މައިންބަފައިންނަށްވުރެ ވިސްނުން ތޫނު ދަރިން ގިނަވެއްޖެއެވެ. މަންމަ ނުވަތަ ބައްޕަ އުޅޭ ގޮތުގެ ޝަކުވާ ގޭތެރޭގައި ނުކުރިނަމަވެސް ސްކޫލަށްގޮސް އެކުވެރިންނާއި ޙިއްޞާކޮށް ރޮއިހަދާ ކުދިންވެސް ވަރަށް ގިނަވެއްޖެއެވެ. އަދި އެކުދިންނަށް ބާރު ލިބޭ ދުވަހު ހީވެސް ނުކުރެވޭފަދަ ޖަވާބުތައްދޭ ކުދިންވެސް ގިނަވެއްޖެއެވެ.
ތިރީގައިވާ ވާހަކައަކީ ދަރިން ލިބުމަށްފަހު މިކަންކަމަށް މައިންބަފައިން ނުވިސްނާނަމަ ކުރިމަތިވާނެ ޙާލަތު އެނގިގެންދާ ޢިބްރަތްތެރި ވާހަކައެކެވެ.
މީހުން ބުނެއުޅޭ ގޮތުން ހިލޭ އަންހެނަކާ ގުޅުންބާއްވާނަމަ ފުރަތަމަ ފެންނަން ފަށާނެ ޢަލާމާތްތަކުގެތެރޭގައި އަނބިމީހާ އާއި ވާހަކަދެއްކުން މަދުކުރުމާއި ހެނދުނު ވީހާ އަވަހަކަށް ގެއިން ދާން ބޭނުންވުމާއި ގެއަށް އައުން ލަސްވުމާއި އެކުގައި ވަގުތު ހޭދަކުރުން މަދުވުމާއި އެކުގައި ބޭރަށްދާން ބޭނުންނުވުމާއި އެކުގައި ރޭކުރަން ފޫހިވުން ފަދަ ކަންކަން ހިމެނެއެވެ.
އަޅުގަނޑުގެ ފިރިމީހާގެ ކިބައިން މިހުރިހާ ޢަލާމާތްތަކެއްހެން ފެންނަން ފެށީ އެކުއެކުގައި ހަމަ ކުއްލިއަކަށެވެ. އެއިރު ވަނީ ކައިވެންޏަށް 15 އަހަރު ފުރިފައެވެ. 4 ދަރިން ލިބިފައެވެ. އެންމެ ދޮށްޓަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އޭނާގެ އުމުރަކީ 13 އަހަރެވެ.
ފިރިމީހާގެ ޢަމަލުތަކާއި ގުޅިގެން ފުރަތަމަވެސް ޝަކުވާއެއް ކުރީ ދަރިފުޅެވެ. ދަރިފުޅު ބުނީ އަހަރެމެންނަށް ބޭނުންވާ ޓިޔުޝަން ނަގައިދޭނެ ފައިސާ ބައްޕަގެ އަތުގައި ނެތްކަމަށްބުނާއިރު އަންހެނަކާއިއެކު ފިހާރަތަކަށް ވަންނަނިކޮށް 2 ދުވަހު ފެނިއްޖެ ކަމަށެވެ. އަދި އަންހެންމީހާ ބައްޕައަށް ބާޒާރުކޮށްދޭނެ ކަމަށް ޤަބޫލުނުކުރާ ކަމަށާއި ބައްޕައަށް އޭނާ އެއްޗެތިދޭނަމަ ގެއަށް ގެންނާނެ ނޫން ހެއްޔެވެ؟
ދަރިފުޅު އެހެން ބުނުމުން އަޅުގަނޑު ހަމަހައިރާންވިއެވެ. އެއީ އެބާވަތުގެ ވިސްނުމެއް އޭނާއަށް ލިބުނު ގޮތަކާއިމެދު ސުވާލު އުފެދުމުންނެވެ. އެހެންވެ ތިއަ ބާވަތުގެ ވާހަކަތައް ކިޔައިދެނީ ކާކުތޯ ސުވާލުކުރުމުން ބުނީ ކްލާހުގައި އެކުގައި އުޅޭ ކުދިންގެ ތެރެއިން 2 ކުއްޖެއްގެ ބައްޕަ އެގޮތަށް އުޅޭތީ އެކުދިން ކޮންމެ ދުވަހަކު ރޮއިހަދާ ކަމަށެވެ.
މިވާހަކަ ދަރިފުޅު ދެއްކުމުން ވަރަށް ދެރަވިއެވެ. އެއީ އެކަމަށް ވިސްނަން ހަދައިގެން ޢޭނާގެ ކިޔެވުމަށް އަސަރުކުރާނެތީއެވެ. ކޮންމެ ގޮތެއްވީނަމަވެސް ކުދިން ވިސްނާނެއެވެ. އަޅާނުލަން ބުނި ނަމަވެސް އަޅައިވެސްލާނެއެވެ. ދެރަނުވަން ބުނި ނަމަވެސް ދެރަވެސްވާނެއެވެ.
އެހެންވެ ވަރަށް ވިސްނުންތެރިކަމާއިއެކު އެވާހަކަ ފިރިމީހާ އާއި ދެއްކީމެވެ. ނަޞޭޙަތްދިނީމެވެ. ކިތަންމެ ގިނަ ކައިވެނިކުރިނަމަވެސް އަޅުގަނޑު ކަންބޮޑުނުވާކަމަށާއި ނަމަވެސް އަތްމަތި މިހައި ދަތިއިރު ބައްޕަ އެގޮތަށް އުޅުމުން ކުދިން ނަފްރަތުކުރާނެ ކަމަށް ބުނީމެވެ. އަދި އެކަމުގެ ސަބަބުން ކުދިންނަށް ލިބޭނެ ގެއްލުންތައް ކިޔައިދިނީމެވެ. އެކަންކަން ވިސްނައިދޭން މަސައްކަތްކުރީމެވެ.
ކަންތައްތައް މެދުވެރިވީ ކިހިނަކުން ކަމަށްތޯއެވެ؟ އަޅުގަނޑު ވަރިކޮށްލާފައި ނުކުމެގެން ދިއައީއެވެ. ގެއިން ދިއުމަށްފަހު އަޅުގަނޑާއި ދަރިން ދުނިޔޭގައި އުޅޭތޯވެސް ބަލައި ނުލައެވެ.
ދަރިންނަށް ކާންބޯންދީ ހެދޭނެ އެއްވެސް ގޮތެއް ނެތުމުން ވަރަށް ލަދުންހުރެ ދޮށީ ބޭބެގާތަށް ދިއައީމެވެ. އޭނާއަކީ ވިޔަފާރިކުރާ މީހެކެވެ. 2،3 ފިހާރަ ހިންގާ މީހެކެވެ. ދިއައީ ވަޒީފާއެއް ލިބޭތޯއެވެ. ބޭބެ އަޅުގަނޑަށް ހަމްދަރުދީވިއެވެ. ބުނީ ގެއަށް ބޭނުންވާ ޚަރަދުކޮށްދޭނެ ކަމަށާއި ކޮށްދެވެން އޮތް ނަމަ ކުދިން ނިންދަވާފައި ރޭގަނޑު އެއް ފިހާރައަށް ގޮސް މަޑުކޮށްލައި ހިސާބު ނިންމައިލަދިނުމަށް އެދޭކަމަށެވެ. އެއީ ވަޒީފާއެއްގެ ގޮތުން ނޫން ކަމަށާއި ބޭބެއަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
އެދުވަހުން ފެށިގެން ބޭބެ އަޅުގަނޑާއި ކުދިންނަށް ޚަރަދުކޮށްދިނެވެ. އަޅުގަނޑުވެސް ބޭބެ އެދުނު ފަދައިން ކަންކަން ކޮށްދިނީމެވެ. ބޭބެގެ ފޮތިފިހާރައިގެ ކަންކަން ބަލަހައްޓައިދޭން ރޭގަނޑުދާންފެށީމެވެ. ދުވަސްކޮޅެއްފަހުން ބޭބެ ބުނީ އެފިހާރަ އަޅުގަނޑަށް ދިނީ ކަމަށާއި ހަމަޖެހިގެން އުފަލުގައި އުޅުމަށް އެދޭ ކަމަށެވެ. އެދުވަހު ބޭބެއަށް ޝުކުރުއަދާކުރަން ބުނާނެ އިބާރާތެއްވެސް ނުއެނގުނެވެ. ބޭބެ އެހައި ހެޔޮކޮށް ކަންކަން އެކުރީ އެއްބަނޑުގައި ހުރި ހަމައެކަނި އަންހެނަކީ އަޅުގަނޑުކަމުގައިވުމުން ކަމަށްވެދާނެއެވެ.
ކޮންމެއަކަސް 2 އަހަރު އެކަނި ހުރެފައި ދެވަނަ ކައިވެނިކުރީމެވެ. އެއީ ފިރިއަކާއި ނުލައި ދިރިއުޅުމަކީ އަޅުގަނޑަށް ވަރަށް އުނދަގޫކަމަކަށްވާތީއެވެ. ޞިއްޙީ މައްސަލަތައްވެސް ކުރިމަތިވާތީއެވެ. ކައިވެނިކުރީ ކުދިން ހަގު ނަމަވެސް ކުދިންނާއިވެސް މަޝްވަރާކޮށް ރުހުން ހޯދައިގެންނެވެ.
ހުރިހާ ކުދިން ކިޔަވައި ނިމި ވަޒީފާވެސް އަދާކުރަންފެށިފަހުން އެކުދިންގެ ބައްޕަ ގެއަށް އައިސް ބުނީ ވަރަށް ބަލިޙާލުގައި އުޅޭ ކަމަށާއި އެކަނިވެރިވެ ވަންނާނެ ތަނެއްވެސް ނެތްކަމަށެވެ. އޭނާއަށް ޖަވާބުދިނީ ދޮށީ ދަރިފުޅެވެ. "ބައްޕަ ރަށަށް ދިއައިމާ ކާފަގެގޭގައި އުޅެވޭނެ ކަމަށާއި ބޮޑުދައިތައަށް ފައިސާދީގެން ބައްޕައަށް ކާންދޭނެ ކަމަށެވެ. ބައްޕަ ހެދިގެން ދެން ގެއަށް ނައުމަށެވެ." އެހެންކުދިން އަޑުއަހަން ތިބީއެވެ.
އަޅުގަނޑުވެސް އަނގައަކުން ނުބުނަމެވެ. އެއީ ބުނެވޭނެ އެއްޗެއް ނެތުމުންނެވެ. ކުރިން ބުނިފަދައިން އޭނާ ގެއިން ނުކުމެގެންދިއައީ ދޮށީ ދަރިފުޅަށް 13 އަހަރުގައެވެ. އެއިރު ހަގުދަރިފުޅަށް 6 އަހަރެވެ. އެކުދިންގެ މަތިން ހަނދާންވެގެން އެއައީ ކުދިންނަށް ބައްޕަގެ އެހީތެރިކަން ނުލިބުނުތަނުގައި އޭނާގެ ލޯބި ވެސް ނުލިބި ތިބެ ބޮޑެތިވީފަހުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އޭނާފަދަ ފިރިންނަށް ބުނެލަން ބޭނުންވަނީ ގައިގަ ވަރުހުރި ދުވަހު ދަރިން އުކާލާފައި ވަރުނެތުމުން ދަރިންގެ ލޯތްބާއި އެހީތެރިކަން ހޯދަން އުޅުމަކުން އެކަންކަން ޙާޞިލެއް ނުކުރެވޭނެއެވެ. މިޒަމާނުގައި އަޅާލައިގެން ދަރިން ބޮޑެތި ކުރުމުންވެސް ކަންކަން ދިމާވުން ގިނަވެފައިވާއިއރު އަޅާވެސް ނުލައިހުރެފައި އައިސް ކަންކަމަށް އެދުމުން އެކުދިން ރަޙުމްކުރާނެ ކަމަށް ވިސްނުމަކީވެސް މޮޔަ ކަމެކެވެ.
- ޙަސީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް