ތަޤްވާ ވެރިކަމުގައި އިންތިހާއަށް ކުރިއަރައިގޮސްފައިވާ މީހުން ބައިވަރެވެ. ނަމަވެސް ގިނައީ ތަޤްވާވެރިކަމާއި ރިވެތި އަޚްލާޤާއި ދުރަށް ދެވޭ މީހުންކަން ހިތާމައާއިއެކު ފާހަގަކުރަންޖެހެއެވެ.
ކިތަންމެ ތަޤްވާވެރިނަމަވެސް ކިތަންމެ ބޮޑު ބައްޔެއްވެސް ޖެހިދާނެއެވެ. އެބަލީގައި މަރުވެސްވެދާނެއެވެ. އެކަންކަމަކީވެސް އެމީހަކަށް ލައްވަވާ ރަޙްމަތެވެ. ހަމައެފަދައިން ކިތަންމެ ބޮޑު ކަމަކުންވެސް ސަލާމަތްވެސް ކުރައްވަވައެވެ. އެއީވެސް ހަމަ ﷲ ތަޢާލާ ލައްވަވާ ރަޙްމަތެވެ.
ތިރީގައިވާ ވާހަކައަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ ކޮންމެ މީހަކަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އިން ޝާ ﷲ
އަޅުގަނޑުމެންގެ މަންމަ އަކީ ވަރަށް ހެޔޮލަފާ އަންހެނެކެވެ. ދުވަހަކުވެސް މީހެއްގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރާތަނުގައި އެފަދަ ބަހެއްވެސް ނުބުނާނެއެވެ. ގޭތެރޭގައި ބައްޕަ އާއިވެސް އަދި އަހަރެމެންނާއިވެސް ވާހަކަދައްކާނީވެސް ވަރަށް އޯގާތެރިކަމާއިއެކުގައެވެ.
އެންމެ ކުޑައިރުންސުރެ ހަމައެކަނި ނަމާދުކުރުވީއެއް ނޫނެވެ. ދަމުނަމާދުވެސް ކުރުވައެވެ. ބުނާނެއެވެ. "މަރުވާނީ ކޮން އުމުރެއްގައި ކަމެއް ނުއެނގޭނެއެވެ. ބާލިޣްވުމަށްފަހު ހިސާބު ބައްލަވާނެއެވެ. އަހަރެމެން ސުވަރުގެއިން ބައްދަލުކުރަން ބޭނުންނަމަ އެންމެ ކުޑައިރުންސުރެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންވާނެއެވެ. ވަކިން ޚާއްޞަކޮށް ފަރުޟް ނަމާދުތަކަށް ރައްކއުތެރިވާންޖެހޭނެއެވެ."
ކޮންމެއަކަސް އަޅުގަނޑުމެން ބޮޑެތިވެ ވަޒީފާއަދާކުރަން ފެށިތަނުން ބައްޕަ އަޅުގަނޑުމެންނާއި ވަކިވެއްޖެއެވެ. ބައްޕަ ބޭނުންވީ އުމުރުގެ ފަހުބައި ރަށުގައި ހޭދަކުރާށެވެ. ބައްޕަ އާއިއެކު ރަށަށް ދާން މަންމަ ދެކޮޅުހެދިއެވެ. މަންމަ ބުނީ އަހަރެމެން ދެދަރިން ކައިވެނިކޮށް އަމިއްލަ ދިރިއުޅުން ނުފަށަނީވެސް ދޫކޮށްލާފައި ނުދާނެ ކަމަށެވެ. ނަތީޖާއަކަށްވީ ބައްޕަ އަހަރެމެން ދޫކޮށްލާފައި ބައްޕަގެ ރަށަށް ދިރިއުޅުން ބަދަލުކުރުމެވެ.
ބައްޕަ ދިއަތާ މާގިން ދުވަސްތަކެއް ނުވަނީސް ބަނޑުގައި ރިއްސާތީ މަންމަ އުޅެން ފަށައިފިއެވެ. މާގިނައިން ވައިލެވެންވެސް ފަށައިފިއެވެ. ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ބުނީ ބަނޑުގައި ވަރަށް ބޮޑު ޓިޔުމަރެއް އެބައިން ކަމަށާއި މިހާރުން މިހާރަށް އޮޕަރޭޝަންކޮށް ޓިޔުމަރު ނުނަގައިފިނަމަ ކެންސަރަށް ބަދަލުވެދާނެ ކަމަށެވެ. 3 ފަހަރު ސްކޭންކޮށް ޔަޤީންކުރުމަށްފަހު ވެސް ބުނީ ހަމަ އެއްގޮތަކަށެވެ. އެހެންވެ އިތުރު ހޮސްޕިޓަލަކުން ސްކޭންކުރުމަށްފަހުވެސް ބުނީ ހަމަ އެއްގޮތަކަށެވެ.
އެދުވަސްވަރަކީ އާސަންދަފަދަ ޚިދުމަތްތައް ލިބޭ ދުވަސްވަރެއް ނޫނެވެ. އެހެންވީމާ ރާއްޖެއިން ބޭރަށް ދިއުމަކީ އަހަރެމެންފަދަ ފަޤީރު ބައަކަށް ކުރެވޭނެވަރުގެ ކަމަކަށް ނުވާތީ ﷲ އަށް ވަކީލްކޮށް އޮޕަރޭޝަން މާލެއިން ކުރީއެވެ.
އޮޕަރޭޝަންކުރަން ވައްދަމުން ބުނީ 3 ، 4 ގަޑިއިރުވަރު އޮޕަރޭޝަންގައި ހޭދަކުރަންޖެހިދާނެ ކަމަށާއި ކެތްތެރިވުމަށެވެ. މަންމަ އެތެރެއަށް ވެއްދިވަގުތު އެވަގުތަށް އެންމެ ފަހުގެ ސަލާމްކޮށްފައި ދެބެއިން ދިއައީ ކޮޓަރިއަށެވެ. ކަމެއް ދިމާވެއްޖެނަމަ ނުވަތަ ނެރެންވުމުން ކޮޓަރިއަށް ގުޅާލަންބުނެފައި ދިއައީ އެތަނުގައި ތިބެގެން ދެބެއިން އެވަގުތު ކުރަން ބޭނުންވާ ކަންތައް ނުކުރެވޭނެތީއެވެ.
ދެބައިން ކޮޓަރިއަށްގޮސް ވުޟޫކޮށްލައިގެން 2 ރަކްޢަތް ނަމާދެއްކުރީމެވެ. ނަމާދަށްފަހު ތިބީ ޤުރްއާންކިޔެވުމާއި ދުޢާކުރުމުގައެވެ. އެހެން ތިއްބައި ދޮޅުގަޑިއެއްހައިއިރުވެސް ނުވަނީސް މަންމަ ނެރެންވެގެން ގުޅައިފިއެވެ.
އެހައި އަވަހަށް އެފަދަ ބޮޑު އޮޕަރޭޝަނެއްކޮށް ނިމުނީތީ ﷲ އަށް ޙަމްދުކުރަމުން ދެބެއިން ދިއައިރު މަންމަ އޮތީ ބޭރު ބައަށް ނެރެފައެވެ. މުޅިން ހޭނާރައެވެ. ހޭއެރީ ކުޑައިރުކޮޅަކުންނެވެ. ޑޮކްޓަރުން ކުރިން ނުކުމެ ވީގޮތް ކިޔައިދިންނަމަވެސް މަންމަގެ އޮޕަޜޭޝަންކުރި ޑޮކްޓަރުން ނުކުތީ މަންމަ ހޭއެރިފަހުންނެވެ.
ނުކުމެގެން މަންމަ ގާތަށް އައިސްފައި ބުނީ އޮޕަރޭޝަންކުރީ ސްކޭން 3 ފަހަރު ތަކުރާރުކޮށް އޮޕަރޭޝަންކުރަންޖެހޭކަން ޔަޤީންކޮށްފައި ނަމަވެސް އޮޕަރޭޝަންކުރުމުން ނަގަން ޖެހޭ އެއްވެސް އެއްޗެއް ނުފެނުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށާއި ވަރަށް ބޮޑަށް ބަލަންވެސް ބެލިކަމަށެވެ. ވީމާ ހަށިގަނޑުން އެއްވެސް އެއްޗެއް ނަގާފައި ނުވާނެ ކަމަށާއި އެރޭ އިތުރު ސްކޭނެއް ކުރާނެ ކަމަށެވެ.
އެހެންބުނި ނަމަވެސް ސްކޭންކުރީ އަނެއް ދުވަހު އެވެ. އެސްކޭން ނޯމަލެވެ. އެއްވެސް މައްސަލައެއް ނެތެވެ. 4 ވަނަ ދުވަހު އެނބުރިގެއަށް ދިއައީއެވެ. އެއިގެފަހުން 20 އަހަރުވީއެވެ. ކަމެއްވެދާނެތީ ނުއުރަން ބުނިނަމަވެސް 2 ދެބެއިންގެ ދަރިންވެސް ގިނައިން އުރައެވެ. މަންމައަށް އެބާވަތުގެ އެއްވެސް އުދަގުލެއް ނުވެއެވެ. އިން ޝާ ﷲ
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ކިތަންމެ ބޮޑުކަމެއް ނަމަވެސް ލުއިކުރައްވަވައި ދެއްވަވަން އިރާދަކުރައްވަވައިފިނަމަ މެއްސެއްގެ ފިޔައިގެ ބުރަދަނަށްވުރެވެސް ލުއިކޮށް ދެއްވަވަން ﷲ ކުޅަދުންވަންތަކަން ބަޔާންކުރުމަށެވެ. ﷲ އަންގަވާފައިވާ ގޮތަށް އުޅެމުން ދުޢާކުރީމާ އެކަލާނގެ އިރާދަކުރައްވަވާ އަޅުންނަށް ހިންމަވައިދެއްވަވާނެކަން ބަޔާންކުރުމަށެވެ. މަސައްކަތްކުރަން އޮތް ހަމައެކަނި ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅަކަށްވުމަށެވެ.
ދެން އޮތް އެންމެ ބޮޑު ބޭނުމަކީ ކޮންމެ މައަކީވެސް އަޅުގަނޑުމެންގެ މަންމަ ފަދަ އަޚްލާޤް ރަނގަޅު، އެންމެ ކުޑައިރުންސުރެ ދީނަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރާ މައަކަށްވުމުގެ މުހިންމުކަން ފާހަގަކުރުމެވެ.
- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް