މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ ޢަދަދު ކަނޑައެޅުމަށް އެސެސްމަންޓެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަމާގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ ޢަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ސަރވޭ ކުރުމާއި މިކަމާގުޅޭ ސްޓަޑީއެއް ހެދުމަށްޓަކައި އެސެސްމަންޓް ހަދާދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައެވެ. އަދި އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 18 ވަނަ ދުވަހާހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި އެސެސްމަންޓްގައި މާލެ ސިޓީގައި ބޭނުންކުރުމަށްޓަކައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ އެންމެ ގިނަ ޢަދަދާއި އަދި އުޅަނދެއް އެންމެ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ މުއްދަތާއި، ވަކިވަކި ފަރުދުންގެ ނަމުގައާއި ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ނަމުގައި ނުވަތަ ދަޢުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވެނެ އެންމެ ގިނަ އަދަދު ކަނޑައެޅުން ހިމެނެއެވެ.
މާލެ ސިޓީ ކައުންސިލުން މި ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުނިތަކަށާއި، ޕާރޓްނަރ ނުވަތަ އަމިއްލަ ވިޔަފާރިތަކަށެވެ. ބީލަމަށް ކުރިމަތިލާ ފަރާތަކީ ދައުލަތުގެ ޕްރޮކިއުމަންޓް ބީލަމަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށް މާލެ ސިޓީކައުންސިލުން ވިދާޅުވެއެވެ.