ޢިބްރަތްތެރި ވާހަކަ: މައިންބަފައިން މަރުވުމުން ތިބި 2 އަންހެން ކޮއްކޮ ގެއިންބޭރުކޮށްލި ބޭބެގެ ނިމުން ވަރަށް ހިތްދަތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ޢިބްރަތްތެރި ވާހަކަ: މައިންބަފައިން މަރުވުމުން ތިބި 2 އަންހެން ކޮއްކޮ ގެއިންބޭރުކޮށްލި ބޭބެގެ ނިމުން ވަރަށް ހިތްދަތި!

މައިންބަފައިން ދުނިޔެދޫކުރާއިރު ތިބޭ އަންހެންދަރިން، ކައިވެނިކޮށް ޒަވާޖީޙަޔާތަކަށް ފަށަންދެން ބެލެހެއްޓުމަކީ ފިރިހެންދަރިންގެ މަސްއޫލިއްޔަތެކެވެ. އެމީހުންގެ ބަލަދުވެރިޔާގެ ޙައިޞިއްޔަތުން އެއީ ﷲ ތަޢާލާ ފިރިހެންދަރިންނާއި ޙަވާލުކުރައްވަވާ އަމާނާތެކެވެ. 

އެމަސްއޫލިއްޔަތު ހެޔޮ ގޮތުގައި އަދާކުރާ ބޭބެއިންވެސް ތިބެއެވެ. އަދި މަސްއޫލިއްޔަތު އުފުލުމުގެ ބަދަލުގައި ދެރަކޮށްލައި ނިކަމެތިކުރާ ބޭބެއިންވެސް ތިބެއެވެ. އެއިގެ ތެރޭގައި އަނހެންކުދިންނަށް އެކުދިންގެ މައިންބަފައިންގެ މުދަލުން ލިބުން ޙައްޤު މިންވަރު ދިނުމަށް ދެކޮޅުހެދުމުގެ އިތުރުން އެޙައްޤުން މަޙްރޫމްކުރާ ބޭބެއިންވެސް ތިބެއެވެ. 

މިއީ އެބާވަތުގެ ނުބައި ބޭބެއެއްގެ ވާހަކައެވެ. އޭނާގެ ނިމުން ވަރަށް ހިތްދައްޗެވެ. ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އެ 3 ބެއިންގެ މައިންބަފައިން މަރުވިއިރު ފިރިހެންދަރިފުޅުގެ އުމުރަކީ 22 އަހަރެވެ. ހަގަށް ތިބީ 16 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖެކެވެ. 

މައިންބަފައިން މަރުވެ ދެ ކޮއްކޮގެ ޒިންމާ ނަގަން ޖެހުނު ދުވަހު އޭނާ ޚިޔާރުކުރީ އެންމެ ނުބައި މަގެވެ. ޕާޓީކުރުމާއި މަޖާކުރުމެވެ. ނަތީޖާއަކަށްވީ ޢާއިލާއަށް ހައިހޫނުކަން ކުރިމަތިވުމެވެ. ދެބެން ކައިބޮއި އުޅުނީ އަވަށްޓެރިންގެ އެހީތެރިކަމާއިއެކުގައެވެ. އެވަރުންވެސް ފުދުނީއެއް ނޫނެވެ. މީހުން އަތުން ދަރަންޏަށް ފައިސާވެސް ނަގަނީ ވަކިވަރަކަށް ނޫނެވެ. 

ދަރަނިވެރިވަމުން ގޮސް ސަލާމަތް ނުވެވޭ ހިސާބަށް ދިއުމުން މަހުޖަނަކަށް ދޮށީކޮއްކޮ ވިއްކައިލީ އޭނާއަށް އަނގައިވެސް ނުލައެވެ. އުމުރުން 18 އަހަރު ކިރިޔާ ފުރުނުތަނުންނެވެ. އެކަމަށް ދެކޮޅު ހެދުމުން ދެބެއިން ގެއިން ނެރެ ބޭރުކޮށްލީއެވެ. ދެބެއިން މަގުމަތިވެފައި ތިއްބައި އެކަން އެނގިގެން ގެންދިއައީ ދުރުތާ ތިމާގެ އަންހެނެކެވެ. 

އެއީ ދަރިއަކު ނުލިބޭ ދެމަފިރިންނެވެ. އެމަފިރިން އަމިއްލަ ދަރިން ފަދައިން ދެބެއިން ގުޅެ ބޮޑުކުރިއެވެ. ކިޔަވައިދިނެވެ. ދެބެއިންނަށް ރަނގަޅު ވަޒީފާއެއްވެސް ހޯދައިދިނެވެ. ދެބެއިންނަށް ރަނގަޅު ވަޒީފާއެއް ލިބުނުކަން އެނގުމާއިއެކު ބޭބެވެގެން ފައިސާ ހޯދަން އަންނަން ފަށައިފިއެވެ. ނަމަވެސް ދެބެއިން އޭނާއާއި ވާހަކަވެސް ނުދެއްކިއެވެ. 

ދޮށީ ކުއްޖާ ކައިވެނިކުރީ ޤާނޫނީ ވަކީލަކާއެވެ. އެހިސާބުން ކޯޓަށް ގޮސް މައިންބަފައިންގެ ގޯތި ބަހައިފިއެވެ. 3 ބެއިންނަށް ވަކި ރަޖިސްޓްރީ ހަދައި ނިމުނުތަނުން ބޭބެގެބައި ވިއްކާލައިފިއެވެ. ބިންކޮޅު ވިއްކާލުމުންވެސް އޭނާގެ ދަރަނިތައް އަދައެއް ނުކުރެވުނެވެ. ފައިސާދިން މީހުން ކޯޓަށް ދިއުމުން ބަންދުކުރާނެ ތަނެއް ނެތިގެން ގެންދަންޖެހުނީ ޖަލަށެވެ. ދެބެއިންކުރެ ކުއްޖަކު އޭނާ ގެއަށް ވައްދަންވެސް އެހީތެރިވާންވެސް އެއްބަސްނުވީއެވެ. އެއީ އެދެބެއިންނާއިމެދު އޭނާ ޢަމަލުކުރި ގޮތުންނެވެ. އަދި އެފަދަ މީހަކު ގޭގައި ނުގެންގުޅެވޭނެތީއެވެ. 

ޖަލަށް ގެންދިއަތާ މާގިނަ ދުވަސްތަކެއް ނުވެ ފެނުނީ މަރުވެފައި އޮއްވައެވެ. 

މިއީ މީގެ އަހަރުތަކެއް ކުރިން ހަމަ މިމާލޭގައި ހިނގާފައިވާ ކަމެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިގެނެސްދިނީ މިފަދަ ކަންކަން މިހާރުވެސް ތަކުރާރުވަމުންދާތީއެވެ. މައިންބަފައިން މަރުވުމުން އަންހެންދަރިންނަށް މިފަދަ ނިކަމެތި ޙާލުޖައްސުވާތީއެވެ. 

އަޅުގަނޑުގެ އަވަށްޓެރިންގެ ތެރޭގައި ހިނގައިދިއަ ހަމަ މިފަދަ ޙާދިސާއެއްގައި އެކުދިންގެ މަންމަގެ އެއްބަނޑު އަންހެނަކު ވަނީ އޭނާގެ ދައްތަ މަރުވިއިރު ތިބި ކުޑަކުޑަ 3 އަންހެންކުދިން އެމީހުންގެ ރަށަށް ގެންގޮސްފައެވެ. ގެއަށްވެރިވެ ގެ ކުއްޔަށްދީގެން ލިބޭ ހުރިހާ ފައިސާތަކެއް ބޭނުންކުރަނީ ދޮށީ ބޭބެއެވެ. 

މިއަދު އެގޮތަށް ކަންތައް ކުރެވިދާނެއެވެ. ނަމަވެސް އެފަދަ ޔަތީމްކުދިންގެ ޙައްޤުތައް ކައިގެން ސަލާމަތް ނުވެވޭނެ ދުވަސް އޮތީ ކުރިއަށެވެ. ވީމާ ވިސްނައިލުން ރަނގަޅުވާނެއެވެ. 

- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން