ޢިބްރަތްތެރި ވާހަކަ: ޙަޤީޤީ ލޯބިވާ މީހާ ހޯދަން "ދުނިޔެއިން މޮޔަވި" އަންހެނެއްގެ ވާހަކަ- ވަރަށް ޢިބްރަތްތެރި-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
ޢިބްރަތްތެރި ވާހަކަ: ޙަޤީޤީ ލޯބިވާ މީހާ ހޯދަން "ދުނިޔެއިން މޮޔަވި" އަންހެނެއްގެ ވާހަކަ- ވަރަށް ޢިބްރަތްތެރި-!

ތަނަވަސްކަން ހުރިނަމަ ދަރިން ތަނަވަސް މީހުންނާއި ނޫނީ ކައިވެނިކުރުވަން ބޭނުން ނުވާ މައިންބަފައިން ވަރަށް ގިނައެވެ. ރަނގަޅަށް ބަލައިފިނަމަ އެނގޭނެ ކަމަކީ ދަރިން ތަނަވަސް މީހުންނާއި ކައިވެނިކުރުވަން ބޮޑަށް ބޭނުންވަނީ ފަޤީރުން ނޫންކަމާއި ބޮޑަށް އެކަމަށް ބޭނުންވަނީ ތަނަވަސް މީހުން ކަމެވެ. 

ކައިބެންޏަށްފަހު އެންމެންނަށް ކުރަންޖެހެނީ އެއް ތަޖުރިބާއެއް ނޫނެވެ. ނަމަވެސް މިބުނި ފަދަ ގިނަ ކައިވެނިތަކުން ފެންނަނީ ދާދިއެއް ނަތީޖާއެކެވެ. ވަރަށް މަދުން ނޫނީ ތަފާތު ކަމެއް އޮންނަނީ ނުފެނިފައެވެ. 

މުހިންމީ ކައިވެންޏަށްފަހު ދަރިންނަށް އުފާވެރިކަން ލިބުންކަމަށް ދެކޭނަމަ ތަނަވަސްމީހުންގެ އެވިސްނުން ބަދަލުކުރަންޖެހޭކަން ތިރީގައިވާ ވާހަކައިން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

އަޅުގަނޑުގެ މައިންބަފައިންނަކީ ތަނަވަސް ބައެކެވެ. އެމީހުންގެ ހުރިހާ ވަގުތެއް ހޭދަކުރަނީ ތަނަވަސްކަން އިތުރުކުރާނެ ގޮތަކާއިމެދު ވިސްނުމަށެވެ. ދަރިންނާއި އަޅައިލާނެ، ލޯބިދޭނެ ވަގުތެއް ނުވެއެވެ. ކަންކަން އަޅުގަނޑަށް ވިސްނެން ފެށުމުން އެގޮތް އެއީ އެހައި ރަނގަޅު ގޮތެއް ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. 

އަޅުގަނޑުގެ ދޮށްޓަށް ތިބި 2 ދައްތަ ވެސް ކައިވެނިކުރުވީ ތަނަވަސްކަން ހުރި މީހުންގެ ދަރިންނާއިއެވެ. އެގޮތް އަޅުގަނޑު ބޭނުމެއް ނުވިއެވެ. އަޅުގަނޑު ބޭނުންވީ އަޅުގަނޑު ދެކެ ޙަޤީޤަތުގައިވެސް ލޯބިވާ، ފަޤީރު މީހަކު ހޯދައިގެން ކައިވެނިކުރުމަށެވެ. ތަނަވަސްކަމުގެ އަޅަކަށް ނުވުމަށެވެ. 

ކައިވެނިކުރާ އުމުރަށް އެޅުމާއިއެކު މަންމަ ތަނަވަސް މީހެއްގެ ދަރިއަކު ގެއަށް ގެނެސް އަޅުގަނޑަށް ދައްކައިފިއެވެ. ބައްޕަވެސް ތަނަވަސް މީހެއްގެ ދަރިއަކު ގެއަށް ގެނެސް އަޅުގަނޑަށް ދައްކައިފިއެވެ. އަޅުގަނޑު ވަރަށް އަދަބުވެރިކަމާއިއެކު އެދުނީ ވިސްނާލަން ފުރުޞަތު ދިނުމަށެވެ. 

އަޅުގަނޑުވެސް މީހަކު ހޯދީމެވެ. އަޅުގަނޑު ހޯދީ ފަޤީރު ޢާއިލާއެއްގެ ޒުވާނެކެވެ. އެހެންކަމުން މަންމަ ޢާއި ބައްޕައަށް ކަމަކު ނުދިއަ އެވެ. މަންމަމެން ރުޅިއަރުވައިލާކަށްވެސް ބޭނުމެއް ނުވިއެވެ. އަދި މަންމަމެންނަށް ދީލައިލާކަށްވެސް ބޭނުމެއް ނުވިއެވެ. ވީމާ މައްސަލަ ޙައްލުކުރާނެ ގޮތަކާއިމެދު ވިސްނަމުން ދަނިކޮށް ފެނުނު ފިލްމަކުން ޢިބްރަތް ޙާޞިލުކުރީމެވެ. 

ކުއްލިއަކަށް އަޅުގަނޑު މޮޔަވީއެވެ. ބައެއް ފަހަރު ރުޅިގަދަވަނީއެވެ. އަނެއްބައި ފަހަރު މަޑުން އިންނަނީއެވެ. ބައެއްފަހަރު ވާހަކަ ދެއްކުން ގިނަކުރަމެވެ. އަނެއްބައި ފަހަރު ކިތަންމެ ގިނައިން އަޅުގަނޑާއި ވާހަކަ ދެއްކިނަމަވެސް އަޅައިވެސް ނުލައި އިންނަނީއެވެ. ޑޮކްޓަރުންނަށް ދެއްކިނަމަވެސް އެއްވެސް ބައްޔެއް ނުފެނެއެވެ. 

އެއިރު މަންމަ ހޯދި މީހާ އާއި ބައްޕަ ހޯދި މީހާ އާއި އަޅުގަނޑު ހޯދި މީހާވެސް ގެއަށް އައިސް އުޅެއެވެ. އަޅުގަނޑުގެ ޙާލަތު ފެނުމުން މަޑުމަޑުން ފޭވަމުން ގޮސް މަންމަ ހޯދިމީހާ އާއި ބައްޕަ ހޯދި މީހާ އަޅުގަނޑުމަތިން ފޫހިވެއްޖެއެވެ. އަޅުގަނޑު ދެކެން އައުން މަދުކުރަމުން ގޮސް ގެއަށް އައުން މުޅިން ހުއްޓާލައިފިއެވެ. ނަމަވެސް އަޅުގަނޑު ހޯދި ފަޤީރު މީހާ ގެއަށް އައުދެއެވެ. އަޅުގަނޑުގެ ކަންކަން ބަލަން އިނދެއެވެ. އަޅުގަނޑާއި ވާހަކަ ދައްކައިގެން އަޅުގަނޑަށް ހަމަޖެހުން ހޯދައިދޭން މަސައްކަތްކުރެއެވެ. 

އެއްރެއަކު ގެއަށް އައިސްފައި މަންމަމެން ގާތުގައި އެދުނީ އަޅުގަނޑުމެންގެ ކައިވެނިކޮށްދިނުމަށެވެ. ކައިވެނިކޮށް ދެމީހުން އެކުގައި އުޅެން ފެށުމުންވެސް ރަނގަޅުވެދާނެ ކަމަށެވެ. "އެހައި ބަލި ޙާލުގައި ކައިވެނިކޮށްގެން ފޫހިނުވެ އަނބިމީހާ ގެންގުޅެވިދާނެތޯ؟" ސުވާލުކުރުމުން އޭނާ ބުނީ އޭނާގެ މައިންބަފައިންގެ ގެއަކީ ވަރަށް އާދައިގެ ފެންވަރުގެ ގެއެއް ކަމަށާއި އެގެއަށް ގެންގޮސްގެންވެސް ގެންގުޅެން ތައްޔާރަށް ހުރިކަމަށެވެ. އަދި އަޅުގަނޑުމެންގެ ގޭގައި ބައިންދައިގެންވެސް އެކުގައި އުޅެން ތައްޔާރަށް ހުރިކަމަށެވެ. 

މަންމަމެން އޭނާގެ ހުށަހެޅުން ޤަބޫލުކޮށް ކައިވެނިކޮށްދިނެވެ. އަދި ބޭނުންވީ ގޭގައި ބައިންދާށެވެ. އެހެންވެ ދެމީހުން އެކުގައި ގޭގައި އުޅެންފެށީމެވެ. ކައިވެންޏަށްފަހުގައިވެސް ފިރިމީހާ އިމްތިޙާން ކުރުމުގެ ގޮތުން 2،3 މަސްވަންދެން އެޑްރާމާ ކުޅުނީމެވެ. ފިރިމީހާގެ ލޯބީގެ އިޚްލާޞްތެރިކަން ޔަޤީންކުރެވުމުން މަޑުމަޑުން ގެންގޮސް ޑްރާމާ ނިންމައިލީއެވެ. 

ދުވަސްތައް ފާއިތުވަމުން ގޮސް އަޅުގަނޑުމެންގެ ކައިވެންޏަށް 4 އަހަރުވީއިރު ކުރިން ކައިވެނިކުރި 2 ދައްތަގެ ކައިވެނި ރޫޅިއްޖެއެވެ. ގޭތެރެއަށް ހިތާމަވެރިކަން އަތުވެއްޖެއެވެ. މަންމަ އާއި ބައްޕަ އެކަމާއި ކަންބޮޑުވެ ވާހަކަ ދައްކަން ފަށައިފިއެވެ. އަދި އެއްވެސް ބަދަލެއް ނައިސް އަޅުގަނޑުމެން ދެމަފިރިންނަށް ދިރިއުޅެވޭކަންވެސް ފާހަގަކުރަން ފަށައިފިއެވެ. 

އެންމެން އެކުގައި ތިބެ އެފަދަ ވާހަކަތަކެއް ދެކެވުނު މަޖިލީހެއްގައި އިނދެފައި ބުނީމެވެ. 

"މަންމަމެންގެ ހިސާބުޖެހުން ރަނގަޅު ނޫނީއެވެ. މަންމަމެން ވިސްނަނީ ހަމައެކަނި ފައިސާ އާއިމެދުގައެވެ. ފައިސާ އިތުރުކުރާނެ ގޮތްތަކަށެވެ. ކައިވެންޏަށްފަހު ދަރިންނަށް ޚަރަދުނުކޮށްވާނެ ގޮތަށެވެ. ތަނަވަސް މީހުންގެ ދަރިންނާއި ދައްތަމެން ދެވީ އެހެންވެގެންނެވެ. އުމުރުން ހަގުނަމަވެސް މަންމަމެން ޖަހާ ހިސާބު ރަނގަޅު ނޫންކަން އެއިރުވެސް އަޅުގަނޑަށް ވިސްނުނެވެ. މަންމަމެން ބޭނުންވި މީހުންނާއި ކައިވެނިނުކުރީ އެހެންވެގެންނެވެ. ދެންވެސް ވިސްނުން ބަދަލުކުރާށެވެ! ދަރިން ކިތަންމެ ބޮޑެތިވީނަމަވެސް މައިންބަފައިންގެ ލޯބި ބޭނުންވާނެއެވެ. އެކުގައި ވަގުތު ހޭދަކުރަންވެސް ބޭނުންވާނެއެވެ. 3 ބެއިންނަށް ލިބިފައި މިތިބަ ދަރިން އަދި މާބޮޑަށް މާމަ އާއި ކާފަގެ ކިބައިން އެކަންކަން ބޭނުންވާނެއެވެ." 

ނަޞީބަކުން، ﷲ ގެ ރަޙްމަތްފުޅުން އަޅުގަނޑު ދެއްކި ވާހަކަ މަންމަ އާއި ބައްޕަ ޤަބޫލުކުރިއެވެ. 2 ދައްތައަށްވެސް ހެޔޮލަފާ ތަޤްވާވެރި ފިރިހެނުން ހޯދައިގެން ކައިވެނިކުރުމުގެ ފުރުޞަތު ދިނެވެ. މިއަދު 3 ބެއިންވެސް ދިރިއުޅެމުން މިއަންނަނީ ފިރިންނާއިއެކު އުފަލުގައެވެ. 

މިއީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފިލާވަޅަކަށްވެ ފައިދާކުރާނެ ކަމުގެ އުންމީދުގައި ޙިއްޞާކޮށްލީއެވެ. 

- އުނޫޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން