މިފްކޯއިން މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޫކުރަންފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ.
މިކަމާގުޅިގެން މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރެވުނު މަސައްކަތުން މާދަމާ (1 ޖުލައި ގައި) ދެވިގެންދާނެ ކަމަށާއި މާދަމާ ދޫކުރާ ފައިސާގެ ތެރޭގައި މީގެކުރިން ދައްކަން އޮތް 52 މިލިއަން ރުފިޔާގެ އިތުރުން، މިދިޔަ 2 ހަފްތާގައި މަސްވެރިން ކިރުވާފައިވާ މަހަށް ދައްކަންޖެހޭ ފައިސާވެސް ހިމެނޭނެކަމަށެވެ.
މާދަމާ ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވޭނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މީގެއިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާވެސް ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ. މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު މަސް ދޯނިފަހަރަށް ދޫކޮށްފައިކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ބުނީ، މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށެވެ.
އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް އެކުންފުނިން ވިދާޅުވިއެވެ.