އެކަމަކު ޢިލްމަކީ ނުރައްކާތެރިވެސް އެއްޗެއް. ދެމިޔަލީ ކަނޑިޔެއް ކަހަލަ އެއްޗެއް. ނުބައިކޮށް އޭގެ ބޭނުން ހިފާކަމަށް ވަނީނަމަ އޭގެ އިންތިހާޔަށް ނުރައްކާވޭ އެބަ. ޝަރުޢީ ދީނީ ޢިލްމު، އެ ޢިލްމު ދުނިޔަވީ މަންފާޔަށް ޙާސިލްކުރަންޏާ، ޙަދީޘް ގަ މިއަންނަނީ އެމީހާޔަށް ސުވަރުގޭގެ ވަސްވެސް ނުފެންނާނޭ. އެހެންވީމަ އެހާ ނުރައްކާތެރިކަމެއް ކަމަކީ އޭގެ ޒާތުގަ. އެކަމަކު ރަނގަޅަށް އޭގެ ބޭނުން ހިފާކަމަށް ވަނީނަމަ ދެދުނިޔޭގަ ޢިއްޒަތާ ޝަރަފާ މާތްކަމާ މަތިވެރިކަމާ ހެޔޮ ގޮތްތައް އެމީހާޔަށް މިންވަރުވެގެން ދާނެ.
ބޭފުޅުންނޭ، ކަންކަން ޢުނގެނުމަށް އެއްގޮތަކަށްވެސް އަޅުގަނޑުމެން ފަރުވާ ކުޑަކޮށްގެންނުވާނެ. އަޅުގަނޑުމެންނަށް ﷲ ތަބާރަކަ ވަތަޢާލާ މިންވަރު ކުރައްވާފައިވާ ދީނަކީ އެންމެ މާތް ދީން. އެ ދީނުގެ މަޢުލޫމާތު މިއަދު އަޅުގަނޑުމެންނަށް ހޯދުމަށް ފަހަތަށް ޖެހެވިގެން ނުވާނެ. އެކަމުގެ މަގުތައް ވަރަށް ފަސޭހަ. ދުނިޔޭގެ އެހެން ޤައުމުތަކުގަ މީހުންނަށް ނެތް ފުރުސަތު އަޅުގަނޑުމެންގެ މުޖްތަމައު ކުޑަވީމަ، މީހުން އެކަކު އަނެކަކަށް ދަންނާތީވެ، ރާއްޖޭގަ އެކަންކަން ވަރަށް ފަސޭހަ. އަނެއްކާ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްވީމަ އެ މަގުތައް އަޅުގަނޑުމެންނަށް ނުލާހިކު ފަސޭހަކޮށް މި އޮތީ. އަޅުގަނޑުމެންނަށް އޮތީ ކުޑަކުޑަ ހިތްވަރެއް ކުރުން. އަޅުގަނޑުމެންނަށް އޮތީ އެކަމުގެ ޝައުގުވެރިކަން އިތުރުކުރުން. އަޅުގަނޑުމެން އަމިއްލެޔަށް އުނގެނުމުގެ މަސެއްކަތްތަކެއް ކޮންމެސްވަރަކަށް އަޅުގަނޑުމެން ކުރަން ޖެހޭ. ވަރަށް ކުދިކުދި ކަންކަމުގަ ދީނީ ގޮތުން އެނގެންޖެހޭ ބައެއް ކަހަލަ ކަންކަން ބައެއް މީހުންނަށް ނޭންގި ހުރޭ. މިސާލަކަށް: ދީނީގޮތުން، ދީނީ ކަންކަމަށް ލޯބިކޮށް އުޅޭ ބައެއް މީހުން އެމީހުންގެ އެގޮތަށް އުޅޭތާ ވަރަށް ގިނަ ދުވަސްވެފަ ވާއިރުގަވެސް، އެކަމަކު ދީނީ ގޮތުން ،މަޢުލޫމާތުތައް ބައެއް ފަހަރަށް ވަރަށް އުނިކޮށް އެބަހުރޭ. އެއީ މި ދެންނެވި ކަންކަމަށް ސަމާލުކަން ނުދެވުމުން.
މިސާލަކަށް ދީނީ ދަރުސްއަކަށް އަންނަނީ الحمد لله ދީނީ ދަރުސަކަށް އައިސްގެން މިތާ އިށީނދެގެން އެ ހޭދަކުރާ ވަގުތަކީވެސް ﷲ އިރާދަކުރެއްވިއްޔާ ހެޔޮކަމުގެ ގޮތުގައި ލިޔެވިގެންދާނެ ވަގުތެއް، އެ ގެއްލިގެން ނުދާނެ. އެކަމަކު ދަރުސް ނިމުނީމަ ލިބުނު ފިލާވަޅަކީ ކޮބާތޯ. ޝެއިހް ދެއްކި ވާހަކައިގެ ޚުލާސާ އަކީ ކޮބާތޯ، ސިކުނޑީގަ ކޯންޗެއްތޯ ހަރުލީ، ކޯންޗެއްތޯ ހިފައިގެން ތި ގެއަށް ދަނީ އަހާލައިފިއްޔާ، ކޮންމެވެސް ވަރަކަށް އެމީހާ ހިފައިގެން ދާ އެއްޗެއްވެސް އޮންނަންވާނެ.
ޙަޤީޤަތަކީ ޢިލްމަކީ އެއީ މިދެންނެވިހެން ހުރިހާ ތަނެއްގަ މަގުމަތީގަ ހިނގާފަ ދާއިރުވެސް ހާސިލްކުރާ އެއްޗެއް، އެކަކު އަނެކަކާ ދިމާވާ މުޢާމަލާތްތަކުންވެސް ޙާސިލު ކުރާ އެއްޗެއް. އެކަމަކު ޝަރުއީ ޢިލްމަކީ މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ޝަރަފުވެރި ޢިލްމު. އެ ޢިލްމު ޙާސިލްކުރުމަށް ފައިސާ ޚަރަދު ކުރަންވިޔަސް، އެ ޢިލްމު ޙާސިލްކުރުމަށް ވަގުތު ހޭދަކުރަންވިޔަސް، އެ ޢިލްމު ޙާސިލްކުރުމަށްޓަކައި ވަރުބަލިކަން، ކެއްތެރިކަން، ބުރަ އުފުލަންވިޔަސް އެއީ ހަމަ ރަނގަޅުވާނެ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން