ޢިބްރަތްތެރި ވާހަކަ: ޒުވާނެއްގެ ކައިވެންޏަށް ވާދަކުރި އެކުވެރި ދެ އަންހެނުންގެ ވާހަކަ- ރުޅިގަދަ، ނުބައިބަސްބުނާ ކޮންމެ މީހަކަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ޢިބްރަތްތެރި ވާހަކަ: ޒުވާނެއްގެ ކައިވެންޏަށް ވާދަކުރި އެކުވެރި ދެ އަންހެނުންގެ ވާހަކަ- ރުޅިގަދަ، ނުބައިބަސްބުނާ ކޮންމެ މީހަކަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް!

ރުޅި ކޮންޓްރޯލްކުރަން ގަދައަޅައި މަސައްކަތްކުރަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ރުޅި ގަދަވުމުން ކުރެވޭ ނުކުރެވޭ ކަންކަން ނުއެނގޭ ޙާލަތަށް ކަންކަންދާތީއެވެ. ބުނަން ބޭނުންނުވާ ބަސްތައްވެސް ބުނެވޭތީއެވެ. އެކަންކަމުގެ ސަބަބުން ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެތީއެވެ. 

ކޮންމެ މީހެއްގެ ކިބައިގައިވެސް ރުޅީގެ ކަންކަން ހުންނާނެއެވެ. އެކިމީހުންގެ ކިބައިގައި އެކިވަރަށެވެ. އެމީހެއްގެ ކިބައިގައި ހުރި މިންވަރު އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށެވެ. ރުޅިގަދަނަމަ އޮތީ ކޮންޓްރޯލްކުރަން ކުރާ މަސައްކަތް އިތުރުކުރުމެވެ. އެކަމަށް އިތުރަށް މަސައްކަތްކުރުމެވެ. މަސައްކަތްކުރުމުން ކާމިޔާބުވެސް ކުރެވޭނެއެވެ. އިން ޝާ ﷲ 

ތިރީގައި އެވަނީ މިބުނި ކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެވެ. ވިދާޅުވެލައްވާށެވެ! 

ޒަޢީމާ އާއި ފަރީޝާއަކީވެސް ވަރަށް ރީތި ދެކުދިންނެވެ. ކުޑައިރުންސުރެ ވަރަށް ގާތް ދެއެކުވެރިންނެވެ. ޢާންމު ގޮތެއްގައި ބޭރަށް ގޮސް އުޅެނީވެސް އެކުގައެވެ. މިހެން އުޅުމުގެ ތެރޭގައި ވަރަށް ތަނަވަސް ޒުވާނަކާއި ބައްދަލުވެ ދެމީހުންވެސް އޭނާ އާއި ގުޅުން އުފެއްދިއެވެ. 3 މީހުން އެކުގައި ތަންތަނަށް ގޮސްއުޅެންވެސް ފަށައިފިއެވެ. 

ދުވަސްކޮޅެއްފަހުން އެޒުވާނާގެ ހިތުގައި 2 ކުދިންނަށް ލޯބި އުފެދުނެވެ. ދެކުދިންގެ ހިތުގައިވެސް ޒުވާނާއަށް ލޯބި އުފެދުނެވެ. މައްސަލަ ޖެހުނީ އެހިސާބުންނެވެ. ކިތަންމެ އެކުވެރި ނަމަވެސް ލޯތްބާއި ހަމައަށް ދިއުމުން ދެކުދިންކުރެ ކުއްޖަކު ދޫދޭކަށް ބޭނުމެއް ނުވިއެވެ. އަދި އެއްކުއްޖަކު ދެރަކޮށްލާނެ ހިތްވަރެއް ޒުވާނާއަކަށް ނުލިބުނެވެ. ދެއަންތބަށް އެކުގައި ކައިވެނިކުރާކަށްވެސް ބޭނުމެއް ނުވިއެވެ. 

ދުވަސްތައް އެގޮތަށް ފާއިތުވަމުންގޮސް ޒަޢީމާގެ ގޭގައި ބޭއްވި ކެއުމެކެވެ. ކައިނިމިގެން ތިން އެކުވެރިން ވާހަކަދައްކާލަން ސިޓިންގރޫމްގައި ތިބި ވަގުތެވެ. ދެއަންހެނުންގެ މެދުގައި ދެކެވެމުން ދިއަ ވާހަކައެއް ހޫނުވަމުން ގޮސް ޒުވާބަކަށްވެއްޖެއެވެ. އެކުވެރިކަން ގެއްލި ނިމިއްޖެއެވެ. ވާހަކައިގެ ރާގާއި ބަސްމަގު ބަދަލުވެގެން ހިނގައްޖެއެވެ. ޒަޢީމާއަށް ދުލުން ނުބައި ބަސްތައް ބުނެވެން ފަށައިފިއެވެ. އުޚުތާއަށް އިނގިލި ދިއްކުރެވެން ފަށައިފިއެވެ.

އެހިސާބުން ޒުވާނާ ބުންޏެވެ. މިހާރުދެން މާގޯސްވީއެވެ. އަހަރެން މިދަނީއެވެ. ފަރީޝާވެސް އަވަހަށް ގެއަށްދާށެވެ. ބޭނުންނަމަ އެކުގައި ގެންގޮސްވެސް ދީފާނަމެވެ. އެހެން ބުނުމުން ފަރީޝާ އިޚްތިޔާރުކުރީ އެކުގައިދާށެވެ. އެރޭ ޒުވާނާ ފަރީޝާ ގާތުގައި އެއްވެސް ވާހަކައެއް ނުދައްކައެވެ. ގެއަށް ގެންގޮސްދީފައި އެނބުރި ދިއައީއެވެ. 

އަނެއް ދުވަހު ދެ އަންހެނުން ގުޅުމުންވެސް ޒުވާނާ ފޯނެއް ނުނަގައެވެ. 3 ދުވަސްފަހުން ޒުވާނާ ފަރިޝާއަށް ގުޅާފައި ފުރަތަމަވެސް ސުވާލުކުރީ ކައިވެނިކޮށްފާނަންތޯއެވެ. ފަރީޝާ ވަގުތުން އެއްބަސްވުމުން ކައިވެނީގެ ކަންކަން ކުރިއަށް ގެންގޮސް 3 ވަނަ ރޭ ކައިވެނިކޮށްފިއެވެ. 

ކައިވެނިކުރުމަށްފަހު ޒުވާނާ ޒަޢީމާއަށް މެސެޖެއް ކުރިއެވެ. "ޙަޤީޤަތުގައި އަހަރެން ކައިވެނިކުރަން ބޭނުންވީ ޒަޢީމާ އާއިއެވެ. ވިސްނުން ބަދަލުކުރަންޖެހުނީ ރުޅިގަދަކަމާއި އެކުވެރިންނަށް އިޙްތިރާމް ނުކުރުމާއި ދުލުންބުނި ބަސްތަކުގެ ބަހުރުވަ ހުތުރުކަމެވެ. ދެންވެސް އެކަންކަން އިޞްލާޙްކޮށްލާށެވެ! ރަނގަޅު ބައިވެރިއަކު ލިބޭނެއެވެ. ބޭނުންނަމަ ހަމަ އަހަރެން ފަދަ މީހަކު ހޯދައިވެސް ދީފާނަމެވެ. ފުރަތަމަ އެކަންކަން އިޞްލާޙްކޮށްލާށެވެ!" 

އެދެ އަންހެނުންނަކީވެސް އަޅުގަނޑުގެވެސް ވަރަށް ގާތް ދެއެކުވެރިންނެވެ. މިއީ ހަމަ މީގެ މަހެއްހައި ދުވަސްކުރިން މާލޭގައި ހިނގާފައިވާ ކަމެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާމިކުރީ މިއީ ވަރަށް ޢިބްރަތްތެރި ޙާދިސާއަކަށްވާތީއެވެ. އެނގެން މިދިއައީ ދޫނުބައިވުމަކީ ލިބެންހުންނަ ނިޢްމަތްތަކާއި އުފާވެރިކަން ގެއްލިގެންދާ ކަމެއްކަން ނޫންތޯއެވެ؟

 

- ޚަދީޖާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން