ފިރިމީހާ ސްޕާތަކާ ސެލޫންތަކަށް ގޮސް ހަށިގަންނާތީ ބޮޑެތި ބަލިތަކެއް ޖެހި ކިރިޔާ ސަލާމަތްވި އަންހެނެއްގެ ވޭނީ އިޙްޞާޞްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ފިރިމީހާ ސްޕާތަކާ ސެލޫންތަކަށް ގޮސް ހަށިގަންނާތީ ބޮޑެތި ބަލިތަކެއް ޖެހި ކިރިޔާ ސަލާމަތްވި އަންހެނެއްގެ ވޭނީ އިޙްޞާޞްތައް-

އަޅުގަނޑަކީ ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެމުން އައި އަންހެނަކީމެވެ. އަދި ފުރިހަމަ ޞިއްޙަތެއްގައި ދިރިއުޅެމުން އައި އަންހެނަކީމެވެ. 3 ދަރިން ލިބުނު ފަހުން ހިރުވަންފެށީއެވެ. ދިލަނަގަންފެށީއެވެ. އިންތިހާއަށް ތަދުވާންވެސް ފެށީއެވެ. ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ބުނީ ޖިންސީ ގުޅުން ހިންގުމުން އަރާ ނުބައި އެތައް ބަލިތަކެއް އަރާފައިހުރީ ކަމަށެވެ. 

ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. ފިރިމީހާ ނޫން ފިރިހެނެއްގެ ބޭނުން ނުކުރާ ކަމަށް ހުވާކުރަންވެސް ކެރޭނެއެވެ. ފިރިމީހާއަށް ކުރެވޭ އިތުބާރު ބޮޑުކަމުން އެފަދަ ކަމެއް އޭނާގެ ކިބައިން މެދުވެރިވެދާނެ ކަމަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ.  

އެކަމަކު ޑޮކްޓަރު އެކަން އެގޮތަކަށް ޤަބޫލެއް ނުކުރިއެވެ. ފިރިމީހާއަށް މަޖުބޫރުކުރުވައިގެން ޓެސްތްތައް ހެދިއިރު ނުޖެހޭ ބައްޔެއް ނެތެވެ. އޭނާވެސް އުޅުނީވެސް ވޭނުގައެވެ. އެކަން ސިއްރުކޮށްގެން ހުރީއެވެ.  

މަޖުބޫރުވެގެން ޑޮކްޓަރަށް ކިޔައިދިން އިރު ކަމަކުދާކަށް ނެތެވެ. ސެލޫންތަކާ ސްޕާތަކުގެ ނަމުގައި ހިންގާ ހަށިވއްކާ ތަންތަނަށް އާދަކޮށް ގޮސްއުޅެއެވެ.   

ހުރިހާ ކަމެއް ފަޅާއެރުމުން ވަރިވީމެވެ. މައިންބަފައިންގެ އެހީތެރިކަމުގައި އިންޑިއާއަށް ދިއައިމެވެ. ވޭންކެނޑޭވަރުވީވެސް 3،4 މަސް ފަހުންނެވެ. މިފަދަ ބަލިތައް ޖެހުމުން އުފުލަން ޖެހޭ ވޭން އެނގޭނީ އެފަދަ ކަމެއް އިޙްޞާޞްކުރަންޖެހުނު މީހަކަށެވެ. ތަނުގައި ރިއްސައި ވޭން އެޅުމުގެ އިތުރުން ރިއްސާލެއް ގަދަކަމުން އުނގަނގަނޑު ތެދުކޮށް ނުލެވޭ ހާލަތުިވެސް ކުރިމަތިވެއެވެ. ހިރުވާވަރުން މީހުންގެ ތެރޭގައި ހުރެވޭވަރެއް ނޫނެވެ.  

މިބާވަތުގެ ނުބައި ފާޙިޝް ޢަމަލުކުރުމުގެ ފުރުޞަތު ޢާންމުވެފައި އޮތުމަކީ  ވަރަށް ނުރައްކައުތެރި ކަމެކެވެ. އަޅުގަނޑުގެ ފިރިމީހާ ފަދަ ކިތައް ފިރިންގެ ސަބަބުން އަޅުގަނޑަށް ޖެހުނު ޙާލު ޖެހުނު ކިތައް އަނބިން ތިބޭނެތޯއެވެ؟ މިހާރުވެސް އެޙާލުގައި އުޅެމުންދަނީ ކިތައް އަނބިންތޯއެވެ؟ އަޅުގަނޑަށް އެނގޭ ކަމަކީ މިފަދަ ބޮޑެތި ބަލިތައް ފެތުރުން ހުއްޓަވަން ފިޔަވަޅުތައް އަޅަންޖެހިފައިވާ ކަމެވެ.  

ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ އަންހެނުން ނުބައި ބަލިތައް ހިފައިގެން އައިސް ރާއްޖޭގެ ސަޕާތަކާއި ސެލޫންތަކުގައި އެބަ މަސައްކަތްކުރެއެވެ. ނުފެތުރޭނީ ކޮން ބައްޔެއްތޯއެވެ؟ މިވާހަކަތައް މިކިޔައިދެނީ އެޅިވޭނާ ތަދުގެ ބޮޑުކަމުން ހަމަ ކެތް ނުކުރެވިގެންނެވެ.  

- މިއަދުނޫހުގެ ކިޔުންތެރިއަކު ދީފައިވާ މަޢުލޫމާތުގެ މައްޗަށް ލިޔެފައި 

 

މިއަދު އޮންލައިން