މިއީ ތިމާމެން ތަނަވަސްވީމާ ތިމާމެންގެ ދަރިން ފަޤީރުންގެ ދަރިންނާ ކައިވެނިކުރަން ކުފޫހަމަނުވާނެކަމަށް ވިސްނާ ތަނަވަސް މައިންބަފައިންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
މިއީ ތިމާމެން ތަނަވަސްވީމާ ތިމާމެންގެ ދަރިން ފަޤީރުންގެ ދަރިންނާ ކައިވެނިކުރަން ކުފޫހަމަނުވާނެކަމަށް ވިސްނާ ތަނަވަސް މައިންބަފައިންނަށް ޢިބްރަތްތެރި ފިލާވަޅެއް!

މިވާހަކައިގައި މުހިންމު 2 ފިލާވަޅެއް ހިމެނިގެންދެއެވެ. ފުރަތަމަ ފިލާވަޅަކީ ތިމާމެން ތަނަވަސްވީމާ ތިމާމެންގެ ދަރިން ފަޤީރުންގެ ދަރިންނާ ކައިވެނިކުރަން ކުފޫހަމަނުވާނެކަމަށް ވިސްނާ ތަނަވަސް މައިންބަފައިން ޙާޞިލްކުރަންޖެހޭ ޢިބްރަތްތެރި ފިލާވަޅެވެ! 

ދެވަނަ ފިލާވަޅަކީ ގިނަބައަކު އެންމެ ދެކޮޅުހަދާ ފިލާވަޅެވެ. ޤަބޫލުކުރަން ބޭނުންނުވާ ކަންތަކެވެ. ލޯބީގައި ވަފާތެރިވެ ތެދުވެރިވެއްޖެނަމަ އެދެމީހުންނަށް އުފާވެރިކަން ލިބޭނެ ކޮންމެވެސް މަގެއް ފެންނާނެކަމެވެ. މިދެ ފިލާވަޅުވެސް ލިބިގެންދާ މިވާހަކައަކީ ކޮންމެ މީހަކަށްވެސް އަގުހުރި ފިލާވަޅެކެވެ. 

އެއީ ހަމަ ކެލެޖް ނިމުނުތާ ވަރަށް ކައިރިއެވެ. ކޮލެޖްއިރުންސުރެ ލޯބިވެގެން އުޅުނު އަންހެންކުއްޖާ އާއި ކައިވެނިކުރަން ބޭނުންވުމުން އަހަރެންގެ މައިންބަފައި އެކަމަށް ދެކޮޅު ހެދިއެވެ. އެއީ އަހަރެމެންނަކީ ވަރަށް ތަނަވަސް ބައަކަށްވެފައި އެއަންހެންކުއްޖާއަކީ ފަޤީރު ދެމަފިރިއެއްގެ ދަރިއަކަށްވުމުންނެވެ. 

މައިންބަފައިންގެ ނުޤަބޫލުގައިވެސް އަހަރެން ހުރީ އޭނާ އާއި ކައިވެނިކުރާށެވެ. ނަމަވެސް އޭނާ އެގޮތް ބޭނުމެއް ނުވިއެވެ. އެއީ އަހަރެންގެ މައިންބަފައިންނަކީ ތަނަވަސް ބައަކަށްވުމުން އެމީހުންގެ ނުގަބޫލުގައި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅެއް ހޯދިދާނެ ކަމަށް އޭނާއަށް ޤަބޫލުނުކުރެވޭތީއެވެ. އެހެންވެ ލޮލުން ކަރުނައަޅަމުން ހިތާއި ދެކޮޅަށް ދެމީހުން ވަކިވީއެވެ. 

އެއިގެ 10 އަހަރުފަހެވެ. ބައްޕަ ވަރަށް ބޮޑަށް ބަލިވެ ގިނަދުވަސްތަކެއް ވަންދެން އުޅެން ޖެހުމުން ދިމާވި ކަންތައްތަކުގެ ތެރޭގައި ބައްޕަގެ ވިޔަފާރި ހުލިވެގެންދިއައެވެ. ބައްޕަމެންގެ ތަނަވަސްކަން ގެއްލި ނިކަމެތިވެއްޖެއެވެ. ވަޒީފާއެއް ހޯދަން ނުކުންނަން ޖެހިއްޖެއެވެ. 

ނޫސްތަކުން ފެންނަ ހުސްވަޒީފާތަކަށް ކުރިމަތިލައިގެން އިންޓަރވިޔުއަށް ގޮސް އުޅުމުގެ ތެރޭގައި އިންޓަރވިޔުއަށް ދިއަ ތަނަކުން ވަރަށް އާދައިގެ 2، 3 ސުވާލެއްކޮށްލާފައި ގެންގޮސްވެއްދީ އަންހެނަކު އެކަނި އިން ވަރަށް ބޮޑު ކޮޓަރިއަކަށެވެ. އޭނާގެ މޫނަށް ބަލައިލަންވެސް ނުކެރިފައި ހުއްޓާ އިށީންނަން ބުނެފިއެވެ. 

"އަހަރެންގެ ގާތަށް އައި ބޭނުމުގެ އިތުރަށްވެސް ފުއްދައިދޭނަމެވެ. އެދުނު ވަޒީފާ ވާނީ ހަމަޖައްސައިފައެވެ. މާދަން މަސައްކަތު ނުކުންނާށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ބައްޕަގެ އެއް މޯގޭޖްގެ ކަންތައް ނޫންހެއްޔެވެ؟ އެކަންވެސް ހަމަޖައްސައިދޭނަމެވެ. ރަނގަޅަށް ވަޒީފާގައި މަސައްކަތްކުރަން ފަށާށެވެ." 

އެއިރުވެސް އޭނާގެ މޫނަކަށް ނުބަލަމެވެ. އިސްދަށަށް ޖަހައިގެން އިނދެވުނީއެވެ. ނަމަވެސް އެއަޑު ކަންފަތުގައި ޖެހުމުން އެއީ ކާކުކަން އެނގުނެވެ. އެހެންވެ ބޮޑަށް ލަދުގަންނަގޮތްވީއެވެ. ދެރަވެސްވީއެވެ. ކޮންޓްރޯލްކުރަން މަސައްކަތްކުރިނަމަވެސް ލޮލުން ކަރުނަ ފާއްދައިލިއެވެ. ރޮވުނެވެ. އެއީ އަހަރެމެން މުއްސަނދިވެފައި އޭނާ ފަޤީރުވީމާ ގުޅެން ބައްޕަ އެއްބަސްނުވި އަންހެން ކުއްޖާއެވެ. 

ރޮވެން ފެށުމުން އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ބުންޏެވެ. "ދުނިޔޭގައި ހުރިހާ ކަންކަންވެސް ދާނީ ބަދަލުވަމުންނެވެ. އެއީ އެދުވަހު ކަންތައްތައް ދިމާވި ގޮތެވެ. މިއީ މިއަދެވެ. 10 އަހަރުވީއިރުވެސް ކައިވެންޏެއް ނުކޮށް މިހުރީ ހަމަ ކަލޭގެ އިންތިޒާރުގައެވެ. އަހަރެން ކަލޭ ދެކެ ލޯބިވީ އަތުގައި ހުރި ފައިސާއަކަށް ނޫނެވެ. ހިތުގެ އެންމެ އަޑިންނެވެ. އަހަރެން ވަޒީފާއަކަށް ވަދެ 5 އަހަރު މަސައްކަތްކޮށްފައި ލިބުނު ފުރުޞަތެއްގައި އަމިއްލައަށް މަސައްކަތްކުރަން ފެށުނީއެވެ. ބައްޕަގެ ކަންކަންވެސް މިއަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. ބައްޕައަށް ބޭސްކުރަން ބޭނުންވާ ފައިސާވެސް ދޭނަމެވެ. އަހަރެންގެ ހިތަކު ބައްޕަމެންނަކަށް އެއްވެސް ބުރަކަމެއް ނެތެވެ." 

ގަތްލަދު ވަކިން ބޮޑުވިއެވެ. އޭނާއަށް އެކަން ވިސްނުމުން ތެދުވެގެން އައިސް ދެކޮނޑުގައި ހިފައި ހިއްލައިލިއެވެ. އެވަގުތު ކުރެވުނު އިޙްޞާޞްތައް ބުނަންވެސް ނުއެނގުނެވެ. ހަމައެކަނި ބުނެވުނީ "އަހަރެންވެސް ކައިވެނިނުކޮށް އިންތިޒާރުކުރަމުން މިއައީ ހަމަ ކަލެއަށެވެ." 

ކޮންމެއަކަސް މިއަދު މިތިބީ ދެމީހުން ކައިވެނިކޮށްގެންނެވެ. ކުރިން ހިނގައިދިއަ އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކަމެވެ. މިބަލަނީ ކުރިއަށް ދެވޭތޯއެވެ! 

މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. ވާހަކަ ކިޔާފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. ތެދުވެރި ލޯބީގައި ބާރުގަދަކަން ވަރަށް ބޮޑަށް އިޙްޞާޞްކުރެވުނެވެ. އަދި ދަރިން ކައިވެނިކުރަން ބޭނުންވުމުން ތަނަވަސްކަމުގައި މިންއަޅާ މައިންބަފައިންނަށް މިވާހަކައިގައި ޢިބްރަތެއްވާކަމަށް ދެކެމެވެ. 

އަޅުގަނޑުގެ ލޯބިވެރިޔާ އަޅުގަނޑަށް ގެއްލުނީވެސް ހަމަ މިފަދަ ގޮތަކަށެވެ. ޢާއިލާ ފަޤީރުވީމައެވެ. ދެމީހުން ވަކިވެ ލޯބިވެސް ނުވާ މީހުންނާއި ކައިވެނިކުރަން މަޖުބޫރުކުރުވީ ހަމަ އަޅުގަނޑުގެ ޢާއިލާގެ ފަޤީރުކަމެވެ. ކުށަކަށްވީނަމަވެސް ބުނަން ޖެހެނީ ލޯބިވެރިޔާދެކެ މިހާރުވެސް އިންތިހާއަށް ލޯބިވާކަމަށެވެ. ނިމޭނެ ގޮތް ދެނެވޮޑިގެންވަނީ ﷲ އެވެ.

 

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން