"ފަލަސްޠީނު ހިނގުން" ނަމުން މާލޭގެ މަގަކަށް މާލެ ސިޓީ ކައުންސިލުން ނަންދީފިއެވެ.
މިކަމާގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޖަލްސާއިން ނިންމާފައިވަނީ މާފަންނު މަދަރުސާއާ އިންވެގެން ވެސްޓްޕާކާ ވީކޮޅަށް އޮންނަ އަދި މިހާތަނަށް ނަމެއް ދީފައި ނުވާ މަގަކަށް "ފަލަސްޠީނު ހިނގުން" ނަން ދިނުމަށެވެ. މިމަގަށް ނަންކިޔަން ފާސްވީ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ސިޓީ ކައުންސިލުން ބުނީ މަގަށް ރަސްމީކޮށް ނަން ކިޔަން ފަށާނެ ތާރީޚެއް އަދި ކަނޑަނާޅާކަމަށެވެ.
ކައުންސިލުން މިގޮތަށް ނިންމާފައިވަނީ، ފަލަސްޠީނުގެ ރައްޔިތުން އެތައް ޒަމާނެއްވަންދެން އުފުލަމުންދާ ތަކުލީފުތަކާއި އުއްމަތަށްޓަކައި ވަމުންދާ ޤުރުބާނީ ހަނދާންކޮށް އެކަން ދިވެހި ޖީލުތަކަށް ބުނެދިނުމަށްކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.