ކުޅިވަރުން ލިބޭ އަނިޔާތަކަށް ފަރުވާކުރާ ޑޮކްޓަރުން ތަމްރީންކުރަން ރައްޖެއިން މެލޭޝިޔާއާއެކު ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކުޅިވަރުން ލިބޭ އެކި އަނިޔާތަކާއި އޭގެ ފަރުވާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވި މަހާސިންތާއެއްގައި ވާހަކަދައްކަވަމުންނެވެ. މި މަހާސިންތާ ކުރިއަށްގެންދިޔައީ މެލޭޝިޔާގެ ކެބާންސަން ޔުނިވަރސިޓީއާއި ޑިޕާޓްމަންޓް އޮފް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސަރޖަރީއާއި މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަން ގުޅިގެންނެވެ.
މިމަހާސިންތާގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ކުޅިވަރު ކުޅޭ މިންވަރު އިތުރުވަމުންދާ ވަރަކަށް، ކުޅުންތެރިންނަށް އަނިޔާ ލިބޭ މިންވަރު އިތުރުވާނެކަމަށާއި، އެހެންކަމުން ޑިމާންޑާ އެއްވަރަށް ފަރުވާ ދޭނެ ޑޮކްޓަރުން ރާއްޖޭގައި ތިބެންޖެހޭކަމަށެވެ. އަދި ދިވެހި މުޖުތަމަޢަކީ ހަށިހެޔޮ ހަރަކާތްތެރި މުޖުތަމަޢަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ކުޅިވަރުން ލިބޭ އަނިޔާތަކަށް ފަރުވާކުރާ ޑޮކްޓަރުން ތަމްރީންކުރަން މެލޭޝިޔާއާއެކު ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށާއި މިއެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ، ޔުނިވަރސިޓީތަކުން ދިވެހި ސާޖަނުންނަށް ތަމްރީން ފުރިހަމަކުރެވޭނެ މަގު ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.