މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމަށް ހަފްތާ ބަންދުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ޓީމުތަކެއް އަތޮޅުތަކަށް ދަތުރު ފަށާނެ ކަމަށް އެވުޒާރައިން ބުނެފިއެވެ.
މިކަމާގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މަސްވެރިންގެ ފުރިހަމަ ޤައުމީ ދަފްތަރެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން އެވުޒާރާގެ ޓީމުތައް މިހަފްތާ ބަންދުގައި އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާނެކަމަށެވެ.
މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަގްސަދަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމެވެ.