އައްޑޫ ސިޓީގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، (އެންސްޕާ) ގެ އޮފީހެއް ޤާއިމުކުރަން މަަސައްކަތް ކުރަމުންދާކަމަށް އެ އެޖެންސީއިން ބުނެފިއެވެ.
މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އެންސްޕާގެ ދަފްތަރުގައި އެންމެ ގިނައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަޖިސްޓަރވެފައިވާ އެއް ސަރަޙައްދަކީ އައްޑޫ ސިޓީކަމަށާއި އެހެންކަމުން އެއިދާރާގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް އެސިޓީގައި އެންސްޕާ އޮފީހެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގެ ގާތްގަނޑަކަށް ހާހަކާއި ގާތްކުރާ މީހުން ނިސްބަތްވަނީ އައްޑޫ ސިޓީއަށް. އެހެންކަމުން މޮނީޓަރކޮށް އެފަރާތްތަކުގެ ޙާލަތު އިވެލުއޭޓްކުރުމަށް ވަރަށް ބޮޑު ޗެލެންޖަކަށްވޭ. އެހެންކަމުން މިހާރު އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާކުރަމުންދަނީ އެންސްޕާ އޮފީހެއް ޤާއިމުކުރަން" ހީނާ ވިދާޅުވިއެވެ.
މިކަމަށް ތައްޔާރުވުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ފުރަތަމަ ބައްދަލުވުން ބާއްވާފައުވާކަމަށް ވެސް ހީނާ ވިދާޅުވިއެވެ.