އިންސާނުންނަކީ އަބަދުވެސް ޝައިޠޯނާގެ ބަހަށް ހެއްލެވުން ފަސޭހަ ބައެކެވެ. ވީމާ ފިލްމްތަކުންނާއި ސީރީޒްތަކުން ފެންނަ ގޮތްގޮތަށް ކަންތައްތައް ކުރުން މިދަނީ ގިނަވަމުންނެވެ. އެއިގެ ތެރޭގައި އެންމެ ގާތް، ތިމާއަށް އެންމެ ބޮޑަށް އެހީތެރިވެދޭ މީހުން އިނދަޖައްސުވާލައިފައިވެސް ތިމާއަށް އުފާވެރިކަން ލިބިދާނެހެން ހީވާ ކަންކަން ކުރުން ހިމެނެއެވެ.
އެންމެ ގާތް އެކުވެރިންގެ ދަރަޖަދީ ހުރިހާ ކަންކަމުގައި އެހީތެރިވެދިނަސް ގިނައީ ހިތް ނުފުރޭ މީހުންނެވެ. އަމިއްލަ އެދުން ކުރިއަށް ނެރެ އެކުވެރިޔާ އިނދަޖައްސާލައިގެންވެސް ތިމާއަށް އުފާވެރިކަން ބޭނުން މީހުންނެވެ. މިވާހަކައަކީވެސް މިފަދަ ޙާދިސާއެއްގެ ވާހަކައެކެވެ.
އަޅުގަނޑުގެ މައިންބަފައިން ނިޞްބަތްވަނީ ރާއްޖެތެރެއަށެވެ. ބައްޕަ މަސައްކަތްކުރަމުން އައީ މާލޭގެ ފިހާރައެއްގައެވެ. މަސައްކަތްކުރަމުން އައިސް އަމިއްލައަށް ކުޑަ ފިހާރައެއް ހުޅުވިއެވެ. އަދި އެފިހާރައިގާ ކުރަންފެށި ވިޔަފާރި ކުރިއަރައި ފުދޭވަރެއްގެ ތަނަވަސް މީހަކަށްވިއެވެ. މާލެއިން ކުޑަބިންކޮޅެއްވެސް ގަތެވެ. އެބިންކޮޅުގައި ގެއެއް އަޅައި މަންމަ އާއި އަޅުގަނޑުވެސް މާލެއަށް ބަދަލުކުރިއެވެ.
ކިޔަވައި ނިމިގެން ވަޒީފާއެއް ހޯދަން އުޅުމުން ބައްޕަބުނީ ތަނަކަށް ވަޒީފާއަށް ދިއުމުގެ ބޭނުމެއް ނެތްކަމަށާއި ގޭގައި ހުރެގެން ފިހާރައިގެ ލިޔެކިޔުންތަކާއި ހިސާބުތައް ބެލެހެއްޓުން މާރަނގަޅުވާނެ ކަމަށެވެ. ގޭގައި ކުޑަ އޮފީހެއް ހަދައިދޭނެ ކަމަށާއި މުވައްޒިފަކުވެސް ލައިދޭނެ ކަމަށެވެ. ބައްޕަގެ ބަސް ޤަބޫލުކުރީމެވެ. އެންމެ ބޮޑު ސަބަބަކީ އަޅުގަނޑު ކިޔަވައި އިތުރަށް ކުރިއަށްދާން ބޭނުންވާ ދާއިރާއަކީވެސް ވިޔަފާރި/މާކެޓިންގ ކަމަށްވާތީއެވެ.
އުމުރުން 23 އަހަރުގައި މީހަކު ކިޔާވަރުން އޭނާ އާއި ގުޅުން ބާއްވަމުންގޮސް ލޯތްބަށް ބަދަލުވިއެވެ. ކައިވެނީގެ ކަންކަންވެސް ހަމަޖެއްސުނެވެ. ކައިވެނިކުރަން ހަފްތާއެއްހައި ދުވަހަށް ކައިރިވެފައިވަނިކޮށް އެއްދުވަހަކު ހެނދުނު އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ގެއަށް އައިސް އޮފީހުގައި އަޅުގަނޑު ގާތުގައި އިށީނެވެ.
އިރުކޮޅަކުން އޭނާގެ ފޯނަށް މެސެޖްތަކެއް އަންނަން ފެށިއެވެ. އެއަށްފަހު ކޯލްތަކެއް ލިބެންފެށިއެވެ. ނަމަވެސް އެކުވެރިޔާ ޖަވާބެއް ނުދެއެވެ. ފޯނު ކަނޑަނީއެވެ. އެއީ ދުވަހަކުވެސް އޭނާ ކަންތައްކުރިގޮތެއް ނޫނެވެ. އޭނާކުރާ އެންމެ ކުދިކުދި ކަންކަންވެސް އައީ އަޅުގަނޑާއި ޙިއްޞާކުރަމުންނެވެ. އެހެންވެ މިވީގޮތަކާއިމެދު ކުޑަކޮށް ކަންބޮޑުވެފައި އިންދާ އެކުވެރިޔާ ނުކުމެގެން ހިނގައްޖެއެވެ.
ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެކަމަށް ބުނާ އުޞޫލުން އެކަމުގެ ވަގުތު ޖެހުނީއެވެ. ކުއްލިއަކަށް ހަނދާންވީ އެކުވެރިޔާގެ އަތުގައި އެއޮތީ އަޅުގަނޑުގެ ނަމުގައި ނަގާފައި އޮތް ސިމެއްކަމެވެ. އެކަން ހަނދާންވުމުން ބާރަށްދުއްވާފައި ދިރާގަށް ދިއައިމެވެ. ސިމް ބްލޮކްކޮށްލާފައި ހަމައެނަމްބަރުގައި އެހެން ސިމެއް ނެގީމެވެ. ނަގައި ފޯނަށް ލައްވައިލިތަނުން މެސެޖްތައް އަންނަން ފަށައިފިއެވެ. ކޯލްތައް އަންނަން ފަށައިފިއެވެ. މެސެޖްތައް ފޮނުވައި ކޯލްތައް މިކުރަނީ ދެވަނަ މީހެއް ނޫނެވެ. އަޅުގަނޑު އެމީހަކާއި ކައިވެނިކުރަން ތައްޔާރުވަމުން މިދާ މީހާއެވެ.
ސިމް ބަދަލުކުރިތާ ކުޑައިރުކޮޅެއްވީތަނާ ސިމްބަދަލުކޮށްފިކަން އެކުވެރިޔާއަށް އެނގިގެން އޭނާއަށް ގުޅާފައި އެވާހަކަބުނެފިއެވެ. މެސެޖް އައުމާއި ކޯލްލިބުން ހުއްޓުނީ އެހިސާބުންނެވެ.
ގެއަށް ގޮސް ދެރަވީވަރުން ރޮވުނެވެ. ރޮވުނީ އޭނާއާއި ކައިވެނިކުރަން ހުރަސް އެޅިގެނެއް ނޫނެވެ. އަތުން ޚަރަދުތައްކޮށް ހުރިހާ ބޭނުންތަކެއް ފުއްދައިދީގެން ގެންގުޅުނު އެންމެ ގާތް އެކުވެރިޔާ އެފަދަ ބޮޑު މަކަރެއް ހެދީމައެވެ. އޭނާއަކީ ވަރަށް ރަނގަޅު މީހެއްކަމަށްބުނެ އޭނާ އާއި ގުޅެން ހިތްވަރުދިނީވެސް އެކުވެރިޔާއެވެ.
އެހެންވެ މިކަމުގެ ފަހަތުގައި ވަރަށް ބޮޑު ރޭވުމެއް އޮންނާނެކަން ވިސްނިގެން ބެލިއިރު ރޭވުން އޮތީ ވަރަށް މޮޅަށް ރާވައިފައެވެ. އަޅުގަނޑާއި ކައިވެނިކުރަނީ އަޅުގަނޑަކީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުކަމަށްވުމުން ކައިވެނިކުރުމަށްފަހު ވިޔަފާރި ހިންގުން އޭނާގެ އަތްމައްޗަށް ފުރޮޅިގެންދާނެ ކަމުގެ އުންމީދުގައެވެ. އެއިރުން ވައްކަންކޮށްގެން މުއްސަނދިވެފައި އަޅުގަނޑު ވަރިކޮށް އެކުވެރިޔާއާއި ކައިވެނިކުރުމުގެ ވިސްނުމުގައެވެ.
އެކަންކަން އެނގުމުން އެކުވެރިޔާ އާއި ބައްދަލުކުރީމެވެ. އަދި އެހައި މަކަރުވެރި ރޭވުންތަކެއް ތިއަ ރޭވީ އަޅުގަނޑު އެކުވެރިޔާ އެދުނު ކޮންކަމެއް ކޮށްނުދީގެންތޯ ސުވާލުކުރީމެވެ. އެކުވެރިޔާ ބުނީ އެދެމީހުންނަކީ ވަރަށް ކުރިންސުރެ ދެ ލޯބިވެރިންކަމަށާއި ހުރިހާ ރޭވުމެއް ރޭވީ އޭނާ ކަމަށެވެ. އޭނާގެ ބަހަށް އެކުވެރިޔާއަށް ހެއްލެވުނީ ކަމަށެވެ. މާފަށް އެދެން ލަދުގަންނަކަމަށާއި ނަމަވެސް މާފަށް އެދެން ވަރަށް ބޮޑަށް ބޭނުން ކަމަށެވެ.
ޖަވާބުގައި ބުނީމެވެ. "މިހައިތަނަށް އަމިއްލަ ދައްތަ ކަމަށް ބަލައިގެން އުޅުނު އެންމެ ގާތް އެކުވެރިޔާ އާއި ވަކިވާން އަޅުގަނޑަށްވެސް ވަރަށް އުނދަގުލެވެ. ނަމަވެސް ތިއަކުރި ކުށަށް މާފުކޮށްފީމޭ ބުނާނެ ހިތްވަރެއް ނެތެވެ. ކިތަންމެ ބޮޑަށް ލޯބިވާ މީހަކު ބުނި ނަމަވެސް މިއެކުވެރިޔާއަށް ތިއަފަދަ ބޮޑު އަނިޔާއެއްދީ އަދި ތިއަވަރުގެ ބޮޑު ގެއްލުމެއް ދޭން ތިއަ އެކުވެރިޔާއަށް ދުވަހަކުވެސް ކެރޭނެކަމަށް ހުވަފެނުންވެސް ދެކެފައި ނުވާތީއެވެ. އެކަމަކުވެސް ހިތުގައި ހަސަދަވެރިކަމެއް ނެތެވެ. ދަތިޙާލެއްގައި ޖެހިގެން ބުނެފިނަމަ ވާންއޮތް ކަމެއްވެސް ކޮށްދޭނަމެވެ." އެހެން ބުނެފައި އަޅުގަނޑު ދިއައީއެވެ.
އެކަމުން އަޅުގަނޑަށް ލިބުނު އެއްވެސް ދެރައެއް ނެތެވެ. ލިބުނީ ބޮޑު ނަޞްރެކެވެ. ބޮޑު ކާމިޔާބީއެކެވެ. އެއީ އޭނާ އާއި ކައިވެނިކުރަން އުޅުނީ އޭނާ އާއި ހިތާވެ ލޯބިވެގެނެއްވެސް ނޫނެވެ. އޭނާއަކީ ވަރަށް ތެދުވެރި އަޚްލާޤް ރަނގަޅު މީހެއްކަމަށްބުނެ އެކުވެރިޔާ ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށްވާތީއެވެ.
އަޅުގަނޑަކީ ކުރަން އުޅޭ ކަމެއް ކޮށްފައި ނޫނީ ހުއްޓައިލާހިތްވާ އަންހެނެއް ނޫނެވެ. އެހެންވެ ބޭނުންވީ ކައިވެނިކުރަން އުޅެވުނީތީ ކައިވެނިވެސްކުރާށެވެ. އެހެންވެ މަންމަ ގާތުގައި އެވާހަކަތައް ކިޔައިދިނުމުންނާއި މިބުރުގައި ލަސްނުކޮށް ކައިވެނިކުރަން ބޭނުންކަމަށް ބުނުމުން މަންމަ، ބައްޕަގާތުގައި އެވާހަކަތައް ދެއްކިއެވެ. ބައްޕަ މީހަކު ގެނެސް ދެއްކުމުން އޭނާ އާއި ކައިވެނިކުރީއެވެ.
ބައްޕަ ދެއްކީ ދީނީ ޢިލްމް އުނގެނި އިސްލާމީ ޝަރީޢާއިން މަތީފާސް ނަގައިގެން ހުރި ޒުވާނެކެވެ. ކައިވެންޏަށް މިހާރު 9 އަހަރުފުރިއްޖެއެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. އަޅުގަނޑަށް ބައްޕަ ހޯދައިދިން ފިރިމީހާއަށްވުރެ ވަކިން ރަނގަޅު ފިރިއަކު ހުންނާނެ ކަމަށް ޤަބޫލުކުރަން އުނދަގުލެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އެންމެ ގާތްކަމަށް ހެދިގެން އުޅޭ އެކުވެރިންނަށް އިތުބާރުކުރުމުގައިވެސް މިންގަނޑެއް ގެންގުޅުން ރަނގަޅުކަމަށް ބުނަންވެގެންނެވެ. ބޯކިރުފޮދެއް ފަދަ ސާފު ހުދުކަންމަތީގައި އުޅެފައި އެކިރުފޮދު އެކުގައި ބޮއި ހުސްކޮށްލާ ހަރުފައަކަށްވެސް ބަދަލުވާތީއެވެ! ދިވެހިން ޢާންމުކޮށް ބުނާ ނަހުރުވައިންނަމަ ތެޔޮނާށި ޖަހައިގަންނަ ކާޅަކަށްވުރެ އެންމެ ގާތް އެކުވެރިޔާގެ އަމިއްލައެދުން އެބަ ބޮޑުވެއެވެ. ވީމާ މިކަންކަމަށް ވިސްނައިގެން އުޅުން ބުއްދިވެރިކަމަށް ބުނެލަން ބޭނުންވެއެވެ.
އެންމެ ބާރަށް ބުނަން ބޭނުންވަނީ މިބާވަތުގެ ހުރިހާ ނުބައިކަމަކުން ސަލާމަތްވާން އެދޭނަމަ ނަމާދުތަކަށް ރައްކައުތެރިވެ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާށެވެ! އެކަން އަޅުގަނޑު ލައްވާ މަންމަ ނުކުރުވާ ހަނދާނެއް ނުހުރެއެވެ. ބޮޑުވިއިރު ހުރީ އެކަންކުރަން ދެވިހިފާފައެވެ. ވީމާ އަޅުގަނޑު ޤަބޫލުކުރަނީ އެމަކަރުވެރި ނުބައި ރޭވުމުން އަޅުގަނޑަށާއި ޢާއިލާއަށް ސަލާމަތްކަން ލިބުނީ އެކަންކަމުގެ ސަބަބުން ކަމަށެވެ. މިއީ އަޅުގަނޑު ޤަބޫލުކުރާ ގޮތެވެ.
އަޅުގަނޑު މިހެން މިބުނަނީ އެކަން އެދުވަހު ހިނގުމުން ކުއްލިއަކަށް އެސިމް މަތިން ހަނދާންވީތީއެވެ. އެއީ އެއިގެ ކުރިން ދުވަހަކުވެސް ވިސްނުމަށްވެސް އައި ނުވަތަ އެއްވެސް ވަރަކަށް ސަމާލުކަންދިން ކަމެއްވެސް ނޫނެވެ. ސިމްވަގުތުން ބދަލުކޮށް ވަގުތުން ފޯނަކަށް ލައްވަން ވިސްނުނީ ކީއްވެގެންހެއްޔެވެ؟ އެކަންކަމުގެ ވިސްނުން ﷲ ދެއްވެވުމުން ނޫންހެއްޔެވެ؟ ވީއިރު މިބުނި ގޮތަށް އެކަން ޤަބޫލުނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ކިޔުންތެރިންވެސް ވިސްނަވައިލައްވާށެވެ!
- ސާމިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް