ޢިބްރަތްތެރި ވާހަކަ: އެންމެގާތް އެކުވެރިޔާގެ އަނބިމީހާގެ ބޭނުންކުރުމުން ލިބިފައިވީ ތަނަވަސްކަން ގެއްލި އަނިޔާ ލިބުނު އެކުވެރިޔާއަށް އެތަނަވަސްކަން ބަދަލުވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 35ސ
ޢިބްރަތްތެރި ވާހަކަ: އެންމެގާތް އެކުވެރިޔާގެ އަނބިމީހާގެ ބޭނުންކުރުމުން ލިބިފައިވީ ތަނަވަސްކަން ގެއްލި އަނިޔާ ލިބުނު އެކުވެރިޔާއަށް އެތަނަވަސްކަން ބަދަލުވި ގޮތުގެ ވާހަކަ-

އުފާވެރިކަމާއިއެކު ޒަވާޖީ ޙަޔާތެއް ހޭދަކުރުމުގެ ފުރުޞަތު ކޮންމެ ދެމަފިރިއަކަށްވެސް ދެއްވަވައެވެ. އެކިމީހުންނަށް އެކި ފެންވަރުގައެވެ. މައްސަލައަކަށްވަނީ ޝުކުރުވެރިކަމާއިއެކު ބަލައިގަންނަން ނުއެނގުމެވެ.

މިވާހަކައިގައިވެސް އަނބިމީހާއަށް ފަޤީރު ނަމަވެސް ހެޔޮލަފާ ފިރިއަކު ލިބުނެވެ. އެކުވެރިޔާއަށް ތަނަވަސް އަންތބަކާއި އަނބިމީހާގެ ތަނަވަސްކަމުގައި އުފަލުގައި ދިރިއުޅުމުގެ ފުރުޞަތު ލިބުނެވެ. ދެމީހުންނަށްވެސް ބަލައިގަންނަން ނުއެނގުނީއެވެ. 

ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ! 

އަޅުގަނޑުމެންގެ ކައިވެންޏަށް 3 ވަނަ އަހަރު އަނބިމީހާ އަޅުގަނޑާއި ދުރުހެލިވާން ފެށިއެވެ. މަޑުމަޑުންގޮސް ހަމަ އެކުގައިހެން ދުރުހެލިވިއެވެ. އެކުގައި ކާންތިބޭއިރުވެސް އަނގައިންވެސް ބުނެނުލާ ދުވަސްތައްވެސް އަންނަން ފަށައިފިއެވެ. 

އެކަންކަން އެގޮތަށް މެދުވެރިވަނީ ކީއްވެގެންތޯ؟ އަޅުގަނޑަށް ގޯސްކޮށް ކުރެވެނީ ކޮންކަމެއްތޯ؟ އެކިފަހަރުމަތިން ވަރަށް ގިނައިން ސުވާލުކުރީމެވެ. ނަމަވެސް އެއްވެސް ފަހަރަކު ޖަވާބެއް ނުދެއެވެ. އެހެންވެ ވެގެންއުޅޭގޮތެއް އޮތީ ނުއެނގިފައެވެ. 

އަޅުގަނޑުމެން ދެމީހުންނަކީ އެކުގައި ކިޔެވި ދެމީހުންނެވެ. ދެމީހުންގެވެސް އެކުވެރި ވިޔަފާރިވެރިއަކު ހުރެއެވެ. އޭނާއަކީ ވަރަށް ވިސްނުން ތޫނު މީހެކެވެ. ދިރިއުޅުމުގެ ކަންކަމުގައި އޭނާގެ ކިބައިން އަބަދުވެސް ލަފާއަހާލައި ހަދަމެވެ. ވަރަށް ރަނގަޅު ޚިޔާލުދެއެވެ. 

އެއްދުވަހަކު އަނބިމީހާ އޮފީހަށް ދިއަގޮތަށް ގެއަކަށް ނައެވެ. ގުޅާގުޅައި ފޯނެއްވެސް ނުނެނގިއެވެ. އެހެންވެ ވަރަށް ކަންބޮޑުވެގެންހުރެ އެކުވެރިޔާގެ ގެއަށް ދިއައިމެވެ. އެއީ ދެން ކަންތައް ކުރަންވީ ގޮތުގެ ލަފައެއް ހޯދައިލުމަށެވެ. ދޮރުހުޅުވީ ބެލްއަށް ފިތައިގެން ހުންނަތާ އިރުކޮޅެއްފަހުންނެވެ. ދޮރުހުޅުވައި މަރުޙަބާކިޔުމުން ގެއަށްވަނީމެވެ. 

އެކުވެރިޔާގެ ގައިން ދުވީ އަންހެން ސެންޓެއްގެ ވަހެވެ. އެއީ އެދުވަހު ހެނދުނު ގެއިން ނުކުންނަމުން އަނބިމީހާ ވެސް ޖެހި ސެންޓެވެ. އެކަން ހަނދާންވުމުން ވާހަކަދައްކަން ކުޑަކޮށް އުނދަގޫވިއެވެ. އެކަން އެހެންވީ އެކުވެރިޔާގެ އަނބިމީހާ އެއިރު ރާއްޖޭގައި ނެތިފައި އެކުވެރިޔާގެ ގައިން އަންހެން ސެންޓެއްގެ ވަސްދުވުމުންނެވެ. 

ސޯފާގައި އިށީނދެފައި ތަންތަނަށް ބަލައިލުމުން ފެނުނީ އަނބިމީހާ ގެންގުޅޭ ކުޑަ ދަބަހާ އެއްވައްތަރު ދަބަހެކެވެ. އެހިސާބުން މަޑަކުން ނުއިނދެވުނެވެ. ތެދުވެ މިއޮތީ ހާދަރިތި ދަބަހެއް ކަމަށް ބުނެފައި ނަގައި ހުޅުވައިލީމެވެ. އެތެރޭގައި އޮތީ އަޅުގަނޑުގެ އަނބިމީހާގެ ފޮޓޯއެކެވެ. ދަބަހުގައި ވަރަށް ގިނަ ރުފިޔާވެސް ހުއްޓެވެ. 

އެއިރު އަނބިމީހާގެ އަތުގައި އެހައިގިނަ ރުފިޔާއެއް ނުހުންނާނެއެވެ. އެހެން މިބުނީ އޭނާގެ އެކައުންޓް ހުސްވެގެން ބުނީމާ 1000 ރުފިޔާ ޓްރާންސްފަރކޮށްދިނީ ކުރީ ދުވަހުއެވެ. ކޮންމެއަކަސް ޙަޤީޤަތް އޮޅުންފިލުވަން ބޭނުންވި ކަންތަކުގެ ޙަޤީޤަތް މިއޮތީ އޮޅުންފިލާފައިކަން ޔަޤީންކުރެވުނެވެ. 

އެކުވެރިޔާ ކޮފީބޯން މަޑުކުރަން ބުނުމުން ކުއްލިކަމެއް ދިމާވެއްޖެކަމަށްބުނެފައި ނުކުމެގެން އައީއެވެ. އެއީ އިތުރަށް ބަހެއް ބުނެގެން މައްސަލަ ޖެހުމަށްވުރެ ބަހެއް ނުބުނުން ރަނގަޅުކަމަށް ވިސްނުމުންނެވެ. އަޅުގަނޑަކީ ފަޤީރެކެވެ. އެކުވެރިޔާއަކީ ތަނަވަސް މީޙެކެވެ. މިހާރުވެސް ދަބަސްފުރެންދެން އެހެރީ ފައިސާ އަޅައިފައެވެ. ދެން އަޅުގަނޑަށް ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ 

އަޅުގަނޑު އެނބުރި ދިއައީ ގެއަށެވެ. ގެއަށް ގޮސް ފެންވަރާލައިގެން މަޣްރިބް ނަމާދަށްދާން ނުކުންނަން އުޅެނިކޮށް އަނބިމީހާ ގެއަށް އައިސް ފާޑަކަށް ހުރެގެން ކޮޓަރިއަށް ވަނެވެ. އެވަގުތު އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެން މިސްކިތަށް ދިއައީއެވެ. ގެއަށް އެނބުރި ދިއައީ ޢިޝާނަމާދުވެސްކޮށްގެންނެވެ. 

އަނބިމީހާ އާއި ދިމާއަށް އެރޭވެސް އެއްވެސް ބަހެއް ނުބުނަމެވެ. ކަމެއް އެނގުނު ކަމަށްވެސް ނުހަދަމެވެ. އެހެން ހުއްޓައި އަނެއް ރޭ ނިދަން އޮށޯވެފައި އަނބިމީހާ ސުވާލުކުރިއެވެ. "ތިއައުޅެނީ އަހަރެން ވަރިކޮށްފައި ފޮނުވާލަން ހެއްޔެވެ؟" އަޅުގަނޑު އެއްވެސް ޖަވާބެއް ނުދެމެވެ. 

ޖެހިގެން އައި ރޭ އެކުވެރިޔާ އަޅުގަނޑުމެންގެ ގެއަށް އައުމުން މެހްމާންދާރީ އަދާކުރީމެވެ. އަނބިމީހާ ޖޫސްވެސް ގެނެސްދިނެވެ. އިރުކޮޅަކު އިނދެފައި އެކުވެރިޔާ ބުނީ އޭނާއަށް ކުށެއް ކުރެވިއްޖެ ކަމަށެވެ. އެބަހަށްވެސް އަޅައިިނުލުމުން އެކުވެރިޔާ ވަރަށް ކަންބޮޑުވެފައި ވާހަކަތައް އަމިއްލައަށް ކިޔައިދިނުމުން އެނގުނީ ކައިވެނީގައި މިވީހައި ދުވަހު އެދެމީހުންގެ ގުޅުން އޮންނަ ކަމެވެ. ހުރިހާ ވާހަކަތައް އަޑުއަހާފައި ބުނީމެވެ. "ދެން ރަނގަޅުވާނީ ދެއަންތބަށް ކައިވެނިކުރިއްޔާއެވެ." 

އެހެން ބުނެފައި އަނބިމީހާ ވަރިކުރީމެވެ. އަދި އެކުވެރިޔާއާއިއެކު ނުކުމެގެންދާންވެސް ބުނީމެވެ. އެކުވެރިޔާ އާދޭސްކޮށްފައި ބުނީ އޭނާގެ އަނބިމީހާއަށް އެކަން ނުއެންގުމަށެވެ. އެއީ އޭނާގެ ތަނަވަސްކަން ގުޅިފައިވަނީ އަނބިމީހާ އާއިކަމަށްވުމުން ވިޔަފާރި ހުއްޓިދާނެތީ ކަމަށްބުންޏެވެ. އެވަގުތު އަޅުގަނޑަށް ބުނެވުނެވެ. "އަދިވެސް ކަލޭ ތިއަ ކަންބޮޑުވަނީ ކަލޭ ފަޤީރުވެދާނެތީއެވެ. އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުން ހަލާކޮށްލަން ޖެހިލުމެއް ނުވިންތާއެވެ." 

އެކުވެރިޔާގެ އަނބިމީހާ މާލެއައިކަން އެނގުނެވެ. އެއީ އާންމުކޮށް އެކަންކުރާ އުޞޫލުން އޭނާ ގެނައި ހަދިޔާދޭން ގެއަށް ގެންދިއުމުންނެވެ. ދެމީހުން ބައްދަލުވުމުން އަނބިމީހާ ނުގެނައީ ކީއްވެގެންތޯ ސުވާލުކުރުމުން އަންތބަކު މިހާރު ނެތްކަމަށާއި ސަބަބު ފަހުން އެނގޭނެ ކަމަށް ބުނީމެވެ. އަޅުގަނޑު އިތުރު އެއްވެސް ވާހަކައެއް ނުދައްކައި އެނބުރި އައީއެވެ. 

އެއިގެ 3 ދުވަސްފަހުން އެކުވެރިޔާގެ އަނބިމީހާ ގުޅާފައި އެރޭ އެގެއަށް ކާންދާން ބުނުމުން ދިއައިމެވެ. ކައިނިމިގެން ފިރިމީހާ އާއި 3 މީހުން ސިޓިންރޫމްގައި ތިބެފައި ފޯނުން ކޮންމެވެސް ކަމެއް ކޮށްލުމުން ފެނުނީ ގޭގެ ސީސީޓީވީގެ ރެކޯޑިންގއެވެ. އެކުވެރިޔާ ހޯދަން އަޅުގަނޑު އެގެއަށް ދިއަ ދުވަހުގެ ރެކޯޑިންގއެވެ. އެދުވަހު ގޭތެރޭގައި ކަންކަން ހިނގި ގޮތުގެ މަންޒަރުތަކެވެ. ހަމައެކަނި ނުފެންނަނީ ކޮޓަރީގައި ދެމީހުން ކުރި ކަންތަކެވެ. އެހިސާބުން އަޅުގަނޑު ތެދުވެގެން އަތުވެއްޖައީމެވެ.   

އަނެއްކާވެސް 3 ދުވަސްފަހެވެ. އެކުވެރިޔާގެ އަނބިމީހާ ގުޅާފައި ބުނީ އެމީހުންގެ އޮފީހަށް ގޮސްދިނުމަށެވެ. ދިއައިރު ކުރިން އެކުވެރިޔާ އިންނަ ގޮނޑީގައި އިނީ އަނބިމީހާއެވެ. އެކުވެރިޔާ އިނީ ސޯފާގައި އިސްދަށަށް ޖަހައިގެންނެވެ. 

އަޅުގަނޑު ދިއުމުން ކުރިމަތީގައި ހުރި ގޮނޑީގައިބައިންދާފައި ބުނީ ފިރިމިހާ އެއިނީ ހުރިހާ ވަޒީފާއަކުން ވަކިކޮށްފައި ކަމަށެވެ. ފިރިއެއްގެ މަޤާމުންނާއި ކުންފުނީގެ އެމްޑީގެ މަޤާމާ ދެމަޤާމުންވެސް ވަކިކޮށްފައި ކަމަށެވެ. އަޅުގަނޑު ގެންދިއައީ ކުންފުނި ހިންގަން ޙަވާލުކުރަން ކަމަށެވެ. 

ފުރަތަމަ ބޭނުންވީ ޤަބޫލުނުކުރާށެވެ. ނަމަވެސް ވިސްނާލުމުން އެނގުނީ ޤަބޫލުނުކުރަންވީ ސަބަބެއް ނެތްކަމަށެވެ. ޤަބޫލުނުކުރިނަމަ ފުރުޞަތު އަޅުގަނޑަށް ގެއްލޭނެ ކަމާއި ކޮންމެވެސް މީހަކަށް ފުރުޞަތު ލިބޭނެ ކަމެވެ. އެހެންވެ ވަޒީފާ ޤަބޫލުކޮށް ވަރަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަން ފެށީމެވެ. 

ވަޒީފާއަށް އަހަރުފުރުނުއިރު އަޅުގަނޑު ހުރީ ކުންފުނީގެ މަސައްކަތެއްގައި މެލޭސިޔާގައެވެ. އެދުވަހު ސީއޯއޯ (އެކުވެރިޔާގެ ކުރީގެ އަނބިމީހާ) ގުޅާފައި ބުނީ ހަވީރު ފްލައިޓުން މެލޭސިޔާއަށް އަންނަ ކަމަށާއި ހޮޓަލުގައި މަޑުކުރުމަށެވެ. ބަސްއަހައި ކިޔަމަންވެގެން ހޮޓަލުގައި ހުރީމެވެ. 

އެރޭ 7 ޖަހާއެހައިކަންހާއިރު ބުނީ މެލޭސިޔާއަށް މިއައީ އެއްއަހަރު ދުވަހު ކުރި މަސައްކަތަށް ބަލައި ޕްރަމޯޝަންދޭން ކަމަށެވެ. އެހެން ބުނުމުން ސުވާލު އުފެދުނެވެ. މާލެ ދަންދެން މަޑުނުކުރީ ނޫނީ ފޯނުން ނުބުނެ އެއައީ ކީއްވެގެންބާވައެވެ! ކޮންމެއަކަސް އެސުވާލުނުކުރިނަމަވެސް ކުޑައިރުކޮޅަކުން ޖަވާބު ލިބިއްޖެއެވެ. އޭނާ އައީ ހަމަ އެރޭ ދެމީހުން ކައިވެނިކުރަން ކުރަންޖެހޭ ކަންކަން ހަމަޖައްސައިފައެވެ. އަދި އޮފީހުގެ މަސައްކަތްކާއިއެކު ކުރިން އަޅުގަނޑު ފޮނުވާފައި ބެހެއްޓީވެސް އެކަން އެގޮތަށް ކުރަންވެގެންނެވެ. 

އެވަގުތުވެސް ފަސްޖެހެން ބޭނުންވިއެވެ. އެއީ އެހައި ތަނަވަސް ޢާއިލާއެއްގެ ދަރިއަކާއި އަޅުގަނޑުފަދަ ފަޤީރަކު ކައިވެނިކޮށްގެން އުފެދިދާނެ މައްސަލަތަކަށް ވިސްނައިލެވުމުންނެވެ. ނަމަވެސް އެރޭވެސް ހިތަށް އެރީ ހަމަ އެއްގޮތަކަށެވެ. ފުރުޞަތަކީ އަބަދަކު ލިބޭނެ އެއްޗެއް ނޫނެވެ. ޤަބޫލުނުކޮށްފިނަމަ ފުރުޞަތު ލިބޭނީ އެހެން މީހަކަށެވެ. އެހެންވެ ދައްކަންހުރި ހުރިހާ ވާހަކަތަކެއް ދައްކައި ޙާލު ބަޔާންކޮށްފައި އެކަން ޤަބޫލުކުރީމެވެ. އެރޭ ދެމީހުން އެކުގައި ނިދީ ދެމަފިރިންގެ ގޮތުގައެވެ. 

ދެމީހުންގެ ކައިވެންޏަށް 12 އަހަރުވީއެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ އެންމެ ހެޔޮ ރަޙްމަތުގައެވެ. އުފަލުން ތިބެގެންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ވާހަކަކޮޅުން ޢިބްރަތެއް ޙާޞިލުކުރެވިއްޖެނަމަ އެ ނިމުނީއެވެ. އަޅުގަނޑުގެ ކުރީގެ އަނބިމީހާ އާއި އެކުވެރިޔާއަށް ކުރިމަތިވި ކަންކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެ ދުވަސްތައް މިވަނީ ޖަނާޒާ ކުރެވި ނިފައެވެ. 

ނަމަވެސް ކުޑަކުޑަ އެއްވާހަކަ ބުނެލާނަމެވެ. ހިފި ނުހުރެވިގެން ކަމެއް ކުރެވުނު ނަމަވެސް އެންމެ ގާތް އެކުވެރިންގެ ލޭ ނުބޯށެވެ! ލޭ ބުއީމާ ނުކުންނަ ނަތީޖާ ހަމަ ޒަހަރަށްވުރެވެސް ހިތިވެދާނެއެވެ. ބުއިމުން މަދުވި ލޭގެ ބަދަލުގައި ދެއްވަވާ ނިޢްމަތްތައް މާމަތިވެރިވާނެއެވެ.

 

ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން