ހެޔޮ ގޮތުގައި ދަރިން ތަރިބައްޔަތު ކުރުމަށް ދަރިންނާ އޮންނަ ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ގްލޯބަލް ޕޭރެންޓިން މަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ ވިދާޅުވީ ރަނގަޅު ގޮތުގައި ކުދިން ތަރުއްބިޔަތުކުރުމަށް މައިންބަފައިންނާއި ދަރިންނާއި އޮންނަ ގުޅުން ބަދަހިވާންޖެހޭކަމަށެވެ. އަދި މިގުޅުން ބަދަހިކުރުމަށް އެކި ގޮތްގޮތުން ބެލެނިވެރިން މަސައްކަތް ކުރަންޖެހޭކަން ސާޖިދާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އެކި ޢުމުރުގެ ކުދިންނާއި މިގުޅުން އުފެއްދުމަށް ބެލެނިވެރިން އަދާކުރާ ރޯލު ތަފާތުކަންވެސް ސާޖިދާ ފާހަގަކުރެއްވިއެވެ.
"އެ ކުދިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށް އެ ކުދިންގެ ލެވެލްގެ ހަރަކާތްތަކުގައި ބައިވެރިވުން،" ސާޖިދާ ވިދާޅުވި އެވެ.
ފުރާވަރުގެ ކުދިންނާއި ގުޅުން ބަދަހިކުރެވޭނީ އެ ކުދިންގެ އެންމެ ގާތް ރަހުމަތްތެރިޔާ އަކީ މައިންބަފައިން ކަމުގައި ވެގެން ކަމަށާއި އެކަމަށް ސަމާލުކަން ދިނުމަށްވެސް ސާޖިދާ އެދިވަޑައިގެންނެވިއެވެ.