މިއަހަރުގެ ފުރަތަމަ 6 މަސް ދުވަސްތެރޭ ރާއްޖެއަށް އެއްމިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިކަމާގުޅިގެން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރެފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައި ބުނެފައިވަނީ 6 މަސް ދުވަސްތެރޭ ރާއްޖެއަށްވަނީ 1،015،529 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށާއި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 929،607 އާ އަޅާ ބަލާއިރު 9.2 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.
ކޮންމެ ދުވަހަކު 4109 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު މިއަހަރުގެ މިހާތަނަށް އެއް މަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ފެބްރުއަރީމަހުއެވެ.
2 މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެ ގެނައުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އަމާޒު ހިފާފައެވެ.