އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މަޢާފުވާ މިންވަރު 6000 ރުފިޔާއިން 10000 ރުފިޔާއަށް ބޮޑުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 4ސ
އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މަޢާފުވާ މިންވަރު 6000 ރުފިޔާއިން 10000 ރުފިޔާއަށް ބޮޑުކޮށްފި

އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މަޢާފުވާ މިންވަރު ހަސާސް ރުފިޔާއިން ދިހަ ހާސް ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މި ގެނެވުނު އިސްލާހުގައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޑިއުޓީ މަޢާފްކުރުމުގެ އިޚްތިޔާރުގެ ދަށުން، ދަތުރުވެރިންނާ އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އެލަވަންސް 6 ހާސް ރުފިޔާއިން 10 ހާސް ރުފިޔާއަށް ބޮޑުކޮށް މި އިނާޔަތް ލިބޭނީ ހަމައެކަނި ދަތުރުވެރިންނަށާއި އަމިއްލަ ފަރުދުންގެ ކުދިކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗަށް ކަމަށް ހަމަޖައްސައިފިއެވެ. 

މި ގޮތަށް ހަމަޖެއްސީ މިހިނގާ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ދަތުރުވެރިން ރާއްޖެއަންނައިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފްކުރުމުގެ އުސޫލަށް ގެނެވުނު އިޞްލާހަށް ޢަމަލުކުރަން ފެށުމާއި ގުޅިގެންނެވެ.   

މި ބަދަލާއިއެކު ދަތުރުވެރިންނާ އަމިއްލަ ފަރުދުން ގެންނަ މުދަލުގެ ނުވަތަ ޝިޕްމެންޓަށް ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފް.އޯ.ބީ އަގު ދިހަ ހާސް ރުފިޔާ އަށްވުރެ ކުޑަނަމަ، ޑިއުޓީ ނެގުމަކާނުލާ އެތަކެތި ދޫކުރެވޭނެއެވެ. ނަމަވެސް، ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފް.އޯ.ބީ އަގު ދިހަ ހާސް ރުފިޔާ އަށްވުރެ ބޮޑުނަމަ އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅާ ކަނޑައެޅިފައިވާ ގޮތުގެމަތީން ޑިއުޓީ ދައްކަންޖެހޭނެއެވެ. އަދި، އެފަދައިން ޑިކްލަރޭޝަން ހުށަހަޅަންޖެހޭ މުދަލަށް ޑިއުޓީ ނަގާނީ، ޑިއުޓީދައްކަން ކަސްޓަމްސްއިން ކަނޑައަޅާ އެފް.އޯ.ބީ އަގުން 10،000 (ދިހަ ހާސް) ރުފިޔާ އުނިކުރުމަށްފަހު ބާކީ އަންނަ އަދަދުންނެވެ.

މުދަލުގެ އަގު ދިހަ ހާސް ރުފިޔާއަށްވުރެ ކުޑަނަމަވެސް، އެތަކެތީގެ  ބާވަތާއި ޢަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ އަމިއްލަ ކުދި ކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތި ކަމަށްވާނަމަ ނުވަތަ ކޮމާޝަލް ކުއެންޓިޓީކަމަށް ބެލެވޭ ހާލަތުގައި އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ފަރުދުންގެ ބޭނުމަށް، ޑޮކްޓަރެއްގެ ބޭސްސިޓީއާއެކު، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް، އެތަކެތީގެ އަގަށް ރިޢާޔަތްކުރުމެއް ނެތި ދޫކުރެވޭނެއެވެ. 

ކުރީން ޑިއުޓީގެ އިނާޔަތް ދެމުން ގެންދިޔަ ބައެއް ބާވަތްތަކަށް މި އިސްލާޙާއެކު ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މިގޮތުން 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލެވިފައިވާ ތަކެއްޗަކީ: 

1. ޕްލާސްޓިކް ކޮތަޅާއި ސިންގަލް ޔޫސް ޕްލާސްޓިކް ގޮތުގައި ގިންތިކުރެވޭ ތަކެތި؛

2. އެނާޖީ ޑްރިންކް؛

3. މޮޓޯސައިކަލާއި އޮޓޯސައިކަލް؛

4. އެއްގަމުގައި ދުއްވާ 4 ފުރޮޅުލީ އުޅަނދުފަހަރު؛

5. ކަނޑުގައި ދުއްވާ އުޅަނދުފަހަރު؛

6. އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ސްޕެއަރޕާޓްސް؛

މީގެ އިތުރުން، ދުންފަތް ނުވަތަ ނިކޮޓިންގ އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އީ-ސިގިރެޓާއި، ޝީޝާ އަދި ފްލެވަރޑް ސިގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތް ދިނުން 2024 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލެވޭނެއެވެ.

އަދި، ޝިޕްމެންޓްގައި ހިމެނޭތަކެއްޗަކީ ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އަމިއލަ ބޭނުން ފިޔަވައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެތަކެތި ބޭނުންކުރާ ފަރާތެއްކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަ ތަކެއްޗަށްވެސް ޑިއުޓީގެ އިނާޔަތެއް ނުލިބޭނެއެވެ.

 

 

މިއަދު އޮންލައިން