ޢިބްރަތްތެރި ވާހަކަ: ދެމަފިރިން އުފަލުގަ އުޅޭތީ ޙަސަދަވެރިވެ އަނބިމީހާއަށް ސިޙުރު ހެދީމާ ކައިވެނި ރޫޅި މާތަނަވަސް ބައިވެރިއަކާ މާމާއުފާވެރި ޙަޔާތެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ޢިބްރަތްތެރި ވާހަކަ: ދެމަފިރިން އުފަލުގަ އުޅޭތީ ޙަސަދަވެރިވެ އަނބިމީހާއަށް ސިޙުރު ހެދީމާ ކައިވެނި ރޫޅި މާތަނަވަސް ބައިވެރިއަކާ މާމާއުފާވެރި ޙަޔާތެއް ލިބުނު އަންހެނެއްގެ ވާހަކަ-

އެއިރު އަދި އަޅުގަނޑުމެންގެ ކައިވެންޏަށް އެންމެ 3 އަހަރެވެ. ދިރިއުޅެމުން ދިއައީ ވަރަށް ލޯބިންނެވެ. ވަރަށް އުފަލުގައެވެ. އެކަން ޙަޖަމު ނުކުރެވުނު ބައަކު އެކުވެރިންގެ ތެރޭގައިވެސް އަދި ޢާއިލާގެ ތެރޭގައިވެސް ތިއްބެވެ. އެމީޙުންގެ ހިތުގައި ޙަސަދަވެރިކަން އޮންނަކަންވެސް އެނގެއެވެ. ނަމަވެސް އަޅައިވެސް ނުލަމެވެ. ވާގިއެދެމުން ދިއައީ މާތް ﷲ ގެ ޙަޟްރަތުންނެވެ.

3 އަހަރު ފުރި ދުވަސްކޮޅެއްވީތަނާހެން އަޅުގަނޑުގެ ބޮލުގައި ރިއްސަން ފެށިއެވެ. މައިގްރޭންގެ ވަރުގަދަ ތަދަށްވުރެވެސް ބޮޑަށް ރިއްސައެވެ. އޮފީހަށްވެސް ދެވޭވަރު ނުވުމުން ވަޒިފާއިން ވަކިވާންވެސް ޖެހުނެވެ.  

އެޙާލަތު ކުރިމަތިވިތަނާ އެއްދުވަހަކު ފިރިމީހާ ގެއަށް އައިސްފައި ބުނީ ދެމީހުން ވަކިވާން ނިންމައިފިން ކަމަށާއި އެހެންވެ ވަރިކުރީ ކަމަށެވެ. ތަކެތި ޕެކްކޮށްލީމާ ގެއަށް ގެންގޮސްދޭނެ ކަމަށެވެ.  

އެހެން ބުނީމާ އިތުރަށް ބަހެއްވެސް ނުބުނަމެވެ. ބޮލުގައި ރިއްސާވަރުން އެނބުރުން އަރާފައި ހުރުމުން އެނދުގައި ކުޑަކޮށް މަޑުކޮށްލާފައި ތެދުވެ ލަގެޖަށް ހެދުންކޮޅު އަޅައިގެން ނުކުތީމާ ފިރިމީހާ ގެއަށް ގެންގޮސްދިނެވެ. ގޭދޮރުމައްޗަށް ކާރުމަޑުކޮށް ލަގެޖް ބާލައިދިނީމާ ހިފައިގެން ގެއަށް ވަނީމެވެ.  

ލަގެޖް ހިފައިގެން ހުރުމުން ވެގެން އުޅޭގޮތް މަންމައަށް ވިސްނުނެވެ. އިތުރު ސުވާލެއްވެސް ނުކުރެއެވެ. ގެންގޮސް ކޮޓަރިއަށް ވައްދާފައި އެނދުތަންމަތި އަޅައިދިނީމާ އޮށޯތީއެވެ.  

ދޮށީ ބޭބެ އެރޭ ގެއަށް އައިސް އަޅުގަނޑު ގާތަށް ކޮޓަރިއަށް ވަދެ އަޅުގަނޑުގެ މޫނަށް ބަލަން އިނދެލާފައި ސުވާލުކުރީ މިހާލުގައި (ބަލިޙާލުގައި) އުޅެމުން އައިއިރު އެއްވެސް ވަރަކަށް ރުޤްޔާކުރިންތޯއެވެ؟ އެކަމަށް ނުވެސް ވިސްނޭކަމަށް ބުނުމުން ބުނީ ރުޤްޔާކުރަން ބޭނުން ކަމަށާއި އެކަމަށް ރުހޭނަމަ އެކަންކޮށްދޭނެ ކަމަށެވެ. ރުހޭކަމަށް ވަޤުތުން ބުނީމެވެ.  

އަނެރޭ ބޭބެގެއަށް އައީ ރުޤްޔާކުރާ ބޭބެގެ އެކުވެރިއަކު ގޮވައިގެންނެވެ. ޓެސްޓަށް ކިޔަވާ ކިޔެވެލި ކިޔަވަން ފެށިތަނުން ބަނޑު ފުފެންފެށިހެން ހީވިއެވެ. ދެންވީގޮތެއް ނުއެނގެއެވެ. ހޭވެރިކަންވީ އެތައް އިރެއް ފަހުންނެވެ. އަޅުގަނޑު ގާތުގައި ބުނިހާވެސް ވާހަކައަކީ ދުވަސްކޮޅެއްވަންދެން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.  

ދެން ކޮންމެ ރެއަކުވެސް ކިޔަވައެވެ. ކުރަންބުނި ކަންކަންވެސް ކުރަމެވެ. މަޑުމަޑުން ޝިފާ ލިބެމުން އައިސް އެކުގައި އެކަމުން ސަލާމަތްވެވުނީ މަހެއްހައި ދުވަހުގެ މަސައްކަތުންނެވެ.  

ޝިފާ ލިބި އަލުން ވަޒީފާއެއް ހޯދައިގެން އޮފީހަށްވެސް ދާންފެށިފަހުން ބޭބެ ބުންޏެވެ. "ކޮއްކޯއެވެ. ބަލައިގެން އުޅޭށެވެ. އެކުވެރިން ގިނަނުކުރާށެވެ. ކޮއްކޮގެ ދިރިއުޅުން ހަލާކުވެގެންދާންޖެހުނީ ޙަސަދަވެރިއަކު ހެދި ސިޙުރެއްގެ ސަބަބުންނެވެ. ރުޤްޔާ ކުރި ދުވަސްވަރު ބަޤަރާ ސޫރަތް ކިޔެވިފަދައިން ދެންވެސް ކިޔަވަމުން ގެންދާށެވެ." އިތުރަކަށް ނުބުނެއެވެ. ސުވާލެއްވެސް ނުކުރަމެވެ.  

އަހަރެއްހައި ދުވަސް ފާއިތުވިތަނާހެން މަސައްކަތްކުރާ ކުންފުނީގެ ވެރިޔާގެ ދަރިފުޅު އަޅުގަނޑުގެ ކިބައިން ކައިވެންޏަށް އެދުމުން ރުހި ކައިވެނިކުރީއެވެ. އެކައިވެނީގައި މިހާރު 16 އަހަރު ފާއިތުވީއެވެ. ދިރިއުޅެމުން މިއަންނަނީ ނުހަނު އުފަލުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވީ އަޅުގަނޑަށް އެސިޙުރެއް ހެދީ ވަރަށް އާދައިގެ ފެންވަރުގައި ދިރިއުޅެނިކޮށެވެ. ނަމަވެސް ދެމަފިރިން ލޯބިން އުޅޭތަން ފެންނާތީ އެކަން ޙަޖަމު ނުކުރެވިގެންނެވެ. އެކަމަކު މިވީ ކިހިނަކުން ހެއްޔެވެ؟ ދުވަސްކޮޅަކު ވޭނުގައި އުޅެންޖެހުނަސް މިހާރު މިއުޅެނީ މާއުފަލުގައެވެ. މާލޯބިންނެވެ. ފިރިމީހާ އަޅުގަނޑު ދޫކޮށްލިކަމުން ވީކިހިނެއް ހެއްޔެވެ؟ ދޫކޮށްނުލިނަމަ އަޅުގަނޑަށް ރުޤްޔާކުރެވި ޝިފާލިބުން އޮތީހީ ވަރަށް ދުރުކަމެއްގެ ގޮތުގައެވެ.  

ވީމާ ހަސަދަވެރިވެ ދެރަދޭން ސިޙުރުހެދިޔަސް ދެރަ ލިބޭނީ މާތް ﷲ ގެ އިރާދަފުޅުގައި އެކަންވާން އޮތްނަމައެވެ. ބައަކު ކިތަންމެ ނުރުހި ދެރަދޭން މަސައްކަތްކުރިނަމަވެސް މާތް ﷲ އުފާވެރިކަން ދެއްވަވަން އިރާދަކުރައްވަވައިފިނަމަ އެކަމަކށް ހުރަހެއް ނުއެޅޭނެއެވެ. އުފާވެރިކަން އެމީހަކަށް ދެއްވަވާނެތެވެ. 

އަޅުގަނޑުގެ ވާހަކައިން ޢިބްރަތް ޙާޞިލުކުރައްވާށެވެ! މާތް ﷲ އަށް ތެދުވެރިވެ ވަކީލްކުރާ މީހަކަށްވާށެވެ! އެއިރުން ކޮންމެ މީހަކަށްވެސް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ  

އަދި އެއްވާހަކަ ބުނެލާނަމެވެ. އެގަދަފަދަ ވޭނުގައި އުޅެމުންދިއައިރުވެސް ބުއްދިސަލާމަތުން ހުރިނަމަ ނަމާދެއް ނާޅަމެވެ. ވަޤުތު ފާއިތުވެއްޖެނަމަ ޤަޟާވެސް ކުރަމެވެ. ހަމަހޭ ހުރިނަމަ ހެޔޮ އެއްޗެއް ކިޔަން މަސައްކަތްކުރަމެވެ. މާތް ﷲ ގެ ޙަޟްރަތުން އެކަލާނގެ ހެޔޮ ރަޙްމަތަށް އަބަދުވެސް އުންމީދުކުރީމެވެ.  

- ސަމީހާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން