މައްސަލަ ފެށެނީ ޚިޔާނާތްތެރިވުމުންނެވެ. ބޭވަފާތެރިވުމުންނެވެ. ފާފަކުރެވުމުން ތައުބާނުވާނަމަ ޝައިޠޯނާގެ އަޅަކަށްވާންޖެހޭ އުޞޫލުން ބައިވެރިޔާއަށް ޚިޔާނާތްތެރިވެ ބޭވަފާތެރިވުމަކީވެސް އަޅަކަށްވާންޖެހޭ ކަމެކެވެ. ބައެއް ފަހަރު އެކަން އެނގޭ، ގޭގައި ގެންގުޅޭ ނޯކަރުންގެ އަޅަކަށެވެ.
ތިރީގައި އެވަނީ އެޙާލު ޖެހުނު 2 މީހެއްގެ ވާހަކައެވެ. ވިދާޅުވެ ހޭލުންތެރިވެލައްވާށެވެ!
ޒުވާން ދެމަފިރިންނެވެ. ދެމަފިރިންނަކީވެސް ވަޒީފާއަދާކުރާ ދެމަފިރިންނެވެ. ދިރިއުޅެމުން އައީވެސް ވަރަށް ލޯބިންނެވެ. ނަމަވެސް ކައިވެނިކުރިތާ މާގިނަ ދުވަސްތަކެއް ނުވެ ފިރިމީހާ ހިލޭ އަންހެން ކުއްޖަކާއިއެކު ލޯބީގެ ގުޅުން ހިންގަން ފަށައިފިއެވެ. އަނބިމީހާ އޮފީހުގައި އުޅޭ ވަގުތުތަކުގައި އެކުއްޖާ ގެއަށް ގެނެސްގެންވެސް ގެންގުޅެން ފަށައިފިއެވެ.
ގޭގައި ނޯކަރަކަށް ގެންގުޅޭ އަންހެންމީހާ ދިއައީ އެކަމަށް ސަމާލުކަންދީގެން ފާރަވެރިވަމުންނެވެ. އެގޮތަށް އުޅެމުން އައިސް ހަނދާންނެތި ސިޓިންގ ރޫމަގައި އަންހެން ކުއްޖާގެ އަތްދަބަސް ބާއްވާފައި ދެމީހުން ކޮޓަރިއަށް ދެވުނު ދުވަހަކު ނޯކަރު ގޮސް އެދަބަސް ބަލައިލިއިރު އޭގައި ވަރަށް ގިނަ ފައިސާ ހުއްޓެވެ. އަގުބޮޑު ގަހަނާތައްވެސް ހުއްޓެވެ.
ނޯކަރު އަވަސް އަވަހަށް އެތަކެތި ވަގަށް ނަގައި ފޮރުވިއެވެ. ދަބަހުން އެ އެއްޗެތި މަދުކަން އެނގުމުން ފިރިހެން މީހާއާ ދެމީހުން ވަރަށް ރުޅިގަދަވެގެން ތިބެ ގޮސް ޢޭނާ އާއި ކުރިމަތިލިއެވެ. ނުދެއްކުމުން ގެއިން ނެރެލަންވެސް އުޅުނެވެ. އޭނާގެ ޖަވާބަކަށްވީ މެޑަމް ގެއަށް އައިމަ ޙަވާލުކުރަންޖެހޭ އެއްޗެތި ޙަވާލުކޮށްފައި ނުކުމެގެންދާނެ ކަމަށެވެ. އެއީ ކޮން އެއްޗެއްތޯ ސުވާލުކުރުމުން ޖަވާބުނުދީ ހުރެފައި ބުނީ އެއީ ކަލޭމެން ދެމީހުން ކުރި ބައެއް ކަންކަމުގެ ވީޑިއޯތައް ކަމަށެވެ. އެހެންބުނުމުން ޖެހުނީ އަނގައިން ނުބުނެ ތިބޭށެވެ.
އެއިގެ ފަހުން ނޯކަރު ބޭނުންވާ ވަރަށް ފައިސާ ދެމީހުން އަތުންވެސް އަތުލައެވެ. ނުދީފިނަމަ ބޭޒާރުކޮށްލައިފާނެ ކަމުގެ ބިރަށް ދެނީއެވެ. ފައިސާ އަތުލަމުން ގޮސް ހިތްފުރޭވަރަށް ފައިސާ ލިބުމުން އޭނާ ގެއިން ނުކުމެގެން ދިއައީއެވެ. އެއީ މަސައްކަތް ނުކޮށް ހުރެގެން ފައިސާ ހޯދުމުގެ ބޭނުމުގައެވެ. އެދެމީހުންނަށް ޖެހެނީ އޭނާ ބުނާކަންކަން ކޮށްދޭށެވެ.
ދުވަސްތަކެއް ފަހުން ފިރިހެން މީހާއަށް ވިސްނެން ފެށިއެވެ. މިކަމުން ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެއެވެ. އެކައުންޓުގައި އެންމެ ޑޮލަރެއްވެސް ސޭވެއް ނުކުރެވޭނެއެވެ. ދެން އޮތް ގޮތަކީ އަނބިމީހާއަށް އަމިއްލައަށް ކިޔައިދީ ނޯކަރު މީހާ ކުރާ ބްލެކް މޭލުން ސަލާމަތްވުމެވެ.
އެވިސްނުމުގައި ހުރެ ނޯކަރާއި ވާހަކަ ދެއްކުމުން ބުނީ އަންހެން މީހާއަކީ ކާކުގެ އަންތބެއްކަންވެސް އެނގޭކަމަށެވެ. ބުނާ ކަންކަން ކޮށްނުދޭނަމަ އަންހެން މީހާގެ ފިރިމީހާއަށްވެސް ވީޑިއޯތައް ދައްކާނެ ކަމަށެވެ. ދެމީހުންކުރެ މީހަކަށް ސަލާމަތްވެވެން ނެތީއެވެ. އެންމެފަހުން މައްސަލަ ޙައްލުކުރަންޖެހުނީ އެއްފަހަރާ ގިނަ ޢަދަދެއްގެ ފައިސާ ނޯކަރަށްދީ އޭނާ ރުއްސައިގެންނެވެ. އޭނާގެ ހިތް ފުރައިދީގެންނެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެއްގެ ޚުލާޞާއެވެ. މިފަދަ ކަންކަމަކީ ހަމަ ހުރިހާ ޤައުމުތަކެއްގައިވެސް ހަމަ ހިނގަމުން އަންނަ ކަންކަމެވެ. މިރާއްޖޭގައިވެސް ހަމަ މިފަދަ ކަންކަން އެބަހިންގައެވެ. ނޯކަރު ކަންތައް އެކުރީ ރަނގަޅަށް ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އޭނާއަށްވުރެ ބޮޑަށް އަޅުގަނޑު ކުށްވެރިކުރާނީ މިބާވަތުގެ އަމަލުތައް ހިންގާ ފިރިންނާއި އަނބިންނެވެ. ކައިވެނިކުރުމުގެ ކުރިންވެސް ޙަރާމް ކަންކަން ކުރުމެއް ނެތެވެ. ޚާއްޞަކޮށް ކައިވެނި ކުރުމަށްފަހު މިބާވަތުގެ ކަންކަން ކުރާނަމަ އެމީހަކަށް މުޞީބާތްތައް ކުރިމަތިވާނެއެވެ. އެކި މީހުންނަށް ކުރިމަތިވާނީ އެކި ގޮތަށެވެ.
ކިޔުންތެރިން ޙައިރާންވެދާނެއެވެ. ދާދިފަހުން ހިނގި މިފަދަ ކަމެކެވެ. އެއީ ތަނަވަސް ފިރިއެކެވެ. ހަމަ މިފަދަ ގޮތަކަށް ގޭގައި ގެންގުޅުނު މީހާއަށް އޭނާ ބްލެކްމޭލް ކުރެވުމުން އޭނާ އަތުން ފައިސާ އަތުލުމުގެ އިތުރުން އެމުސްކުޅި އަންހެން މީހާ އާއި ގުޅުން ހިންގަންވެސް ޖެއްސުވިއެވެ. އަހަރު ނުވަނީސް ފުރައިގެން ދިއައީ 5 އަހަރު ރާއްޖޭގައި މަސައްކަތްކުރުމުން ލިބޭނެ މުސާރައާއި އެއްވަރަށް ފައިސާ އަތުލައިގެންނެވެ. މިބުނަނީ 25000 (ފަންސަވީސް ހާސް) ޑޮލަރުގެ ވާހަކައެވެ. ރުފިޔާއިންނަމަ ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާގެ ވާހަކައެވެ.
އަތުގައި ރުފިޔާ ހުރިއްޔާ ރުފިޔާ ދެވިދާނެއެވެ. ދުނިޔޭގެ ލަދުން ސަލާމަތްވާން މަސައްކަތްކުރެވިދާނެއެވެ. ބައިވެރިޔާއަށް ސިއްރުވެސް ކުރުވިދާނެއެވެ. ނަމަވެސް ޔަޤީންކުރަންޖެހޭ ކަމަކީ ﷲ ހުރިހާ ކަމެއްވެސް ދެކެދެނެވޮޑިގެންވާ ކަމެވެ.
އަދި އަޅުގަނޑުގެ ހިތުގައި އުފެދޭ ބައެއް ސުވާލުވެސް ކިޔުންތެރިންނަށް ކޮށްލާނަމެވެ. އެއީ މިފަދަ ނުބައި ޢަމަލުތައްކޮށް ބޭވަފާތެރިވުމަށްފަހު އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ތިމާގެ ޢިއްފަތްތެރި ބައިވެރިޔާގެ ކުރިމަތީގައި ހުއްޓި ހުންނައިރު ހަމަ ލަދުގެ ކަންފުޅެއްވެސް ހިތުގައި ނުވޭހެއްޔެވެ؟ ދެވަނަ ސުވާލަކީ މިބާވަތުގެ ނުބައި ގުޅުންތައް ހިންގާ މީހުންނަށް ބައިވެރިޔާދެކެ ހަމަ ލޯބިވެވޭހެއްޔެވެ؟ ލޯބިދެވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުގެ ހިތަށް އަރާ ކަންކަމެވެ!
- ސަމިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް