ނުކުޅެދުންތެރިކަން ހުންނަ މީހުން ދެނެގަތުމަށް ޑޭޓާބޭސްއެއް ހަދުމުގެ މަސައްކަތެއް ކުރައްވަމުން ގެންދަވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަނގަޅު ޑޭޓާބޭސްއެއް މިހާތަނަށް ހެދިފައިނުވާތީ އެފަދަ ފަރާތްތައް ދެނެގަތުމަށާއި އެމީހުންނަށް ބޭނުންވަނީ ކޮން އެހީތެރިކަމެއްތޯ ދެނެގަތުމަށްވެސް ދަތިވާކަމަށެވެ. އެހެންކަމުން މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޑޭޓާބޭސްއެއް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށެއެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދޭއިރު ރާއްޖޭގައި ކޮން ހިސާބެއްގައި ކޮން ވައްތަރެއްގެ ނުކުޅެދުންތެރިކަމެއްތޯ ގިނައީ ނުވަތަ މަދީ މިކަންކަން އަޅުގަނޑުމެންނަށް އެނގެންޖެހޭނެ." ވަޒީރު ވިދާޅުވިއެވެ.
1 އަހަރު ދުވަހުގެ ތެރޭގައި ޑޭޓާބޭސްގެ މަސައްކަތް ނިންމުމަކީ އުންމީދެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މި ބައްދަލުވުމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ދައުލަތުގެ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގަޔާއި، ވުޒާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.