ތިރީގައިވާ ވާހަކައަކީ ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާ ވަރަށް ފައިދާހުރި ވާހަކައެކެވެ. ބައިވެރިޔާ ބޭވަފާތެރިވުމަކީ ފަހުން އެކަމަށްޓަކާ އެމީހަކު ކަރުނައަޅަންޖެހޭ ކަމެއްކަން އަބަދުހެން އެނގޭތީ އެކަމަކަށް ސަމާލުކަމެއް ނުދެމެވެ. ސަމާލުކަންދޭން ބޭނުންވަނީ މިޒަމާނުގައި އިޚްލާޞްތެރި ވަރަށް ރަނގަޅު އެކުވެރިން ތިބޭކަމެވެ. އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ ސިޙުރުގެ ސަބަބުން ކޮންމެފަދަ ކަމެއްވެސް ކުރިމަތިވެދާނެކަމެވެ. އަދި ކިތަންމެ ވަރުގަދަ ސިޙުރެއ ހެދިނަމަވެސް ތަްްވާވެރިކަންމަތީގައި ދިރިއުޅޭނަމަ އެމީހަކަށް އެކަމުން ސަލާމަތްކަން މިންވަރުކުރައްވަވާނެ ކަމެވެ.
ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ.
އަޅުގަނޑުމެންގެ ކައިވެންޏަށް 7 ވަނަ އަހަރެވެ. 2 އަހަރުގެ ކުއްޖަކާއި 3 އަހަރުގެ ކުއްޖަކު އޮތެވެ. ވަރަށް ލޯބިން ދިރިއުޅެމުން ދަނިކޮށް އަޅުގަނޑަށް ކެންސަރުޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނެފިއެވެ. ބުނީ އެއް އުރަމަތި އެކުގައި ނެގިނަމަވެސް ފެތުރިފައިވާލެއް ބޮޑުކަމުން ސަލާމަތްވެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްކަމަށެވެ.
އެޙާލަތުގައި ފިރިމީހާ ވަރަށް ލޯބިން ބުންޏެވެ. "މިޙާލަތުގައި ކަލޭ ނެތް ދުވަހަކުން 2 ދަރިން ބަލައިދޭނެ އަންހެނަކު ހޯދައިދޭށެވެ. ނަމަވެސް އޭނާ ގާތުބުނާށެވެ. ކައިވެނިކުރާނީ ދުނިޔޭގައި ނެތް ދުވަހަކުންނެވެ. ދެއަންތބަށް އިންނަން ފިރިމީހާ ބޭނުމެއް ނުވެއެވެ."
ފިރިމީހާ ދެއްކި ވާހަކަތަކުގައި އިޚްލާޞްތެރިކަން ހުރުމުންނާއި އަޅުގަނޑު ނެތް ދުވަހަކުން އޭނާއަށް އަންތބަކަށް ބޭނުންވާނެތީ އެންމެ ގާތް އެކުވެރިޔާ މެދުވެރިކޮށް އަންހެނަކު ހޯދައިދިނީމެވެ. އެކަކު އަނެކަކަށް ތަޢާރަފްކޮށްދިނީވެސް އަޅުގަނޑެވެ. އެއިގެ ފަހުން ދެމީހުންގެ މެދުގައި ކަންކަން ދިއަ ގޮތެއް ނުބަލަމެވެ. އެއީ އަޅުގަނޑަކީ ކުޑަދުވަސްކޮޅެއްގެ މެހްމާނެއްކަމުގެ ޔަޤީންކަން ޑޮކްޓަރުން ދެމުން އަންނާތީއެވެ.
އަޅުގަނޑު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ. ފުރަތަމަ 2 ދުވަހު ފިރިމީހާ އައިސް އުޅނެވެ. ދެން އަންނަން ފެށީ 2،3 ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށެވެ. ކައިރީގައި ތިބީ 2 އެކުވެރިއެކެވެ. ވާގޮތް އެނގެއެވެ. ނަމަވެސް ޤަޞްދުކުރީ އެއްވެސް ޝަކުވާއެއް ނުކޮށް އޮންނާށެވެ. ކެތްތެރިއެއްގެ ގޮތުގައި ދުނިޔެއިން ނުކުންނާށެވެ. ކެތްތެރިވުމަށް ﷲ ތަޢާލާ ދެއްވަވާ ޖަޒާ ލިބެން ބޭނުންވާތީއެވެ.
ކޮންމެއަކަސް އެފަހަރަކު އަދި މަރެއް ނުވިއެވެ. ނަމަވެސް ހޮސްޕިޓަލުން ދޫކޮށްލި ދުވަހު އެކުވެރިޔާ ބުނީ ރަނގަޅީ އޭނާގެ ގެއަށް ދިއުން ކަމަށެވެ. އެއީ ބަލިޙާލުގައި އޮތްއިރު ޙާލުބަލާލަންވެސް ނައުމުން ބޭނުމެއް ނެތްކަން އެނގޭތީ އާއި އަދި ފިރިމީހާ ދެވަނަ ކައިވެނިކޮށްގެން އަނބިމީހާ އާއިއެކު ގޭގައި އުޅޭތީ ކަމަށް ބުންޏެވެ. އެއިގެ އިތުރުން އޭނާ އާއި ކައިވެނިކުރީ ދެއަންތބަށް ކައިވެނިކުރަން އެއްބަސްނުވުމުން ވަރިކޮށްފައިކަމަށްވެސް އެކުވެރިޔާ ބުންޏެވެ. އެހެންވީމާ ވަރިކުރިކަންވެސް މިއޮތީ ނުއެނގިއެވެ. އެހެންވެ އެކުވެރިޔާގެ ވާހަކަތައް ޤަބޫލުކޮށް ދިއައީ އެގެއަށެވެ.
އެގޭގައި އުޅެން ފެށުމުން އަހަރެންގެ ޞިއްޙަތަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނަންފެށިއެވެ. ކެންސަރުޖެހިފައިހުރިނަމަވެސް ބަލިވެ އުޅެންޖެހުން މަދުވެއްޖެއެވެ. ޢާންމުޙާލަތެއްގައި އުޅެވެން ފަށައިފިއެވެ. އުރަމައްޗަށް ތަދުވުންވެސް ކުޑަވާންފަށައިފިއެވެ. ދީފައި ހުރި ބާރުގަދަ ބޭސްތައް ކެއުން އުނދަގޫވާން ފަށައިފިއެވެ. ޑޮކްޓަރުންނަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ބުނަނީ ބަލި ހަމައެވަރަށް އެބަހުރި ކަމަށެވެ. ނަމަވެސް ބޭސްކެއުމުން އުނދަގޫވާތީ ބޭސް ބަދަލުކުރިއެވެ.
ފިރިމީހާ އެގޮތަށް ކަންތައް ކުރީތީ އެހައި ބޮޑަކަށް ދެރައެއް ނުވެއެވެ. ޝަކުވާއެއްވެސް ނުކުރަމެވެ. މިހެން ބުނިނަމަވެސް ހޮސްޕިޓަލަށް އެއްލައިލީމާ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެނަސް އެކަމަކަށް ނުވެސް ވިސްނަމެވެ. އެންމެ ދެރަވީ އެހައި ލޯބިން ބަލަމުން އައި ދެދަރިންނާއި ވަކިވާންޖެހުމުންނެވެ. އެކަމުގައިވެސް ޤަޞްދުކުރީ ދަރިން ދެކެން އެގެއަށް ހިނގައްޖެނަމަ ފިރިމީހާއަށާއި އޭނާގެ އަނބިމީހާއަށް އުނދަގޫތަކެއްވާނެތީ ނުދިއުމަށެވެ. ބަލީގެ ކަންކަން ގޯސްވެ ނިމިދާނީ ކޮން ވަގުތަކުކަން ނުއެނގޭއިރު މީހަކަށް އިތުރަށް އުނދަގޫކުރުމުގެ އެއްވެސް ބޭނުމެއް އޮތްކަމަށް ޤަބޫލުނުކުރެވޭތީއެވެ.
އަޅުގަނޑުގެ އެކުވެރިޔާވީ ވަރަށް ހެޔޮ އުޚުތަކަށެވެ. އެއްބަނޑު އެއްބަފާ އުޚުތަކަށް ކަންކަން ކޮށްދޭ ފަދައިން އަޅުގަނޑަށް ކަންކަން ކޮށްދިނެވެ. އެގޮތަށް އެގޭގައި އުޅޭތާ އަހަރުވީތަނާ އެގެއަށް އައި އެކުވެރިޔާގެ ރަޙްމަތްތެރިއަކު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެއްޖެއެވެ. ބަލިޙާލަތުކިޔައިދިނުމުންވެސް ބުނީ މާބޮޑަށް ބަލިމީހުން ގިނަދުވަހު ދުނިޔޭގައި ތިބޭކަމަށާއި ގަދަވެސަލާމަތުން ތިބޭ މީހުން ކުއްލިއަކަށްވެސް މަރުވާކަމަށެވެ. އެހެންވީމާ މާދަން މަރުވެދާނެ ކަމަށް ކައިވެނިނުކުރުމެއް ނެތް ކަމަށާއި މާދަން ނޫނީ މިއަދުވެސް މަރުވެދާނެ ކަމަށް ކުރަން އޮތްކަމަކީ މަރަށް ތައްޔާރުވެ ތިބުން ކަމަށެވެ.
ކޮންމެއެކަސް އެކުވެރިޔާވެސް އެއީ އަނބިމީހާ ނިޔާވެފައި ހުރި ވަރަށް ރަނގަޅު މީހެއްކަމަށްބުނުމުން ކައިވެނިކުރީމެވެ. ކައިވެންޏަށްފަހު އޭނާގެ ގޭގައި އޭނާގެ 3 ދަރިން ބަލައިގެން އުޅެންފެށީމެވެ. އެކުދިން ފެނުމުން އަމިއްލަ ދަރިން މަތިން ހަނދާންވެ ވަރަށް ދެރަވެއެވެ. ނަމަވެސް އެކަން އެއްވެސް މީހަކަށް ނުއަންގަމެވެ.
ދުވަސްކޮޅެއްވީތަނާ އެއްދުވަހަކު ފެނުނީ އެކުވެރިޔާ އަޅުގަނޑުގެ 2 ދަރިން ގެނެސްދިންތަނެވެ. ދަރިން ފެނުމުން އުފަލުން އެތައް އިރެއްވަންދެން ރޮވުނެވެ. އެކުވެރިޔާ ބުނީ އަޅުގަނޑު ހަމަޖެހިގެން ދިރިއުޅޭތީ ފިރިމީހާ ކުދިން ދިނީ ކަމަށާއި ކުދިންނަށް ޚަރަދުކުރާނެ ކަމަށް ބުނި ކަމަށެވެ. އެބަހަކަށް އަޅުގަނޑު ނުވިސްނަމެވެ. ފިރިމީހާ ކުދިން ބަލައިދޭނެ ކަމުގެ ޔަޤީންކަން އޮތެވެ.
ފިރިމީހާ އެއްދުވަހަކު އޭނާގެ ރައްޓެހި ރުޤްޔާކުރާ މީހަކު ގެނެސް އަޅުގަނޑުގެ ބަލީގެ ވާހަކަ ކިޔައިދިނުމުން ކައިރީގައި ކިޔަވައި އެބަލާ ކަންތައްތަކެއް ބަލާފައި ބުނީ މައްސަލައަކީ އަޅުގަނޑަށް ހަދާފައިހުރި ވަރުގަދަ ސިޙުރެއް ކަމަށެވެ. ޙަޤީޤަތުގައި އެއްވެސް ބައްޔެއް އަޅުގަނޑުގެ ގައިގައި ހުރިކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ. އަދި އެސިހުރަށް އަޅުގަނޑުގެ މައްޗަށް ވެރިވެ ނުގަނެވުނީ އަޅުގަނޑުގެ ތަޤްވާވެރިކަމުން ކަމަށްވެސް ބުންޏެވެ.
އެހެންބުނެފައި މަހެއްހައި ދުވަހު އޭނާ އެކުރި ކަންތައްތަކެއް ކުރުމަށްފަހު ބުނީ ކަމެއް އިތުރަށް ގޯސްނުވާނަމަ ބޭސް ނުކެއުމަށެވެ. ގޯސްވެއްޖެނަމަ އޭނާއަށްވެސް އަންގައިލުމަށެވެ.
އެއިގެ ފަހަކުން ބޭހެއް ނުކަމެވެ. ޓެސްޓެއްވެސް ނުކުރަމެވެ. މިއަހަރުގެ މާރިޗް މަހު 7 އަހަރުނީއެވެ. 7 އަހަރުފުރުނުތަނާ ކުރީގެ ފިރިމީހާ އަޅުގަނޑުމެންގެ ގެއަށް އައިސް އަޅުގަނޑާއި ބައްދަލުކުރިއެވެ. ބުނީ ދެމީހުންގެ މެދުގައި އެއްބަސްވެވުނު ގޮތާއި ޚިލާފަށް ވަރަށް ގޯސްކޮށް ކަންތައްތަކެއް ކުރެވިއްޖެކަން މިހާރު ވިސްނިއްޖެކަމަށެވެ. އަޅުގަނޑު މަރުވުމުން ކުރަން ރޭވި ކަންތައް މާކުރިން ކުރެވި އަޅުގަނޑު ދޫކޮށްލެވުނީތީ ހިތާމަކުރާ ކަމަށެވެ.
އެހިސާބަށް ބުނާއިރަށް ބުނީމެވެ. "ވެނިމިފައި ހުރި ކަންކަމުގެ ވާހަކަދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކަލޭ އެގޮތަށް ކަންތައް ކުރީތީ ލެއްވެވި ރަޙްމަތް މާބޮޑެވެ. އެހެން ނޫންނަމަ ނިމިދާންޖެހުނީހީ ކޮންފަދަ ޙާލެއްގައި ކަމެއްވެސް ނުއެނގެއެވެ. ހިތުގައި އެއްވެސް ބުރަކަމެއް ނެތެވެ. ހަމަ ހިތްޙަލާލެވެ. ދެން އަލުން ގުޅުމުގެ ވާހަކަ ނުދައްކާށެވެ. އަހަރެންނަކީ ފިރިމީހާއަށްޓަކައި އބަދުވެސް ޤުރްބާންވާ ކިހައިވަރެއްގެ ތެދުވެރިއެއްކަން އެންމެ ރަނގަޅަށް އެނގޭނީވެސް ކަލެއަށެވެ. ކަލޭގެ އަތަކުން އެއްވެސް އެއްޗެއްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ވަގުތުވާވަރަކުން ފިރިމީހާ ގޭގައި އުޅޭވަގުތު ގެއަށް އައިސް ދަރިންނާއި ގުޅުން ބާއްވައި ބައްޕަގެ ލޯބިދިނިއްޔާ ރަނގަޅެވެ."
އެހިސާބުން އިސްދަށަށް ޖަހައިގެން ހުރު އޭނާ ނުކުމެގެންދިއައީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ވަރަށް ކުރުގޮތަކަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ހިނގައިދިއަގޮތެވެ. ނަޞޭޙަތެއްގެ ގޮތުން ބަހެއް ބުނެލާނަމެވެ. އެއީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހިނގައިދިނަމަވެސް ވަކީލްކުރާށެވެ. ﷲ އަށާއި ފިރިމީހާއަށް ތެދުވެރިވާށެވެ. އެކަމުގެ ސަބަބުން ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން އަޅުގަނޑަށް މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާކުރެވިފައެވެ. އިން ޝާ ﷲ
--ފާތުން / މިއަދުނޫހުގެ ކިޔުންތެރިއެއް