ޢިބްރަތްތެރި ވާހަކަ: ހެޔޮ ގޮތުގަ މަންމަ ބަލަހައްޓައި އެހީތެރިވާން މަސައްކަތްކުރާނަމަ އިން ޝާ ﷲ އެމީހަކަށް ހެޔޮ ގޮތައް މިންވަރުކުރައްވަވާނެކަން ޔަޤިންކޮށްލެވޭނެ ވާހަކައެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ޢިބްރަތްތެރި ވާހަކަ: ހެޔޮ ގޮތުގަ މަންމަ ބަލަހައްޓައި އެހީތެރިވާން މަސައްކަތްކުރާނަމަ އިން ޝާ ﷲ އެމީހަކަށް ހެޔޮ ގޮތައް މިންވަރުކުރައްވަވާނެކަން ޔަޤިންކޮށްލެވޭނެ ވާހަކައެއް-

ކޮންމެ މީހެއްގެވެސް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ ހެޔޮލަފާ އަޅެއްގެ ގޮތުގައި ދުނިޔޭގައި އުޅެން މަސައްކަތްކުރުމެވެ. ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާށއަށް ވަކީލްކުރުމެވެ. ހަމައެކަނި އެކަލާނގެ ޙަޟްރަތުން ވާގިއެދުމެވެ. އެއަށްފަހު މައިންބަފައިންނަށް އަޅާލައި އެހީތެރިވެ ބަލަހައްޓަން މަސައްކަތްކުރަން ޖެހެއެވެ.  

މިބުނި ދެކަންތަކުގައި ޘާބިތުވެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެކަން ތިރީގައިވާ ވާހަކައިން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަޅުގަނޑު މަސައްކަތްކުރަމުން އައީ އެހައި މަޝްހޫރު ނޫންނަމަވެސް ވަރަށް ގިނަ ވިޔަފާރިތައް ކުރާ ކުންފުންޏެއްގެ އޮފީހުގައެވެ. ކުރާ މަސައްކަތުން އެކަށީގެންވާވަރުގެ ބޮޑު ނަފާއެއް ވެސް ކުންފުންޏަށް ލިބެއެވެ.  

އަޅުގަނޑަކީ ކިތަންމެ އަތްމަތި ދަތިވި ނަމަވެސް ލޯނަށް ނުވަތަ ކުންފުނީގެ އެހީތެރިކަމަށް އެދޭ މީހެއް ނޫނެވެ. އެގޮތަށް އުޅެމުންދަނިކޮށް މަންމަގެ އެތެރެހަށީގައި އިން ޓިޔުމަރެއް ގިނަ ދުވަސްވެ ކެންސަރަށް ބަދަލުވާން ފަށާފައިވާ ކަމަށް ޑޮކްޓަރުން ބުނެފިއެވެ. ވީހާއަވަހަކަށް އޮޕަރޭޝަންކުރަންވެސް ބުންޏެވެ. 

މަންމަގެ ތިބެނީ 3 ބެއިންނެވެ. 3 ބެއިންގެ މެދުގައި މަޝްވަރާކުރުމުން އެއްބަސްވެވުނީ ސަލާން ޖަހައިގެން ނަމަވެސް ރާއްޖެއިން ބޭރަށް ގޮސް އޮޕަރޭޝަން ކުރުމަށެވެ. އަޅުގަނޑުމެން 3 ބެއިން ބަލައި ބޮޑުކުރީ މަންމަ އެކަންޏެވެ. ވީމާ މަންމައަށް މިފަދަ ބޮޑުކަމެއް ކުރިމަތިވުމުން ކުރެވެން އޮތް އެންމެ ރަނގަޅަކަށް އެކަންކުރަން ބޭނުންވާތީއެވެ.  

އެއީ އާސަންދަ އުފެދުމުގެ ކުރިއެވެ. ވީމާ ފައިސާ ޖެހޭނީ އަމިއްލައަށް ހޯދާށެވެ. ތީމުގެއަށް ސިޓީލައިގެން އަވަހަށް ކަންކަން ހަމަޖެހެނީވެސް ބާރާ ނުފޫޒު ހުންނަ މީހުންނަށެވެ. ދޭނީވެސް ނިކަމެއްޗަކަށް ނަމަ 300 ވަރަކަށް ޑޮލަރެވެ.  

ކޮންމެއަކަސް އަޅުގަނޑު އޮފީހުން ޗުއްޓީއަކަށް އެދުނީމެވެ. އެއީ ސަލާން ޖަހަން ހިނގަން ވަގުތު ބޭނުންވާނެތީއެވެ. ސަލާންޖެހުނަ ކަމަށް މިބުނަނީ ތަނަވަސް މީހުންނަށް ސިޓީލައި ޖަވާބުހޯދަން ހިނގުމަށެވެ. އޮފީހުގައި އުޅެމުން އެކަންކުރާނެ ވަގުތު ނުލިބޭނެތީއެވެ. ފައިސާ ލިބިއްޖެނަމަ މަންމަ އާއިއެކުގައިދާން އަޅުގަނޑުވެސް ބޭނުންވާތީއެވެ.  

ސިޓީލީ ދުވަހު ވެރިމީހާ ގާތަށް ގެންގޮސް ޗުއްޓީއަކަށް އެދުނީ ކީއްކުރަންތޯ ސުވާލުކުރިއެވެ. ކައިވެނިކުރަން އުޅެނީތޯވެސް ސުވާލުކުރިއެވެ. އެއީ އެހައިތަނަށް ދުވަހަކުވެސް ޗުއްޓީއަކަށް އެދިފައި ނުވާތީއެވެ. ބަންދު ދުވަސްތަކުގައިވެސް ނުކުމެ މަސައްކަތްކުރާތީއެވެ.  

ޗުއްޓީ ބޭނުންވާ ސަބަބު ކިޔައިދިނުމުން ވެރިމީހާ ބުންޏެވެ. "މަންމަ ގޮވައިގެން އަވަހަށް ފުރަން ތައްޔާރުވާށެވެ! ޕާސްޕޯޓްތައް ގެނެސްދިނީމާ ޓިކެޓް ނަގައިދޭނަމެވެ. އޮޕަރޭޝަންކުރާށާ އެހެން ކަންކަމަށް ބޭނުންވާނެ ފައިސާ ދޭނަމެވެ. ދާންވާނީވެސް ބެންކޮކަށެވެ. އަހަރެންވެސް ބޭސްކުރަނީ ބެންކޮކުންނެވެ. ވީމާ އަހަރެންނަށް އިޚްލާޞްތެރި މުވައްޒިފުންނަށްވެސް ތިއަވަރުގެ ބޮޑުކަމެއް ޖެހުނީމާ ބޭސްކުރަންވާނީ ބެންކޮކުންނެވެ. އަނބިމީހާ ބެންކޮކަށް ވަރަށް ފަރިތަވާނެއެވެ. ވީމާ އެކުގައި އަނބިމީހާވެސް ފޮނުވައިދޭނަމެވެ."  

ލިބުނު އުފަލުގެ ބޮޑުކަމުން ބާރަށް ރޯން ފެށުނެވެ. ނުކުމެގެން ގޮސް ނަމާދުކުރާތަނަށްވަދެހުރެ ވަގުތުން ދެ ރަކްޢަތް ނަމާދެއް ކުރީމެވެ. ހާސްފަށުން ﷲ އަށް ޝުކުރުކޮށް ޙަމްދުކުރީމެވެ.  

ވެރިމީހާ ބުނި ގޮތަށް ކަންކަން ކޮށްދިނެވެ. އެއްވެސް މީހަކަށް ސަލާންޖަހަން ހިނގާކަށް ނުޖެހުނެވެ. ވެރިމީހާއަކަށްވެސް ސަލާމެއް ނުޖަހަމެވެ. އެދުނީ ޗުއްޓީއަކަށެވެ. މަންމަ އަބަދުވެސް ބުނެއެވެ. "ﷲ އަށް ކިޔަމަންތެރިވެ އަޅުކަންކުރުމުގައި ހުންނަ މީހަކަށް، އެމީހަކީ ހުރިހާ ކަންކަމުގައިވެސް ﷲ އަށް ވަކީލްކޮށްގެން ހުންނަ މީހަކު ނަމަ ކޮންމެ ކަމެއް އެމީހަކަށް ޖެހުނު ނަމަވެސް އެކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެއެވެ." އަޅުގަނޑަށް ފެނިގެންދިއައީ އެކަމުގެ ހެއްކެވެ. އަތްމަތި ދަތިވިޔަސް ލޯނު ނުނަގަނީވެސް ކުންފުނީގެ އެހީތެރިކަމަށް ނުއެދެނީވެސް މަންމަ އެހެން ބުނާތީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ މިވާހަކަކޮޅު ޙިއްޞާ މިކުރީ އަޅުގަނޑުގެ މަންމަގެ ބަސް ޤަބޫލުކުރާ މީހުން މިއަދު މަދުވީމާ ހިތްވަރުދޭށެވެ. އަޅުގަނޑުގެ މަންމަ އެދޭ ނަޞޭޙަތަކީ މަންމަގެ އަމިއްލަ ބަހެއް ނޫނެވެ. ދީނީ ޢިލްމުވެރިންގެ ބަސްފުޅެވެ. ޤުރްއާނާ ސުންނަތުން ފެންނަން އޮތް މަގެވެ. އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ.  

- ޝަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން