ޢިބްރަތްތެރި ވާހަކަ: ބަލާލަން ރީތި އަންހެނަކާ، ބޭރުގެސިފަ ރީތިނޫނަސް އެތެރެ ރީތި އަންހެނަކާ ކައިވެނިކުރި ތަނަވަސް 2 އެކުވެރިންނަށް ކުރަންޖެހުނު ތަޖުރިބާގެ ތަފާތު ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 53ސ
ޢިބްރަތްތެރި ވާހަކަ: ބަލާލަން ރީތި އަންހެނަކާ، ބޭރުގެސިފަ ރީތިނޫނަސް އެތެރެ ރީތި އަންހެނަކާ ކައިވެނިކުރި ތަނަވަސް 2 އެކުވެރިންނަށް ކުރަންޖެހުނު ތަޖުރިބާގެ ތަފާތު ވަރަށް ބޮޑު!

ކައިވެނިކުރާއިރު ބޭރުފުށުން ފެންނަ ރީތިކަމަށް ބަލައިގެންވެސް ކައިވެނިކުރެއެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. ރީތިނަމަ ގިނަ ބައެއްގެ އަޚްލާޤް ރަނގަޅު ނޫންނަމަވެސް ރީތި ކޮންމެ އަންހެނަކީ އަޚްލާޤް ނުބައި އަންހެނަކަށް ނުވާތީއެވެ. އަދި ކަންކަން ވިސްނި އިޞްލާޙްވާތީއެވެ.  

މައްސަލައަކަށްވަނީ ހަމައެކަނި ބޭރުފުށުގެ ސިފައަށް ބަލައިގެން ކައިވެނިކުރާތީއެވެ. ކައިވެނިކުރަން އެންމެ ރަނގަޅީ އަޚްލާޤް ރަނގަޅު ދީންވެރި މީހުންނާއި ކަމަށް ޙަދީޘްފުޅުގައި އޮތް ބަސްފުޅަށް ނުބަލައި ކައިވެނިކުރާތީއެވެ.  

ތިރީގައިވާ ވާހަކައަކީ އަނބިން އިޚްތިޔާރުކުރުމުގައި ކޮންމެ މީހަކުވެސް ވިސްނާލަން އޮތް އެންމެ މުހިންމު ކަންތައް ވަރަށް ރަނގަޅަށް އެނގިގެންދާ ވާހަކައެކެވެ. އެއިރުން ކުރާ ފައިދާ ބޮޑުކަން ވިސްނިލައްވާނެއެވެ. އިން ޝާ ﷲ  

ވަރަށް އެކުވެރިކަމުގައި އުޅުނު 2 ވިޔަފާރިވެރިންނެވެ. ކައިވެނިކުރަން ނިންމީވެސް އެކުގައެވެ. ބައިވެރިއަކު އިޚްތިޔާރުކުރަން އުޅުމުގެ ތެރޭގައި 2 މީހުންގެ ވިސްނުން ވަރަށް ބޮޑަށް ތަފާތުވިއެވެ. އިބްރާހީމް ބޭނުންވީ ލިބޭނެ އެންމެ ރީތި އަންހެނެކެވެ. އަޙްމަދު ބޭނުންވީ ބޭރުފުށުގެ ސިފައަށް ނުބަލައި އެތެރެފުށުގެ ސިފައަށް ބަލާށެވެ.  

ކޮންމެއަކަސް ދެމީހުން ބޭނުންވި ފަދަ 2 އަންހެނުންނާއި ދެ މީހުންނަށްވެސް ކައިވެނިކުރެވުނެވެ. ކައިވެނިކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިބްރާހީމަށް އޮފީހަށް ދެވުން ލަސްވާން ފަށައިފިއެވެ. އޮފީހުގައި އިނދެވޭ ވަގުތު މަދުވާން ފަށައިފިއެވެ. ވިޔަފާރި މަޑުމަޑުން ދަށަށް ޖެހެން ފަށައިފިއެވެ.  

އަހްމަދުގެ މަސައްކަތަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. ކުރިއާއިއެއްގޮތަށް މަސައްކަތްކުރެއެވެ. ތެދަށް ބުނާނަމަ ކުރިއަށްވުރެ މާރަނގަޅަށް މަސައްކތަކުރެވެއެވެ. އެއީ ހިތް އުފާކޮށްދީ މަސައްކަތަށް ހިތްވަރުދޭނެ އަނތބަކު އިނުމުންނެވެ. އެހެންވެ ވިޔަފާރިވެސް ދިއައީ ކުރިއަރަމުންނެވެ.  

އެކުވެރި އިބްރާހީމްގެ ވިޔަފާރި ދަށްވަމުން އައިސް ދަރަނިވެރިވެ ފައިސާ ހޯދަން އަޙްމަދަށް ގުޅަންފެށުމުން އިބްރާހީމް އާއި ބައްދަލުކޮށް ކަންތައްތަމިވާ ގޮތެއް އޮޅުންފިލުވިއިރު މިވާގޮތަކީ އިބްރާހީމަށް ގެއިން ބޭރަށް ނުކުމެވޭކަށް ނެތެވެ. ބޭރަށް ޖެހިލައިފިނަމަ އަނބިމީހާ ކޮންމެވެސް ކަންތައްގަނޑެއް ހިންގައެވެ. ކުރާނެ އެހެންކަމެއް ނެތިއްޖެނަމަ ގޭގައި ގެންގުޅޭ ނޯކަރުންކުރިމަތީގައި އަތުރައިގެން އިނދެއެވެ. އިންނަނީ އެންމެ ކުރުހެދުންކޮޅު ލައިގެންނެވެ. 

ގޭގައި ގެންގުޅޭ އެންމެ އުމުރުން ދުވަސްވީ ނޯކަރު އަންހެން މީހާގެ ކިބައިން އޮޅުންފިލުވިއިރު ގިނަ ރޭރޭ އިބްރާހީމަށް ހަމަނިދިވެސް ނުލިބެއެވެ. ނިދައިފިނަމަ އަނބިމީހާ ތިރިއަށްފައިބާތީ އެވެ.  

އަހްމަދު، އިބްރާހީމްގެ ދެމަފިރިންނަށް އެގެއަށް ކެއުމަކަށް ދަޢުވަތުދިނެވެ. އިބްރާހީމް ދިއައީ ސިއްސައިގެންނެވެ. އަޙްމަދަށް ލިބޭ އާމްދަނީ އިތުރުވެ ގޭގެ ފަރުނީޗަރުވެސް ވަނީ އެންމެ އަގުބޮޑު ފަރުނީޗަރަށް ބަދަލުކޮށްފައެވެ. އަހްމަދު ކާން އިށީނުމުން އަނބިމީހާ ތެދުވެގެން ގޮސް އައީ ތާފަނާ ފެންބޯތަށްޓެއް ހިފައިގެންނެވެ. އަޙްމަދު ކައިނިމެންވާއިރަށް އަނބިމީހާ ހުރީ ކައިނިންމައި އަތްދޮވެގެންނެވެ. ކައިނިމޭއިރަށް އަޙްމަދު އަތްދޮންނާނެ ފެން މޭޒަށް ގެނެސްދިނެވެ. އެވީކުޑަވަގުތުކޮޅުގެތެރޭގައި މިފަދަ އެތައް ކަންތައްތަކެއް އިބްރާހީމަށް ފެނުނެވެ.  

އަނެއްދުވަހު އިބްރާހީމް އަހްމަދާއި ބައްދަލުކޮށް ސުވާލުކުރުމުން ކިޔައިދިނެވެ. "އަހަރެންގެ އަނބިމީހާ އަބަދު ހުންނަނީ އަހަރެންގެ ޚިދުމަތުގައެވެ. އޭނާގެ މަސައްކަތަކީ އަހަރެންނަށް ޚިދުމަތްކުރުމާއި އަހަރެންނަށް ފާރަވެރިވުމެވެ. ޚަރަދުތައް އެހައިކުޑައެވެ. އަގުބޮޑު އެއްޗެތި ބޭނުންވެގެނެއް ނުއުޅެއެވެ. ނަމާދުކުރޭތޯ ބަލައެވެ. ދަމުނަމާދަށް ހޭލައްވައެވެ. ފަތިހު ބަންގޮިގޮވުމުގެ ކުރިން މިސްކިތަށް ފޮނުވައެވެ.  

އަދި ކީއްހެއްޔްވެ؟ އެންމެ ކުޑަމިނުން ފޯނުގެ ޕާސްވޯޑްވެސް އޮތީ ބުނެދީފައެވެ. ބޭނުންކުރަނީ އަހުރެންގެ ސިމްކެވެ. ބޭނ ުން ކޮންމެ ވަޤުތަކު ތަފްޞީލު ބަލައިލުމުގެ ފުރުޞަތު ދޭންވެގެންނެވެ. ހިލޭ ފިރިހެނަކާއި އެއްވެސް ގުޅުމެއް ނުބާއްވައެވެ.  

އެކަމަކު ކަލެއަށް ދިމާވެފައި މިވަނީ މިކަންކަމުގެ އިދިކޮޅެވެ. ކަލެއަށް ތިއަޖެހެނީ އަނބިމީހާއަށް ފާރަވެރިވާށާއި އަނބިމީހާއަށް ޚިދުމަތްކުރުމަށެވެ. ޖީބަށް އެހައި ބާރުބޮޑެވެ. މީހާ ހުލިވެ ދަރަމުންދަނީއެވެ. އަހަރެންގެ ތަނަވަސްކަން ﷲ ވާގިފުޅާއިއެކު އަންނަނީ އިތުރުވަމުންނެވެ. ދެންވެސް ސަލާމަތްވާން ބޭނުންނަމަ އިބްރާހީމްގެފާނު އިސްމާޢީލްގެފާނަށް ވިދާޅުވިފަދައިން ގޭގެ އޮޅިގަނޑު އަވަހަށް ބަދަލުކުރާށެވެ!"  

އެކުވެރިޔާ ދެއްކި ވާހަކަތައް އިބްރާހީމަށް ޤަބޫލުކުރެވުނެވެ. ގޭގެ އޮޅިގަނޑު ޤަބޫލުކޮށް އަޙްމަދު ފަދައިން ހަމަޖެހިގެން އުފަލުގައި ދިރިއުޅެން މަސައްކަތްފެށިއެވެ. މާޒީ، މާޒީއަށް ދޫކޮށްލައި މުސްތަޤްބަލު ހޯދަން މަސައްކަތްފެށިއެވެ. އެކަމުގެ ރަނގަޅު ނަތީޖާވެސް ފެނުނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދެވުނީ އަގުހުރި ފިލާވަޅަކަށްވެއްޖެނަމަ އަޅުގަނޑުގެ ބޭނުން ޙާޞިލްކުރެވުނީއެވެ. ދިރިއުޅުމުގައި އުފާވެރިކަން ލިބުން އޮތީ ފިރިމީހާގެ ނުވަތަ އަނބިމީހާގެ ބޭރުފުށުގެ ސިފައަކުން ނޫނެވެ. އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއި ތެދުވެރިކަމުންނެވެ. ވާޖިބް އަދާކުރުމުގައި ޒިންމާދާރުވީވަރަކުންނެވެ.  

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން