އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން އަލަށް ފެނިފައިވުމާޢިގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
މިކަމާގުޅިގެން ހެލްތް މިނިސްޓްރީން ބުނެފައިވަނީ މެނިންގޯކޮކަލް ކޭސްއާއި ގުޅިގެން ކުރި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވަކަމަށާއި، ކްލޯސް ކޮންޓެކްޓުންނަށް ބޭސް ދީފައިވާކަމަށެވެ. އަދި މި ބަލީގެ އިތުރު ކޭސްއެއް އެޗްޕީއޭއަށް ރިޕޯޓްކޮށްފައިނުވާކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
މެނިންގޮކޯކަލް ބަލި ރާއްޖެއިން ފެނުނީ، މި ފަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައި އެނބުރި އައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގައިންނެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.