ޗައިނާ ސަރުކާރުގެ ހިލޭ އެހީގެދަށުން ކ.ހިންމަފުށީގައި ސޯލާ މަގު ބައްތި ޖެހުމުގެ މަސައްކަތް ނިންމާ ޚިދުމަތް ދޭންފަށައިފިއެވެ.
މަގު ބައްތިތައް ޖަހާ ނިމި، ޚިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޒިންވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި އެހީއަކީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީއެއްކަމަށާއި ކުދި އާބަދީތަކުގެ ކުރިއެރުމަށް ބޭނުންވާ، ޒަމާނަށް ފެތޭ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމުގައި ޗައިނާއިން އަބަދުވެސް އެހީތެރިކަން ދޭނެކަމަށެވެ.
"މިއީ ރާއްޖެއިން ތިމާވެށްޓާ ރައްޓެހިގޮތްތަށް އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތްވެސް ދެވޭ އެހީއެއް. ގުޅުންބަދަހިކުރުމުގެ މަސައްކަތުގެދަށުން ޗައިނާގެ އެކި ޕްރޮވިންސްތަކުގެ އެހީތައް ރާއްޖެއަށް ލިބޭނެ." ސަފީރު ވާންގް ލިޒިން ވިދާޅުވިއެވެ.
ހިންމަފުށީގައި ސޯލާ މަގު ބައްތި ޖެހުމުގެ މަސައްކަތުގެދަށުން 165 ބައްތި ވަނީ ޖަހާފައެވެ. މިއީ %100 އިރުގެ އަލި ބޭނުންކޮށްގެން އުފައްދާ ކަރަންޓުން ދިއްލާ މަގުބައްތިތަކެވެ.
މި މަސައްކަތާއި ގުޅޭގޮތުން ހިންމަފުށި ކައުންސިލްގެ ރައީސް ހަސަން ފާއިޒު ވިދާޅުވީ މި މަޝްރޫޢުއާއެކު، މަގު ބައްތިތައް ދިއްލުމަށް ކައުންސިލުން ކުރަމުން އައި ހޭދައަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ.
''ވަރަށް ގިނަ ފައިދާތައް އެބަ ލިބޭ. މަގު ބައްތި ދިއްލަން ކަރަންޓު ބިލުން މަހަކު 80000-100000 ރުފިޔާ މިއާއެކު އެބަ ސަލާމަތްވޭ. ޚަރަދެއް ނުގޮސް ރަށް ދިއްލާލެވޭކަމީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް.'' ޙަސަން ފާއިޒު ވިދާޅުވިއެވެ.