ރަނގަޅަށް ދިރާސާކުރާށެވެ! މުސްކުޅި ޢުމުރުގައި އެންމެ އުފަލުގައި ދިރިއުޅެވެނީ ދަރިންނަށް ރަނގަޅުގޮތުގައި އަޅައިލި މައިންބަފައިންނަށެވެ. ދަތިޙާލުގައި އުޅެންޖެހިފައިވާނީ އެފަދަ މައިންބަފައިންގެ ތެރެއިން މަދު މީހަކަށެވެ.
އެއްވެސް ކަމެއްގައި އެންމެން އެއްގޮތް ނުވާނެތީ އަޅައިނުލާ ދަރިއަކުވެސް ހުރެދާނެއެވެ. ނަމަވެސް ކޮންމެވެއް އެއްދަރިއަކު ނުވަތަ ދަރިންތަކެއް އަޅައިލާނެއެވެ. ހެޔޮކޮށް ހިތާނެއެވެ.
ހިތާމައަކީ ދަރިން ލިބި ބަލައިބޮޑުކުރަންޖެހުމުން ކުރަންޖެހޭ ޚަރަދު ހިސާބުކުރެވޭތީއެވެ. ޚަރަދުކުރެވޭ ފައިސާ މާގިނައިން ގުނޭކަމެވެ. އެފައިސާތައް އެތައް ގުނައަކަށް އިތުރުވެގެން ތިމާއާއި ދިމާއަށް އެނބުރި އަންނާނެކަން ޤަބޫލުނުކުރެވޭކަމެވެ.
ތިރީގައި އެވަނީ ދަރިންނަށް ޚަރަދުކުރަން ކަންބޮޑުވާ ބައްޕައިންނަށް ޢިބްރަތްތެރި ފިލާވަޅެކެވެ. ދަރިންނަށްޓަކައި ޤުރްބާންވާ މައިންނަށް ހިތްވަރު އިތުރުކޮށްލެވޭނެވެސް ފިލާވަޅެކެވެ. އިން ޝާ ﷲ
ދެމަފިރިންގެ ކައިވެންޏަށް 10 އަހަރުފުރުނުއިރު ސްކޫލަށްދާ 4 ދަރިން ތިއްބެވެ. ހުރިހާ ކުދިންވެސް ރަނގަޅު ނަތީޖާ ހޯދައެވެ. ނަމަވެސް އެއީ ފިރިމީހާގެ ފަރާތުން އެއްވެސް ވަރެއްގެ އެހީތެރިކަމެއް ލިބިގެނެއް ނޫނެވެ. ކުދިން ކިޔަވާތޯ ބެލުމަކީ އޭނާ ދުވަހަކުވެސް ކުރާކަމަކަށް ނުވާތީއެވެ.
ފިރިމީހާއަށް ލިބެނީ ވަރަށް ކުޑަކުޑަ މުސާރައެކެވެ. އެހެންވެ އަތްމަތި ވަރަށް ދައްޗެވެ. ޓިޔުޝަން ނަގައިވެސް ނުދެވެއެވެ. އެހެންކަމާއިއެކުވެސް ކުދިން އައީ ފާހަގަކުރަންޖެހޭ ފަދަ ރަނގަޅު ނަތީޖާ ހޯދަމުންނެވެ. ފިރިމީހާއަށް ލިބޭ އާމްދަނީ މަދުކަމުން ދުވަހަކުވެސް ޝަކުވާއެއް ނުކުރަމެވެ. ކުދިން ތަރުބިއްޔަތުކުރަމުން އައީވެސް ދަތިޙާލުގައި ދިރިއުޅުމަށް ހޭލުންތެރިކުރުވައިގެންނެވެ.
އެހެންކަމާއިއެކުވެސް ކުއްލިއަކަށް ފިރިމީހާ އަޅުގަނޑު ވަރިކޮށްފިއެވެ. ވަރިކުރި ސަބަބަކީ މުސާރައިން ބާކީކޮށް އޭނާގެ އެކައުންޓުގައި ސޭވްނުކުރެވޭތީ ކަމަށް ބުންޏެވެ. އަދި ވަރިކުރި ނަމަވެސް ޚަރަދުކުރާނެ ކަމަށްވެސް ވަރިކުރަމުން ބުންޏެވެ.
އެކަންވީ ހަމައެކަނި ބުނެލި ބަހަކަށެވެ. ފުރަތަމަ މަހު 3000 ރުފިޔާ ދިނެވެ. އެއިން ފެންބިލާއި ކަރަންޓްބިލް ދެއްކީމާ ކެއުންބުއިމަށާއި ދެންހުރި ހުރިހާ ކަމަކަށް ލިބުނީ އެންމެ 800 ރުފިޔާއެވެ. 800 ރުފިޔާއިން 5 މައިން އުޅޭނެ ގޮތް ވިސްނާށެވެ! ފުރަތަމަ މަހަށްފަހު އެފައިސާކޮޅުވެސް ނުދެއެވެ.
ވަޒީފާއެއް ހޯދުން ނޫން ގޮތެއް ނެތިފައި ހުއްޓައި ޕީޓީއޭ އިން ދަންނަ މީހެއްގެ ކުންފުނީގެ އޮފީހުން މުވައްޒިފުން ބޭނުންވެގެން އިއުލާނުކުރުމުން ސިޓީލީމެވެ. އިންޓަރވިޔުއަށް ދިއައީ ކުދިންގެ ރިޕޯޓްފޯމްތައް ހިފައިގެންނެވެ. ގޮސް ދައްކާފައި ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ވަޒީފާއަކަށް ބޭނުންވާ ސަބަބު ވަރަށް ރަނގަޅަށް ކިޔައިދިނީމެވެ. ރޮއި އާދޭސްކޮށްފައި ބުނީމެވެ. 4 ދަރިންނަށް ކިޔަވައިލަދެވޭނެވަރުގެ މުސާރައެއް ލިބޭނެ ވަޒީފާއެއް ﷲ އަށްޓަކައި ދޭށެވެ.
އޭނާވީ ވަރަށް ހެޔޮލަފާ މީހަކަށެވެ. ކުޑައިރުކޮޅަކު ވިސްނަން އިނދެފައި އަޅުގަނޑު އަތަށް ދިނީ ސިޓީއުރައެކެވެ. ބުނީ ކައިވެނިކޮށްގެން ތިބިއިރު ފިރިމީހާ ގޭގެ ޚަރަދަށް ދެމުން އައިވަރަށްވުރެ ގިނަ ރުފިޔާ އުރައިގާ ހުންނާނެ ކަމަށާއި ވަޒީފާއަކަށް ނުނުކުމެ ގޭގައި މަޑުކޮށްގެންހުރެ ކުދިން ބެލުމަށެވެ. އަދި ﷲ އޭނާއަށް ތަނަވަސްކަން ދެއްވާފައިވާހައި ދުވަހަކު ﷲ އަށްޓަކައި އަޅުގަނޑުގެ ދަރިންނަށް އެކުދިން ކިޔަވައި ނިމެންދެން ޞަދަޤާތްކުރަމުން ގެންދާނެ ކަމަށެވެ.
އަޅުގަނޑަށް އުފަލުން ރޮވުނެވެ. އަޅުގަނޑު އައީ ﷲ އަށް ޙަމްދުކޮށް ޢޭނާއަށް ފަށްފަށުން ޝުކުރުއަދާކޮށްފައެވެ.
ކޮންމެއަކަސް އެދީލަތި މީހާ އައީ އަޅުގަނޑުމެން 5 މައިންގެ ކަންކަން ބަލަހައްޓައިދެމުންނެވެ. އެގޮތަށް އައިސް އަހަރުވީތަނާ އެއްދުވަހަކު އަޅުގަނޑުމެންގެ ގެއަށް އައިސް ބުނީ ކައިވެނިކުރާނެ ރަނގަޅު ފިރިހެނަކު އެބަހުރިކަމަށާއި އޭނާ އާއި ކައިވެނިކުރަން ފެންނަ ކަމަށެވެ. ޢޭނާ އާއި ކައިވެނިކުރި ނަމަވެސް އަޅުގަނޑުމެންނަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
އިތުރު ސުވާލެއްވެސް ނުކޮށް ﷲ އަށް ޙަމްދުކޮށް ވަކީލްކޮށް އެކަން ޤަބޫލުކުރީމެވެ. އެއީ ކާކުތޯވެސް ބަލާކަށް ނުއުޅެމެވެ. އަވަހަށް ރަންކިޔަން ފޮނުވަން ބުނީމެވެ.
ކައިވެނިކުރެވުނެވެ. އޭނާވީ އަޅުގަނޑަށް އެހީތެރިވަމުން އަންނަ މީހާގެ ގާތުގައި މަސައްކަތްކުރާ، އަނބިމީހާ ވަރިވެގެންދިއަތާ 2 އަހަރުވެފައިވާ ވަރަށް ރަނގަޅު މީހަކަށެވެ.
ދެން މިކިޔައިދެނީ ދަރިން ބޮޑެތިވެ ކިޔަވައި ނިމި، ވަޒީފާއަދާކުރަން ފެށުމުން ކަންތައްވީގޮތެވެ.
އެއްދުވަހަކު ހަވީރު ދަރިންގެ ބައްޕަ ގެއަށް އަތުވެއްޖެއެވެ. އެވަގުތަކީ ހަވީރު ސައިބޮއެގެން 4 ދަރިންވެސް ވާހަކަދައްކާލަން ސިޓިންގ ރޫމްގައި ތިބި ވަގުތެކެވެ. ވަދެ ގޮނޑިއެއްގައި އިށީނުމުން ހުރިހާ ދަރިންވެސް ޖެހީ އިސްދަށަށެވެ.
ދައްކަންފެށީ ކުޑައިރު ދަރިން އުކާލާފައިދާ ހުރިހާ ބައްޕައިންވެސް ދައްކާޒާތުގެ ވާހަކަތަކެވެ. އެއިރު އެކަންކުރެވުނީތީ ހިތާމަކުރާވާހަކައާއި މިހާރު ގައިބާރުދެރަވެ ވަރަށް ޙާލުގައި ޖެހިފައިވާ ވާހަކައާއި ދަރިންގެ ކިބައިން މާފަށް އެދޭ ވާހަކައެވެ. ފަހުން ކައިވެނިކުރި މީހާ އަޅާނުލާ ވާހަކަ އާއި ޚަރަދުކުރާނެ ފައިސާ ހޯދަން މަޖުބޫރުކުރާ ވާހަކައެވެ.
ދައްކާނެހައި ވާހަތަކެއް ދައްކައި ނިމުމުން ދޮށީ ދަރިފުޅު ބުންޏެވެ. ބައްޕަ އެއްވެސް ބުރަމަސައްކަތެއް ކުރާނެ ކަމެއް ނެތެވެ. ކޮންމެ އިރަކުވެސް މިގެއަށް އައިމަ ކާން ލިބޭނެއެވެ. އަންނައުނުވެސް ލިބޭނެއެވެ. ބަލިވެގެން އައިޖީއެމްއެޗްގައި އޮވެއްޖެނަމަ ބިލްދައްކާނަމެވެ. ބައްޕަ ހަމަ ނަމާދުކޮށްލައިގެން އަޅުކަންކުރުމުގަ ހުންނާށެވެ. އެކަމަކު ގެންދަން އަތަށް އެންމެ ރުފިޔާއެއްވެސް ނުދޭނެ ކަމަށެވެ. "އެއިރު ބައްޕަ ކަންބޮޑުވީ ބައްޕަގެ އެކައުންޓަށް ސޭވް ނުކުރެވޭތީ. އަހަރެމެންވެސް މިއުޅެނީ ސޭވްކުރެވޭވަރު މަދުވެގެން. ބައިވަރު ކަންކަން ނުކުރެވިފަ މިތިބީ."
ދަރިފުޅު އެހެން ބުނުމާއިއެކު ދޮރުޖަހާފައި ނުކުމެގެން ހިނގައްޖެއެވެ. އެއްވެސް ކުއްޖަކު އޭނާ ހުއްޓުވާކަށް ނުއުޅެއެވެ. އެއްކުއްޖަކު އަނެއް ކުއްޖެއްގެ މޫނަށް ބަލަން ތިބީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ބައްޕައިން މިބާވަތުގެ ކަންކަންކޮށް ކުޑައިއރު ދަރިން އުކާލާފައި ދިއުމަކީ ވަރަށް ޢާންމު ކަމެކެވެ. މާޔޫސްނުވާށެވެ! ކޮންމެ މައަކުވެސް އަދި ދަރިއަކުވެސް ކޮންމެ މީހަކުވެސް ދުނިޔެއަށް އަންނަނީ އެމީހެއްގެ ރިޒުޤް ލިޔުއްވިގެންވާ ޙާލުގައެވެ. ﷲ ގެ މަގުގައި ސާބިތުވެ ދަރިން ގޮވައިގެން ދިރިއުޅެން މަސައްކަތްކުރީމާ ކޮންމެ މީހަކަށްވެސް ﷲ ކޮންމެވެސް މަގެއް ދައްކަވާނެތެވެ. އެކި މީހުންނަށް އެކި ގޮތަށެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދަރިން ލިބުމުން ސޭވްކުރަންވީ ދަރިންނަށްޓަކައެވެ. ބަލަންވީ އަމިއްލަ އެކައުންޓުގައި ފައިސާ ގިނަކުރެވޭތޯއެއް ނޫނެވެ. އެންމެ ފައިދާކުރާނެ ސޭވިންގސްއަކީ ދަރިންނަށް ކުރާ ޚަރަދެވެ. އަތްމަތި ދަތިވީމާ ދަރިންކޮޅު މައިމީހާގެ ބޮލަށްޖަހާ ބައްޕައިންނަކީ އަޅުގަނޑުދެކޭ ގޮތުގައި ދަރިންނަށް އެއްވެސް ލޯތްބެއް ނެތް އެންމެ އަމިއްލަ އެދުން ބޮޑު ބައްޕައިންނެވެ.
- ވަސީމާ ޙަސަން / މިއަދުނޫހުގެ ކިޔުންތެރިއެއް