ޢިބްރަތްތެރި ވާހަކަ: "ބައްޕައަށް ދެންވެސް ރަނގަޅުވާނީ މި ކާފަދަރިފުޅުގެ ވަރުގެ ކުއްޖަކު ގެންގުޅެ ބޮޑުކޮށްފަ ކައިވެނިކުރިއްޔާ!"- ހިފިނުހުރެގެން އުޅޭ ފިރިހެނުންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޢިބްރަތްތެރި ވާހަކަ: "ބައްޕައަށް ދެންވެސް ރަނގަޅުވާނީ މި ކާފަދަރިފުޅުގެ ވަރުގެ ކުއްޖަކު ގެންގުޅެ ބޮޑުކޮށްފަ ކައިވެނިކުރިއްޔާ!"- ހިފިނުހުރެގެން އުޅޭ ފިރިހެނުންނަށް އަގުހުރި ފިލާވަޅެއް!

މައިންބަފައިން ކިތަންމެ ގޯސްކޮށް ކަންކަން ކުރިނަމަވެސް އޮތީ އެމީހުންނަށް އެހީތެރިވުމެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ދަރިން ކުޑައިރު ނިކަމެތިކޮށް އުކައިލީމާ ތިމާ ނިކަމެތިވެ ޙާލުގައި ޖެހޭދުވަހު އެހީތެރިނުވާނެ ކުދިންވެސް ތިބޭނެކަން ޤަބޫލުކުރަންވާނެއެވެ.  

އެގޮތަށް އެކަން ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ އެކުދިން ރަނގަޅު ގޮތުގައި ތަރުބޮިއްޔަތުކުރަންވީ ދުވަހު އެކަން ނުކޮށް ދަރިން އުކަިލެވޭކަމެވެ. އެކުދިންނާއިމެދު ޢަމަލުކުރި ގޮތުން އެކުދިންގެ ހިތް ހިލަވެ އެެހން މީހުންނަށް ރަޙުމްކުރަން ދަސްނުވެ ބޮޑެތިވާކަމެވެ.  

މިޙަޤީޤަތް އެންމެންވެސް ޤަބޫލުކުރާށެވެ. ފުރަތަމަ ކަމަކީ އީމާންތެރިކަމާއި ރިވެތި އަޚްލާޤް ދަރިންނަށް ދަސްކޮށްދިނުމެވެ. ތިމާމެންވެސް ދުނިޔޭގައި ތިބިނަމަ މުސްކުޅިވެ ގައިބާރުދެރަވާދުވަހު ދަރިންގެ އެހީތެރިކަމަށް އެދި ސަލާންޖަހަން ނުޖެހޭނީ އެއިރުންނެވެ.  

ތިރީގައިވާ ވާހަކައަކީ ދަރިން އުކާލައިފަ ހަވާނަފްސަށް ހެއްލޭ މައިންބަފައިންނަށް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.  

އަހަރެމެން ދެމީހުން ކައިވެނިކުރީ ލޯބިވެގެން އަހަރެއްހައި ދުވަހު އެކުގައި އުޅުމަށްފަހުގައެވެ. ދެމީހުންނަކީވެސް ވަޒީފާއަދާކުރާ ދެމީހުންނެވެ. ކައިވެންޏަށްފަހު ދެމީހުންގެ ދިރިއުޅުމުގައި މާތް ﷲ ބަރަކާތް ލެއްވެވިއެވެ. ފިރިމީހާ ކުރަންފެށި އަމިއްލަ މަސައްކަތް ކުރިއަރައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުދޭވަރެއްގެ ތަނަވަސްކަމެއް ލިބުނެވެ.  

އަޅުގަނޑުގެ ހުންނަނީ ގާތް އެކުވެރިއަކަށް އެންމެ އަންހެނެކެވެ. އޭނާ އަޅުގަނޑުގެ ފިރިމީހާއަށް ޝައުޤުވެރިވިއެވެ. ނަމަވެސް ފިރިމީހާ އޭނާއަކަށް ނުލެނބުނެވެ. އެހެންކަމާއިއެކުވެސް އޭނާ ދިއައީ އެކަމަށް މަސައްކަތްކުރަމުންނެވެ. އެއްވެސް ކަމެއް ނުވެސް އެނގޭކަމަށް ހެދިގެން އަޅުގަނޑުހުރީއެވެ. ފިރިމީހާއަށް އިތުބާރުކުރެވޭ ވަރުންނެވެ.  

ދުވަސްތަކާއި އަހަރުތައް ފާއިތުވަމުން ގޮސް އެކުވެރިޔާގެ ދޮށީ އަންހެންދަރިފުޅަށް 18 އަހަރުފުރުނުތަނާހެން ފިރިމީހާ އާއި އޭނާގެ ދަރިފުޅާއި ގުޅުވަން މަސައްކަތްފަށައިފިއެވެ. އެއިރު ފިރިމީހާގެ ޢުމުރަކީ 45 އަހަރެވެ. ފިރިމީހާ އެމަޅީގައި ޖެހުނެވެ. އަޅުގަނޑު ވަރިކޮށްލައި އެކުވެރިޔާގެ ދަރިފުޅާއި ކައިވެނިކުރިއެވެ.  

ކައިވެނިކުރުމުންވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ވަރިކުރުމަށްފަހު އެއްވެސް ޚަރަދެއް ނުކުރާތީ އަތްމަތި ދަތިވެގެން ދެމަހަކު ގުޅީމެވެ. ފައިސާ ފޮނުވާނެކަމަށް ބުނި ނަމަވެސް އެންމެ ރުފިޔާއެއްވެސް ނުފޮނުވައެވެ. ދެމަހު އެގޮތަށް ކަންތައް ކުރުމަކުން އިތުރަކަށް ނުގުޅަމެވެ.  

އެއިރު އަޅުގަނޑުމެންގެ ދަރިންގެ އުމުރަކީ 17، 14 އަދި 10 އަހަރެވެ. 3 ދަރިން ގޮވައިގެން ވަރަށް ނިކަމެތިޙާލުގައި އުޅުނީމެވެ. ފިރިމީހާއަށް ތަނަވަސްކަން ލިބުނު ނަމަވެސް ގެ ހުރީ ނުހަދައެވެ. އަޅުގަނޑުގެ ގެ ކަމަށްވާތީ އެކަމަކަށް ނުވެސް އެދެމެވެ. އަޅުގަނޑު ދަރިންނާ އެއްކޮޓަރިއަށް ބަދަލުވެފައި ދެމަފިރިން ނިދި ކޮޓަރިކުއްޔަށްދީގެން ލިބުނު ފައިސާކޮޅުން ދިރިއުޅުނީއެވެ. 

ދަތިޙާލުގައިދުވަސްކޮޅަކު އުޅެންޖެހުނު ނަމަވެސް ދާދި އަވަހަށް އަޅުގަނޑަށްވެސް ފިރިއަކު ލިބި ހަމަޖެހިލައިގެން އުޅެލެވޭނެ ގޮތް މެދުވެރިވެއްޖެއެވެ. ދެވަނަ ފިރިމީހާގެ އެހީތެރިކަމާއިއެކު 3 ދަރިން ވެސް ކިޔަވައި ނިމި ވަޒީފާއަދާކުރަން ފެށިފަހުން އެފަދަ ނުބައިނުލަފާ ފިރިހެނުންގެ  އާދައިގެމަތިން ދަރިންގެ ބައްޕަ އަތުވެއްޖެއެވެ.  

އަނބިމީހާއަށް ޚަރަދުކޮށް އަތްމަތި ހުސްވީއެވެ. 6 ބުރިއަށް އެޅި އަމިއްލަގެވެސް އަނބިމީހާއަށް ރަޖިސްޓްރީކޮށްދީފައި ހުރުމުން ވަރިވެފައި ގެއިން ނެރެލީއެވެ. އޭނާގެ ވާހަކަތައް އަޑުއަހާފައި 3 ދަރިން ކޮޓަރިން ނެރެ އޭނާ އާއި ބައްދަލުކުރުވީމެވެ. ދޮށީ އަންހެންދަރިފުޅު އައީ އޭނާގެ ދަރިފުޅުވެސް ގޮވައިގެންނެވެ. ބައްޕަގެ ވާހަކަތައް އަޑުއަހާފައި ބުންޏެވެ. "ތިއައީ ބައްޕައެވެ. ނަމަވެސް އަދިވެސް މިގެވެސް މިހުރީ ނުހެދިއެވެ. ގެ ހެދުނަސް ތިއަ މީހާ މިގެއަކު ނުގެންގުޅޭނަމެވެ. އަދިވެސް ހިތްވަރުކޮށްގެން މިއޮތް ކާފަދަރިފުޅުގެ އުމުރުގެ ކުއްޖަކު ބަލައި ބޮޑުކޮށް އެކުއްޖާއާއި ކައިވެނިކުރެވޭތޯ ބަލާށެވެ!"  

ވަރަށް ދެރަވެފައި ހުރެގެން ކާފަދަރިފުޅު އުރާލަން އުޅުމުން ދަރިފުޅުވެސް ނުދިނުމުން އިސްދަށަށް ޖަހައިގެން ހުރެ ނުކުމެގެންދިއަފަހަކުން ޚަބަރެއް ނުވެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިއަދުނޫހުގައި ކުރިއަށް ގެންދާ "ޢިބްރަތްތެރި ވާހަކަ" ސިލްސިލާ އަށް އަޅުގަނޑުވެސް ޙިއްޞާކޮށްމިލީ އިތުރުބޮޅެކެވެ. އަޅުގަނޑާއިމެދު ކަންކަން މެދުވެރިވި ގޮތެވެ. އުންމީދަކީ އެފަދަ ފިރިހެނުންނަށް ޢިބްރަތެއް ލިބުމެވެ.

 

- ނިސްރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން