ނޫނެވެ. ކުންފުނިން ނެގި ފައިސާގެ އިތުރުން އަމިއްލަ ބޭނުމަށް ބޭންކުން ނަގާފައިވާ ލޯނަށްވެސް ފައިސާ ނުދެއްކިގެންނެވެ. 

ވީމާ މިވީގޮތަކީ ދެމަފިރިންގެ ކުންފުނި ހުސްކޮށްލައި އަދި އެވަރުންވެސް ނުވެގެން އަމިއްލައަށް ދަރަނިވެރިވެގެން ޒުވާން ލޯބިވެރިޔާއަށް ގެއަޅައިދިނުމުގެ ނަތީޖާއަކަށް އަމިއްލަ ބިންކޮޅުވެސް ވިއްކާލައި މަގުމަތިވާންޖެހުނު ކަމެވެ. މިއީ މިޒަމާނުގައި މިއުޅޭ މިފަދަ ފިރިހެނުންނަށް ރަނގަޅު ފިލާވަޅެއްކަމަށް ދެކެމެވެ. 

ފައިސާ ދެއްކި ދުވަހު ބުނީ ކުރެވުނު ކުށްތަކަށް އިޢްތިރާފްވާ ކަމަށާއި ދަރިފުޅަށްޓަކައި މާފުކޮށް އަލުން އެކުގައި އުޅެންފެށުމަށް އެދޭކަމަށެވެ. އަޅުގަނޑު ބުނީމެވެ. "ދަރިފުޅާއިމެދު ވިސްނާ މީހަކު ދަރިފުޅު ބަނގުރޫޓުކޮށެއް ނުލާނެއެވެ. މަންމައާއި ބައްޕަ ކުރަމުން އައި ވިޔަފާރި ބަނގުރޫޓުކޮށްލުމަކީ ދަރިފުޅު ބަނގުރޫޓުކޮށްލުން ކަމަށެވެ. ދެން އަޅުގަނޑު ބުނީ ދަރިފުޅު އުފަންވާ ވަގުތު އެތަނުގައި ހުރުމަށްވުރެ ލޯބިވެރިޔާ އާއިއެކު ވަގުތު ހޭދަކުރަން ބޭނުންވި މީހަކު ދަރިފުޅުދެކެ އެއްވެސް ވަރަށް ލޯބި ނުވާނެ ކަމަށެވެ. އެހެންވެ ދެމީހުން އަލުން ގުޅެވޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. 

އަޅުގަނޑަށް ހިންދެމިލެވުނީ 2 އަހަރު ދުވަހު ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ. މިހާރު އަޅުގަނޑުގެ އެއްވެސް ދަރަންޏެއް ނުއޮންނާނެއެވެ. އެކުވެރިޔާގެ އަތުން ނެގިފައިސާވެސް އަނބުރާ ދައްކައިފީމެވެ. ކައިވެނިވެސް ކޮށްފީމެވެ. ދިރިއުޅެމުން މިއަންނަނީވެސް ހަމަ އުފަލުގައެވެ. 

އެހެންކަމާއިއެކުގައިވެސް ވިޔަފާރީގެ ފައިސާގެ އެއްވެސް ބާރެއް ފިރިމީހާއަކަށް ނުދެމެވެ. ސަބަބު އޭނާއަށް އެނގޭތީ އެކަމުގެ ވާހަކަވެސް ނުދައްކައެވެ. 

އަޅުގަނޑުގެ ކުރީގެ ފިރިމީހާއަކީ އުމުރުން 36 އަހަރުގެ މީހެކެވެ. ކައިވެނިކުރަން އުޅުނީ ކިރިޔާ 18 އަހަރުފުރުނު ކުއްޖަކާއިއެވެ. އޭނާއަށް އެފެނުނީ އެކަމުގެ ނަތީޖާއެވެ. އަދި އަޅުގަނޑަށް މިފެނުނީ އަބަދުވެސް ތެދުވެރިކަމާއިއެކު ކުރި މަސައްކަތުގެ ނަތީޖާއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ފައިސާގެ ކަންކަމުގައި ފިރިންނަށް އިތުބާރުނުކުރާށެވެ. މީހާ ބަނގުރޫޓުވަންދެންވެސް ރީތި ޒުވާން އަންހެންކުއްޖަކަށް ޚަރަދުކޮށް ހުސްކޮށްލައިފާނެއެވެ. އެފަދަ ފިރިންގެ ކުރިމަތީގައި އަނބިންނާއި ދަރިންނަކީ އެއްވެސް ބައެއް ނޫނެވެ. އެމީހުންގެ ކުރިމަތީގައި ހުރިހާވެސް އެއްޗަކަށް ވީހައި ހަގުއުމުރުގެ ރީތި އަންހެންކުދިންނެވެ. 

މިހެން ބުނަނީ އިތުބާރުކުރުމުގެ ހިތިކަން އަމިއްލައަށް ތަޖުރިބާކުރެވިފައިވާތީއެވެ. ދެން ބުނެލަން ބޭނުމީ އަނބިމީހާގެ ފައިސާއިން ވައްކަންކުރީމާ ފައިސާއަތުނުލައި، އަދަބުނުދީ ދޫނުކުރާށެވެ. ދައުވާކުރީމާ ރޯނެއެވެ. އެއީ ހަމަ ޑްރާމާއެވެ. ވީމާ އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުގެ ވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ. 

- ޒަރާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން