އުންމު ނަވާރު
ގޮހޮރު ބެދުމުން ފެނިދާނެ ބައެއް އަލާމާތްތައް:
ގޮހޮރު ބެދުން ނުވަތަ ބައުލް އޮބްސްޓްރަކްޝަން އަލާމާތްތައް ބިނާވަނީ ގޮހޮރު ބެދުނު މިންވަރުގެ މައްޗަށެވެ. ގޮހޮރު ނުވަތަ ގޮހޮރުން ބައެއް ބެދެއްޖިނަމަ ފެނިދާނެ އެންމެ އާންމު އަލާމާތަކީ ބަނޑުގައި ރިއްސުމެވެ. މިގޮތަށް ރިއްސާއިރު ބޮޑަށް ރިއްސާނީ ފޫޅާ ދިމާ ހިސާބުގައެވެ. ބައުލް އޮބްސްޓްރަކްޝަންގެ އިތުރު އަލާމާތްތަކުގެ ތެރޭގައި ބަނޑު ހަރުވެ ބޮދުކަމުދާން އުނދަގޫވުން ނުވަތަ ބޮޑުކަމު ނުދެވުމާއި ވައި ބޭރުކުނުކުރެވޭ ގޮތްވެއެވެ. މީގެ އިތުރުން ކާހިތްނުވުމާއި މޭނުބައިކުރުން ނުވަތަ ހޮޑުލެވުމާއި ބަނޑު ފުފޭ ގޮތްވެއެވެ. ގޮހޮރުން ބައެއް ބެދުމުން ބައެއް ހާލަތްތަކުގައި ބޭރަށްހިންގާ ގޮތްވެއެވެ. ގޮހޮރު އެއްކޮށް ބްލޮކް (ބެދުން) ވެއްޖެނަމަ އެއްވެސް ވަރަކަށް ބޮޑުކަމު ނުދެވޭނެއެވެ. ވައި ބޭރުވެސް ނުވާނެއެވެ. މި ހާލަތުގައި އެއްޗެއް ކާލާއިރަށް ހޮޑުލެވޭނެއެވެ. އަދި ވަރަށް ގަދަޔަށް ބަނޑަށް ތަދުވާނެއެވެ. ކުއްލި ކުއްލިއަށް ބޮޑަށް ތަދު އަންނާނެއެވެ. އަވަހަށް ފަރުވާ ނުހޯދެއްޖިނަމަ މިއީ ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެކެވެ. އަދި ބައެއް ފަހަރު ކުޑަކަމުދާ އެއްޗެހީގެ ކުލަ ގަދަވުމާއި ހިތުގެ ތެޅުން އަވަސްވެސް ވެދާނެއެވެ.
ގޮހޮރު ބެދުމަށް ( ބްލޮކް ) ވުމަށް މެދުވެރިވާ ބައެއް ހާލަތްތައް:
( Abdominal Adhesions ) އެބްޑޯމިނަލް އެދީޝަންސް
ބަނޑުގައި ހުންނަ އެދީޝަންސްތަކަކީ ބަނޑުގެ ޓިޝޫތަކާއި ގުނަވަންތަކުގެ މެދުގައި އުފެދޭ ސްކާ ޓިޝޫގެ ބޭންޑްތަކެވެ. ބަނޑުގެ އެދީޝަންސް، ގޮހޮރުގެ ލޫޕްތަކުގެ މެދުގައި އުފެދޭ ސްކާ ޓިޝޫގެ ބޭންޑްތަކުގެ ސަބަބުން ގޮހޮރު ބެދިދާނެއެވެ. އާންމުކޮށް އެދީޝަންސް އުފެދެނީ ބަނޑު ނުވަތަ ޕެލްވިސްގެ ( ދަންބަނޑުގެ) ސާޖަރީއަކަށް ފަހުގައެވެ. މިހެންވުމުގެ ސަބަބުން ހަށިގަނޑު އެތެރޭގައިވާ ގުނަވަންތައް ބައެއް ފަހަރު ތައްލާގޮތްވެއެވެ.
( Abdominal Hernias )އެބްޑޯމިނަލް ހާރނިއާސް
އެބްޑޯމިނަލް ހާނިއާއަކީ ގޮހުރުގެ ބައެއް ނުވަތަ ސަރުބީ ފަށަލައިގެ ބައެއް ބަނޑުގެ ދެރަ މަސްފަށަލަ ތަކުން ބޭރަށް ނިކުތުމެވެ.
ކެންސަރ ޓިއުމަރ:
ގޮހުރުގައި އުފެދޭ ކެންސަރ ޓިއުމަރގެ ސަބަބުންވެސް ގޮހުރު ބެދޭ ގޮތްވެއެވެ.
ގޮހޮރު ބެދޭ އެހެން ސަބަބުތަކުގެ ތެރޭގައި އިންފްލެމޭޓަރީ ބައުލް ޑިޒީޒް، ޑައިވަރޓުކީލައިޓަސް، އިންޓުރސުސެޕްޝަން، ވޮލްވިއުލެސް އަދި ރޭޑިއޭޝަން ތެރަޕީ ހިމެނެއެވެ. އަދި ގޮހޮރުން ހަޖަމް ނުކޮށްދޭ އެއްޗެއް ކެވެގެންވެސް ބައެއް ފަހަރު ގޮހުރުގައި ބްލޮކް އެފެދޭ ގޮތްވެއެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.
ލިޔުނީ: އުންމު ނަވާރު
މަސްދަރު
https://www.webmd.com/digestive-disorders/what-is-bowel-obstruction
https://my.clevelandclinic.org/health/diseases/bowel-obstruction
https://www.mayoclinic.org/diseases-conditions/intestinal-obstruction/symptoms-causes/syc-20351460