ކައިވެނިކުރަން ނިންމާއިރު ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އަނެކާ ތިމާ ދެކެ ޙަޤީޤީ ލޯބިވާކަން ދެނެގަތުމެވެ. ނުވަތަ ޔަޤީންކުރުމެވެ. އުޞޫލެއްގެ ގޮތުން މިއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް އެބަހުއްޓެވެ.
މިޘާލަކަށް ތަނަވަސް މީހެއްގެ ގާތުން ފައިސާއަށް އެދިއްޖެނަމަ ވަރަށް ފަސޭހައިން ފައިސާދީފާނެއެވެ. އެއީ ކޮންމެހެން ޙަޤީޤީ ލޯބިވާތީއެއް ނޫނެވެ. އޭނާގެ އަތުގައި ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާ ހުރުމުން ދެނީއެވެ.
ގިނަ އަންހެނުން އަދި ފިރިހެނުންވެސް ބުނަނީ ޙަޤީޤީ ލޯބިވާކަން ޔަޤީންކުރެވެނީ އޭނާގެ ކިބައިން ތަކްލީފެއް އުފުލަން ޖެއްސުމުން ކަމަށެވެ. ސަމާލުކަންދީ އަޅައިލަންޖެހޭ ފަދަ ކަމެއް ކުރިމަތިކުރުވުމުން ކަމަށެވެ.
އެހެންވެ ބައެއް އަންހެނުން ބަލިނުވި ނަމަވެސް ބަލިވިކަމަށް ހެދިގެން އިމްތިޙާންކުރެއެވެ. އިމްތިޙާންކުރުމުގެ ގޮތުން ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެންޖެހޭކަމަށްވެސް ހަދައެވެ. ބަލިވުމުން އަނެކާ ދޭ ސަމާލުކަން ބެލުމަށެވެ. ގިން ދުވަސްވިޔަސް ޙާލުބަލައި ލޯބިވެގްން އުޅޭވަރު ބެލުމަށެވެ. އަދި މިނޫން އުކުޅުތައްވެސް ބޭނުންކުރެއެވެ.
ކޮންމެއަކަސް މިޒަމާނަކީ މީހުން ދައްކާ ވާހަކައަށް ބަލައި ކަންކަން ނިންމައިގެން ދެކޮޅު ޖެއްސެން އޮތް ދުވަސްވަރެއް ނޫނެވެ. ބެލެންހުރި ހުރިހާ ގޮތަކުން އަނެކާގެ ޙަޤީޤަތް ދެނެގަންނަން މަޖުބޫރުވެފައިވާ ދުވަސްވަރެކެވެ.
ކުޑަކުޑަ ވާހަކައެއްވެސް ކިޔައިދޭނަމެވެ.
އަންހެނެއްގެ 2 އެކުވެރިން ތިބެއެވެ. 2 އެކުވެރިންވެސް ބުނަމުން ގެންދިއައީ އޭނާދެކެ ލޯބިވާކަމަށެވެ. އެހެންވެ އަންހެންމީހާ ނިންމީ 2 މީހުންގެ ޙަޤީޤަތް ބެލުމަށެވެ. އެހެންވެ 2 މީހުންގެ ގާތުގައިވެސް ބުނީ އޭނާއަށް ވަރަށް ބޮޑު ބައްޔެއް ޖެހިއްޖެނަކަމަށާއި ބޭސްފަރުވާ ކުރާނެ ފައިސާ ނެތްކަމަށެވެ.
އެކަކު މަހެއްހައި ދުވަސްވަންދެން އެހީތެރިވެލާފައި އަޅައިވެސް ނުލިއެވެ. އަނެކަކު 3 މަސްވެގެންދިއައިރުވެސް އެހީތެރިވިއެވެ. ކޮންމެ ދުވަހަކު ގުޅައި ހާލުބަލައިވެސް ހެދިއެވެ. އެހެންވެ ކައިވެނިކުރީ އޭނާއާއިއެވެ.
ކައިވެނިކޮށް އަހަރުވެސް ވީފަހުން ފިރިމީހާގެ އަތަށް ސިޓީއުރައެއް ދީފައި ބުންޏެވެ. "ކައިވެނީގެ ކުރިން އަހުރެން ބަލިވެއްޖެ ކަމަށް ބުނުމުން ކަލާ އަހުރެންގެ ބޭސްފަރުވާއަށް ޚަރަދުކުރަންދިން ފައިސާ މިހުރީއެވެ. އެއީ އަހުރެންކުރި އިމްތިޙާނެކެވެ. އަހުރެން ބައްޔެއް ނުވެއެވެ." ފިރިމީހާއަށް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. ވީއުފަލުން ފައިސާތައް އަނބުރާ ދިނުމުންވެސް އަނބިމީހާ ބޭނުމެއް ނުކުރިއެވެ. ބުނީ ޙަލާލްވާނެ ކަމަށް ޤަބޫލުނުކުރެވޭތީ ބޭނުން ނޫން ކަމަށެވެ.
އަދި ދެވަނަ މީހާ ވެދިން އެހީވެސް އޭނާއަށް އަނބުރާ ރައްދުކޮށް ހަޤީޤަތް ހާމަކުރިއެވެ. "އަހުރެން ބޮޑަށް ލޯބިވީވެސް ތިބާ ދެކެއެވެ. ނަމަވެސް ތިބާގެ ކިބައިން ފެނުނީ އެކަމެއް ނޫނެވެ. އެހެންވެ ތިބާއާއި ކައިވެނި ނުކުރަން ނިންމީއެވެ." އޭނާވެސް ދިއައީ ސިއްސައިގެންނެވެ. އެދުވަހު ކަންތައް ކުރެވުނު ގޮތާއިމެދު ދެރަވެ ހިތާމަކުރާކަމަށް ބުންޏެވެ.
މިހުންނަނީވެސް ޙަޤީޤީ ލޯބިވާކަން މީހުން ކޮށްފައި ހުންނަ ކަންކަމެވެ. ޢިބްރަތް ޙާޞިލުކުރާށެވެ!
- އަލަފް / މިއަދުނޫސް