ކިތަންމެ ރީތި ވާހަކަތައް ދެއްކި ނަމަވެސް ގިނަ ބައަކު ތިބެނީ ޔަތީމް ކުދިންނަށް ކަންކަން ކޮށްދޭން އެހައި ބޮޑަށް ރުހިގެނެއް ނޫނެވެ. އެކަމުން ތިމާއަށް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުނުކުރެވޭނަމަ އަޅައިލަނީ މަދު މީހެކެވެ. މިއީ ދެބަސް ނުވެވޭނެ ޙަޤީޤަތެކެވެ.
ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! އަތްމަތިދަތިކަމާއި، ދެރަ ނިކަމެތިކަމާއިއެކު އެކަނިވެރި މައެއްގެ ގޮތުގައި އިނދެގެންވެސް ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ޔަތީމް ކުޑަކުއްޖަކަށް އެހީތެރިވުމުން އެކަމުގެ އަގު ދުނިޔޭގައިވެސް ފެނިގެންދިއަ ގޮތް އެނގިލައްވާނެއެވެ. އިން ޝާ ﷲ
ޒީންގެ ބައްޕައަކީ ތަނަވަސް މީހެކެވެ. އަބަދުހެން އުޅެނީ މަސައްކަތުގައެވެ. ޒީންގެ ކަންކަން ބަލަހައްޓަނީ މަންމައެވެ. ޒީންގެ އުމުރުން އެންމެ 8 އަހަރުގައި މަންމަ ނިޔާވުމުން ޒީންއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ބައްޕަގެ ލޯތްބާއި ސަމާލުކަން ނުލިބުމެވެ. އެއީ މަސައްކަތުގައި އުޅެންޖެހުމުން ހަނދާންނެތޭތީއެވެ. ހަނދާން ނެތިގެން ސްކޫލްދޮށަށް ބަލާދިއުން ލަސްވާ ދުވަސްދުވަހު ޒީން ވަރަށް ދެރަވެއެވެ.
ޒީންގެ އަވަށްޓެރި ކުއްޖަކު ޒީން އާއި އެއްކުލާހެއްގައި އުޅެއެވެ. ޒީންގެ ބައްޕައަށް ބަލައި ނުދެވޭ ދުވަސްދުވަހު ޒީން ގެއަށް ގެނެސްދެނީ އެކުއްޖާގެ މަންމައެވެ. އެކަމަކު އޭނާ ޒީން ގެންދަނީ ޒީންގެ ގެއަކަށް ނޫނެވެ. އޭނާގެ ގެއަށެވެ. ޒީންގެ ބައްޕައަށް ޒީން ބަލައިދާންޖެހެނީ އެގެއަށެވެ.
މިގޮތަށް ދުވަސްތަކެއް ފާއިއތުވުމަށްފަހު ޒީންގެ ބައްޕަ އެކުއްޖާގެ މަންމަ އޭނާގެ ގެއަށް ގެނައެވެ. ގެނެސްފައި އެދުނީ ދަރިފުޅު ބަލައިދޭން އެގޭގައި އިނދެދިނުމަށެވެ. އެގޭގައި އޭނާގެ ދަރިފުޅުވެސް ގެންގުޅޭ ގޮތަށެވެ. އަދި އެކަމަށް މުސާރައެއްވެސް ހުށަހެޅިއެވެ.
އޭނާއަކީ އެކަނިވެރިމައަކަށްވެފައި ފައިސާގެ ގޮތުން ދަތިޙާލުގައި އުޅެންޖެހިފައިވާ އަންހެނަކަށްވުމުން އެހުށަހެޅުން އޭނާ ޤަބޫލުކުރިއެވެ. އެއީ އެގޭގައި ދަރިފުޅު ގެންގުޅެވޭނަމަ ދަރިފުޅަށް އެއްވެސް ކަމަކަށް ދަތިވެގެން އުޅެން ނުޖެހޭނެ ކަމަށާއި ހުރިހާ ކަންކަން ކޮށްދޭނެ ކަމަށް ޒީންގެ ބައްޕަ ބުނުމުންނެވެ.
ދައްތަ ގޭގައި އުޅެންފެށުންވީ ޒީންއަށްވެސް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. ޚާއްޞަކޮށް އެކުގައި ކުޅޭނެ އެއް އުމުރުގެ ކުއްޖަކު ލިބުމުން ޒީން ހުންނަނީ ވަރަށް އުފަލުންނެވެ.
އެގޭގައި ޒީންބަލައިދޭން އިންނަތާ އަހަރެއްވީތަނާ ޒީންގެ ބައްޕަ އޭނާގެ ގާތުން އެދުނީ އޭނާއާއި ކައިވެނިކުރުމަށެވެ. އޭނާވެސް އެކަން ޤަބޫލުކޮށް ކައިވެނިކޮށް ހަމަޖެހިލައިގެން ދިރިއުޅެން ފެށީއެވެ.
މިހާރު އެދެމީހުންގެ ދެދަރިންވެސް ބޮޑެތިވެ ކިޔަވައިނިމިގެން ދިރިއުޅެމުން އެގެންދަނީ ވަކިންނެވެ. އެމީހުންގެ ބައިވެރިންނާއިއެކުގައެވެ. ދެމަފިރިން މުސްކުޅިވި ދުވަހު ހަނީމޫންގަ އުފަލުގައެވެ. ދެމީހުންނަކީވެސް ހެޔޮލަފާ މީހުން ކަމަށްވާތީ އުފާވެރިކަމުގަ އިމެއް ނެތެވެ.
އަޅުގަނޑަކީވެސް ހަމަ އެމީހުންގެ އަވަށްޓެރިއެކެވެ. ހުރިހާ ކަންކަން ހިނގައިދިއައީ ހަމަ އަޅުގަނޑުގެ ކުރިމަތީގައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ޙިއްޞާކޮށްލި ބޭނުމަކީ ހަމައެކަނި ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދި ޔަތީމްކުއްޖަކަށް އެހީވެއްޖެ ނަމަ އެކަމުގެ ފައިދާ މިދުނިޔޭގައިވެސް ކުރާކަން ހާމަކުރުމެވެ.
އޭނާ އެދުވަހު ޒީންއަށް އެހީތެރިވީ އޭނާގެ ބައްޕަގެ ކިބައިން އެއްވެސް ކަމަކަށް އެދިގެނެއް ނޫނެވެ. އަވަށްޓެރިއެއްގެ ދަރިއަކަށްވާތީއެވެ. އެކުޑަކުއްޖާގެ މަންމަ ނިޔާވެ ޔަތީމްވެފައިވާތީއެވެ.
މިވާހަކަކޮޅާއިއެކު އަމިއްލަ ހިތުގެ ސިއްރެއްވެސް ބުނެލާނަމެވެ. އެއިރު އަޅުގަނޑުވެސް ހުރީ ހުހަށެވެ. ޒީން ބަލައިދޭން ވޮލަންޓިއަރ ނުކުރެވުނީތީ ފަހުން ވަރަށް ދެރަވެސްވިއެވެ. ނަމަވެސް އެކުވެރިޔާއަށް ހަސަދަވެރިއެއް ނުވަމެވެ. ހެޔޮދުޢާކުރީމެވެ.
- ރިޝްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް