ފްރައިޑް ޓޫނާ އެގް ސޭޑްވިޗް:
ބޭނުންވާ ތަކެތި:
1 ފެނު ކެއްކި ބިސް ގާނާލާފައި
2 މޭޒުމަތީ ސަމުސާ ގާނާފައި ހުރި ކެރެޓް
1 ސައި ސަމުސާ ކުދިކޮށް ކޮށާލައިފައި ހުރި ފިޔާ
1 ކުޑަ ރޯމިރުސް ކުދިކޮށް ކޮށާފައި ހުރި
2 މޭޒުމަތީ ސަމުސާ މަސް ( ދަޅު މަހުގެ)
ލޮނު ރަހަލާވަރަށް
އަސޭމިރުސް ރަހަލާ ވަރަށް
1 މޭޒުމަތީ ސަމުސާ މަޔޯނައިސް
3 މޭޒުމަތީ ސަމުސާ ބަޓަރު
2 ފޮތި ޕާން
ތައްޔާރުކުރާނެ ގޮތް:
ތަވަޔަކަށް 2 މޭޒުމަތީ ސަމްސާ ބަޓަރު އެޅުމަށްފަހު 2 ފޮތިޕާން ރަން މުށި ކުލަ އަރަންދެން ޓޯސްޓް ކޮށްލާށެވެ. ޓޯސްޓް ކޮށްލާ ނިމުމުން ތައްޓަކަށް ނަގާ ބާއްވާލާށެވެ. ޕާން ޓޯސްޓް ކުރި ތަވާގެ ތެރެއަށް އިތުރު 1 ސަމްސާ ބަޓަރު އެޅުމަށްފަހު ފިޔާ، ކެރެޓް އަދި ރޯމިރުސް އަޅާ ދޭފަތަކުން ހަލަމުން ގެންދާށެވެ. ފިޔާ އަދި ކެރެޓް މަޑުވުމުން މަސްކޮޅާއި ގާނާފައި ހުރި ބިސް އަދި ލޮނު އަޅާށެވެ. 2 މިނެޓެއްހާއިރު ކެއްކުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާފައި އުނދުން ނިވާލާށެވެ.
ތައްޔާރުކުރި މަސްކޮޅު ހިހޫވުމުން އޭގެތެރެއަށް މަޔޯނައިސްއާއި އަސޭމިރުސް އެޅުމަށްފަހު އެއްކޮށްލާށެވެ.
2 ޕާންފޮތި ނެގުމަށްފަހު ކޮންމެވެސް އެއް ފޮއްޗެއްގެ މަތީގައި މަސްކޮޅު ފަތުރާލާށެވެ. އެއަށްފަހު ދެން އޮތް ޕާންފޮތި ބާއްވާލާށެވެ. އެއިރުން އެއޮތީ ފްރައިޑް ޓޫނާ އެގް ސޭޑްވިޗް ހެދިފައެވެ.
ނޯޓް: މި ރެސެޕީއަކީ ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފެނުނު ދެ ރެސިޕީއެއް މޮޑިފައިކޮށް ދިވެހިންގެ ރަހަތަކާއި ގުޅުވައިގެން ލިޔެފައިވާ ރެސެޕީއެކެވެ.
ލިޔުނީ: އުންމު ނަވާރު