ބިންމައްޗަށް ވެއްޓެމުން ފުރޮޅެމުން، ދެކަކޫމަތީގަ ފިރުކެމުންވެސް ޞިރާޠުމަގު ހުރަސްކުރެވޭނެ މީހަކަށްވާން އެދޭމީހާ ދުނިޔޭގަ ހޭލުންތެރިވާން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ބިންމައްޗަށް ވެއްޓެމުން ފުރޮޅެމުން، ދެކަކޫމަތީގަ ފިރުކެމުންވެސް ޞިރާޠުމަގު ހުރަސްކުރެވޭނެ މީހަކަށްވާން އެދޭމީހާ ދުނިޔޭގަ ހޭލުންތެރިވާން އެބަޖެހޭ!

އަބަދުވެސް ބުނާ ފަދައިން ކުޑަފާފަ ބޮޑުފާފަ ކިޔައި ތިމާއަށް ކުރެވޭ ފާފަތަކުގައި މިންއެޅުމާއި ކިރައި ހެދުމަކީ ޞަހާބީންނާއި ތާބިޢީ ބޭކަލުންގެ ޒަމާނުގައި އެއްގޮތަކަށްވެސް އޮތް ކަމެއް ނޫނެވެ. އެބޭކަލުން ސަމާލުކަން ދެއްވެވީ ފާފައަކަށްވެދާނެ އެންމެހައި ކަންކަމާއިވެސް ދުރުހެލިވެވަޑައިގަތުމަށެވެ. އެބޭކަލުން އެކަމަށް އިންތިހާއަށް ބިރުވެތިވެވަޑައިގެންނެވިއެވެ.   

ޒަމާން ފަސްވެ މިހިސާބަށް އައިއިރު ބައެއް މީހުންގެ ވިސްނުމުގައި ފާފައަކީ ހަމައެކަނި އެންމެ ބޮޑެތި ފާފަތަކެވެ. ކުދިފާފަތައް ކުރެވުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. އެއީ އެހައި ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. 

ނަމަވެސް މިއީ ވަރަށް ނުބައިކަން ބޮޑު ވިސްނުމެކެވެ. ޤަޞްދުގައި ކުދި ފާފަތައް ކުރާމީހާ އެވަނީ އެވަނީ ވަރަށް ބޮޑު ގެއްލުމަކާއި ހަލާކެއްގެތެރޭގައެވެ. ކުދި ފާފަތައް ކުރަން ޖެހިލުން ނުވެވެނީ ޝައިޠޯނާގެ ބާރުގެދަށަށް އޭނާގެ ވިސްނުން ގެންގޮސްފައިވާތީއެވެ. ނަތީޖާއަކަށްވާނީ ބޮޑެތި ފާފަތައްވެސް ކުރެވެން ފެށުމެވެ. 

ބައެއް މީހުން ފާފައަކަށްވެދާނެ އެއްވެސް ޢަމަލެއް ނުކޮށް އެތައް ދުވަހަކުތިބުމަށްފަހު ކުޑަފާފަފައެއް ކޮށްލައިފާނެއެވެ. ފުރަތަމަ ކޮޅު ކުރާނީ ވަރަށް ދޭތެރެ ދުރުކޮށެވެ. ނަމަވެސް ދުވަސްކޮޅެއްވާއިރަށް ބިރުކެނޑި ގިނަގިނައިން ފާފަކުރެވޭ މީހަކަށް ބަދަލުވެދާނެއެވެ. 

މިފަދަ ކަންކަމުން އެނގެނީ ޝައިޠޯނާގެ މަޅީގައި ޖެހެވިއްޖެ ނަމަ އެއިން ސަލާމަނުވެވޭކަމެވެ. މަޑުމަޑުން އެމީހަކު ޝައިޠޯނާގެ ބާރުގެދަށަށް ގެންނަމުން ގޮސް މީހާގެ މުޅި ކޮންޓްރޯލް ޝައިޠޯނާގެ ބާރުގެދަށަށްދާ ކަމެވެ. އެހިސާބުން އެމީހާއެވަނީ މަގުގެއްލި ޝައިޠޯނާގެފަރާތުގައިވާ މީހަކަށް ބަދަލުވެފައެވެ. 

މީސްތަކުންނޭވެ! މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ޙާލަތެކެވެ. ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ. އެއްވެސް ފާފައަކީ ކުޑަ ފާފައެއް ކަމަށް ނުދެކޭށެވެ. އެއީ ކިތަންމެ ކުޑަ ފާފައަކަށްވީނަމަވެސް އެފާފައަކަށް އަރައި ނުގަންނާށެވެ. ނަރަކައިގެ ހޫނުގެ ދިލަ އެމީހެއްގެ ގައިގައި ބީހިލިނަމަވެސް އެމީހަކަށް ވެގެންދާނެ ގޮތް އިޙްޞާޞްކުރަން މަސައްކަތްކުރާށެވެ! ވެއްޓެމުން ފުރޮޅެމުންވެސް ޞިރާޠުމަގު ހުރަސްކުރެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން