ސަޖިދައިގަ އޮއްވާ ނިޔާވި މުޙައްމަދު ޖަމީލުގެ ޖަނާޒާގައި ޙޯމް މިނިސްޓަރާ ސީޕީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރޭގެ ފަތިސްނަމާދަށްފަހު ބާއްވަން ހަމަޖެހިފައި އޮތް ޖަނާޒާ ، އެއިގެ ކުޑައިރުކޮޅެއްކުރިން ލަސްކުރީ ފުލުހުން ބަލަންޖެހޭ އިތުރު ކަންތައްތަކެއް ފެންމަތިވުމާއިގުޅިގެން އެކަންކަން ބެލުމަށެވެ. ނަމަވެސް ޢާއިލާއިން ބޭނުންވީ މައްޔިތާ ވަޅުލާށެވެ. އެހެންކަމުން ފުލުހުންނާއި ޢާއިލާގެ މެދުގައި ދެބަސްވުންތަކެއް ހިނގިއެވެ.
ކުރީގައިނަމަ ދެން ފެނުނީހީ އެސްއޯ ފުލުހުން ގޮސް ހަށިގަނޑު ގެންދާތަނެވެ. ނަމަވެސް ރޭ ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ހޯމް މިނިސްޓަރާއި ސީޕީ ވަޑައިގެންނެވިތަނެވެ. ހޯމް މިނިސްޓަރ ޢާއިލާ އާއި ބައްދަލުކުރައްވައި ވާހަކަފުޅުދެއްކެވުމުންވެސް ޢާއިލާއިން ބޭނުންވީ ވަޅުލާށެވެ.

ދެން ފެނުނީ ހޯމް މިނިސްޓަރ ފޯނެއްގައި ހުންނަވައިގެން ދުރަށް ޖެހިވަޑައިގެންނެވިތަނެވެ. 2،3 މިނިޓަށްފަހު ވިދާޅުވީ ޢާއިލާއިން ބޭނުންވާ ގޮތަށް ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން 6:05 ގައި ކަށުނަމާދުކޮށް މައްޔިތާ ވަނީ ވަޅުލައިފައެވެ.
މިއަދުނޫހަށް ޔަޤީންކަން ލިބިފައިވާ ގޮތުގައި މުޙައްމަދު ޖަމީލް ނިޔާވި ގޮތުގެ ފުލް ވީޑިއޯ ފުލުހުންގެ އަތުގައި އެބައޮތެވެ. އެވީޑިއޯ ވަނީ އެޗްއާރުސީއެމް އާއި އަދި އެހެން މުއައްސަސާތަކާއިވެސް ޙިއްޞާކޮށްފައެވެ.
ވީޑިއޯއިން ފެންނަކަމަށް މިއަދުނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ ސަޖިދައިގަ އޮއްވައެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތް ފުޅުން ހަށިގަނޑު ނުވެއްޓި ސަޖިދައިގައި އޮތްގޮތަށް އޮތީއެވެ. ސަޖިދައިގައި އޮއްވާ މީހަކު މަރުވުމަކީ އެމީހަކަށް ލައްވަވާ އެންމެ ބޮޑު އެއް ނަޞީބުކަމުގައި ޢިލްމްވެރިން ބަޔާންކުރައްވައެވެ.
ޢާއިލާއާއި ވީޑިއޯ ޙިއްޞާނުކޮށް އޮތް ނަމަވެސް މިއަދު ވީޑިއޯ ޢާންމުކުރާނެކަމަށް ބެލެވެއެވެ. ޢާއިލާއިންވެސް ހޯމް މިނިސްޓަރުގެ އަރިހުން އެދިފައިވަނީ ވީޑިއޯ އެމީހުންނާއި ޙިއްޞާކޮށްދެއްވުމަށެވެ.
މިކަމާއިބެހޭ އިތުރު މަޢުލޫމާތު މިއަދު ހޯމް މިނިސްޓަރު ޢާންމުކުރައްވާނެއެވެ.