ގެއަށް ޚަރަދުކުރާނެ ފައިސާނުދޭތަނުގަ އަނބިމީހާއަށް އަނިޔާކޮށްގެން އަނބިމީހާގެ ފައިސާކޮޅު އަތުލަމުންދިއަ ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
ގެއަށް ޚަރަދުކުރާނެ ފައިސާނުދޭތަނުގަ އަނބިމީހާއަށް އަނިޔާކޮށްގެން އަނބިމީހާގެ ފައިސާކޮޅު އަތުލަމުންދިއަ ފިރިއެއްގެ ވާހަކަ-

ހަވާ ނަފްސަށް ހެއްލެވި ޝައިޠޯނާގެ މަގުން ދެވިއްޖެ މީހަކު ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. ކޮންމެ ފަދަ ނުބައި ކަމެއްވެސް ކޮށްފާނެއެވެ. ދުލުން ކިތަންމެ ނުބައި ބަސްތަކެއްވެސް ބުނެފާނެއެވެ. އެފަދަ މީހުންނަކަށް އާޚިރަތް ދުވަހަކީ އޮތް ދުވަހެއް ކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ.  

ތިރީގައި އެވަނީ އެފަދަ މީހެއްގެ ވާހަކައެވެ. ނުބައި ނުލަފާކަން ހައްދުފަހަނައަޅައި ދިއަ ފިރިއަކާއި ހެޔޮލަފާ ފިރިއެއްގެ ތަފާތު އިޙްޞާޞްކުރި އަންހެނެއްގެ ވާހަކައެވެ.  

ކައިވެނިކުރިއިރުވެސް ދެމީހުންނަކީވެސް ވަޒީފާއަދާކުރަމުން އައި ދެމީހުންނެވެ. ކުރާ މަސައްކަތުގެ ގޮތުގެ ގޮތުން ބޮޑު މުސާރަ ލިބެނީ އަޅުގަނޑަށެވެ. ނަމަވެސް ޚަރަދުތައް ކުރަމުން އައީ އެގޮތަށް ބަލައިގެނެއް ނޫނެވެ. ދެމީހުންގެ މުސާރަ މަސްހުނިކޮށްގެންނެވެ.  

ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅު ބަލަމުން ވަޒީފާއަދާކުރަމުން އުޅެން ޖެހުމުން ވަރަށް ބުރަވިއެވެ. ނަމަވެސް ގޭގައި ގެންގުޅޭނެ ކުއްޖަކުވެސް ނުހޯދައި ހުރިހާ ކަމެއް އަމިއްލައަށް ކުރަމުން އައީ މަންމަ ބަލިވެއުޅޭތީ މަންމަގެ ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުކަމުންނެވެ. އަދި ވީހާއަވަހަކަށް ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރުން ބުނެފައިވާތީއެވެ.  

އެފަދަ ޙާލެއްގައި އުޅެނިކޮށް ގެއަށް ފިރިމީހާ ކުރާ ޚަރަދުތައް މަދުކޮށްލައިފިއެވެ. ސުވާލުކުރުމުން ޖަވާބެއް ނުދެއެވެ. ދުވަސްކޮޅެއްފަހުން ފިރިމީހާގެ ވަޒީފާ ގެއްލިއްޖެއެވެ. ޚަބަރުބަލައިލިއިރު ވަޒީފާއިން ވަކިކުރީ މަސައްކަތުގެ ވަގުތުތަކުގައި އޮފީހުން ބޭރުގައި އުޅުން ގިނަކަމުންނެވެ. އެކަމާއި ސުވާލުކުރުމުންވެސް ޖަވާބެއް ނުދިނެވެ.  

ދެން މަޖުބޫރުކުރަންފެށީ އޭނާ ޚަރަދުކުރާނެ ފައިސާދިނުމަށެވެ. ގެއަށް ބޭނުންވާތަކެތި ގަނެފައި ބިލްތައް އަޅުގަނޑު ދައްކާއިރު ފައިސާ ބޭނުންވަނީ ކޮން ކަމަކަށްތޯ ސުވާލުކުރުމުން ބުނީ އެއީ އަޅުގަނޑުބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ.  

އަޅުގަނޑު ބުނީމެވެ. "ތިއަގޮތަށް ފައިސާއެއް ނުދެވޭނެއެވެ. މަންމަގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާވެސް މިއުޅެނީ ޖަމާނުކުރެވިގެންނެވެ." އޭނާގެ ޖަވާބު އެނގިލައްވާތޯއެވެ؟ "މަންމަގެ އުމުރުން މިހާރުވެސް 70 އަހަރުވެއްޖެއެވެ. ތިއައުޅެނީ އަދި ކިތައް އަހަރު މަންމަ ދުނިޔޭގައި ބަހައްޓަންހެއްޔެވެ؟" އެހެންބުނެފައި އަޅުގަނޑަށް އަނިޔާކޮށްފައި އެއިރު ދަބަހުގައި ހުރިހުރިހާ ފައިސާއެއް ނަގައިގެންދިއައީއެވެ.  

އެއިގެ 2،3 ދުވަސްފަހުން އެއްދުވަހު މަސައްކަތް ނިމިގެން ތަންކޮޅެއް އަވަހަށް ގެއަށް އާދެވުނުއިރު އުޅެނީ ކޮޓަރިއަށް ހިލޭ އަންހެނަކު ވައްދައިގެންނެވެ. ލިބުނު މުސާރަހުސްކުރިގޮތާ ވަޒީފާ ގެއްލުނު ސަބަބާއި އަޅުގަނޑުގެ އަތުން ގަދަކަމުން ފައިސާ އަތުލައިގެން ކުރާ ކަންތައް އެނގުނީއެވެ. 

އަޅުގަނޑު ޒުވާބުކުރާކަށް ނުހަދަމެވެ. އެއަންހެންކުއްޖާ އަށް އަޅުގަނޑުގެ ބޮލުގައި އިން ފާރުގަނޑު ދައްކާފައި ސުވާލުކުރީމެވެ. "މިއީ ކޮންގޮތަކުން ލާފައި އިން ފާރުގަނޑެއްކަން އެނގޭހެއްޔެވެ؟" ސުވާލުކުރުމަށްފަހު ކިޔައިދިނީމެވެ. "މިއީ ގޭގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަމުން ކަލެއަށް ޚަރަދުކުރާނެ ފައިސާ ދޭން އެއްބަސްނުވީމާ ކުރި އަނިޔާގެ ކުޑަމިންވަރެކެވެ. މިހިސާބުން އެކަން ނިމުނީއެވެ. މިއީ އަހަރެންގެ ގެއެވެ. ދެމީހުން ހަމަމިހާރު މިގެއިން ނުކުމެގެންދާށެވެ. ދެންހުރިކަންކަން ކޯޓުން ހަމަޖައްސާނީއެވެ. ނިކަން ބުނެބަލާށެވެ! ކަލޭގެ ފިރިމީހާ ތިގޮތަށް ކަންތައްކޮށްފިނަމަ ކަލޭ ކަންތައްކުރާނީ ކިހިނަކުންހެއްޔެވެ؟"  

އެކުއްޖާ ވަރަށް ލަދުންހުރެ ބުންޏެވެ. "ވަރަށް ބޮޑަށް މާފުކުރާށެވެ! އޭނާ އަހަރެންނަށް އޮޅުވައިލީއެވެ. ބުނީ އޭނާއަކީ ތަނަވަސް މީހެއް ކަމަށާއި މިގެއަކީވެސް އޭނާގެ ގެއެއް ކަމަށެވެ. އަދި އަނބިމީހާގެ ބޭނުމެއް ނުހިފޭތީ ދެވަނަ އަންތބަކު ހޯދަންޖެހިގެން އުޅެނީކަމަށެވެ. އޭނާއަކީ ތިއަ ފަދަ ނުބައި ނުލަފާ ޖަނަވާރެއްކަން ވިސްނިފައެއް ނެތެވެ. ވަރަށް ބޮޑަށް މާފުކުރާށެވެ!"  

އޭނާގެ ވާހަކަތައް އަޑުއިވުމުން އަޅުގަނޑު އޭނާއަށް މާފުކުރީމެވެ. އޭނާ ރޮމުން ގެއިން ނުކުންނަ ހިނގައިގަތުމުން ކޮއްޕައި ފިރިމީހާވެސް ގެއިން ނެރެލީމެވެ. އެދުވަހަކު ގަދަބާރު ދައްކާކަށް ނުކެރުނެވެ.  

ކޯޓުން ވަރިކޮށްދިނުމުން ދެވަނަ ކައިވެނިކުރީމެވެ. ދިރިއުޅެމުން މިދަނީ އުފަލުގައެވެ. އަދި ލިބުނީވެސް ރަނގަޅު މުސާރައެއް ލިބޭ ހެޔޮލަފާ ފިރިއެކެވެ. ގައަށް އަރައިގަނެ އަނިޔާކޮށްގެން އަތުގައި ހުންނަ ފައިސާކޮޅު އަތުލުމުގެ ބަދަލުގައި ގޭގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓައިގެން އަޅުގަނޑަށް ލޯބިދީގެން އުޅޭ ފިރިއެކެވެ.  

އަޅުގަނޑު މިވާހަކަ މުޅި ދުނިޔެއާ ޙިއްޞާކުރަން ބޭނުންވެއެވެ. މިބާވަތުގެ ނުބައި ނުލަފާ ފިރިންގެ އަޅުވެތިކަމުގައި ތިބުމަށްވުރެ އެކަނި ދިރިއުޅުންވެސް މާރަނގަޅު ކަމަށް ބުނަން ބޭނުންވެއެވެ. އަދި ނުބައި ނުލަފާ ފިރިންގެ ވާހަކަ އަނިޔާވެރިކަމުގައި ނުތިބެ ހެޔޮ ގޮތެއް ހޯދަން މަސައްކަތްކުރުމުން ލިބޭނެ ކަމަށްވެސް ބުނަން ބޭނުންވެއެވެ.  

މިއީ އަޅުގަނޑު ހަމަ މިފަދަ ޙާލެއްގައި އުޅެމުންދިއައިރު އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. މިވާހަކައިން ވަރަށް ބޮޑު ހިތްވަރެއް އަޅުގަނޑެއް ލިބުނެވެ. ފިރިމީހާގެ ކިބައިން ލިބެމުންދިއަ އަނިޔާތަކުން ސަލާމަތްވުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވިއެވެ. އެހެންވެ މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ފައިދާއެއް ކޮށްފާނެ ކަމުގެ އުންމީދުގައި ޙިއްޞާކޮށްލީއެވެ.  

- ޢާރިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

މިއަދު އޮންލައިން