ކިތަންމެ ދަތިޙާލުގަ އުޅެންޖެހުނަސް ﷲ ތަޢާލާގެ މަގުގަ ޘާބިތުވެ ހުރެއްޖެނަމަ އުފާވެރި ޒަވާޖީ ޙަޔާތެއް ދެއްވަވާނެކަން ތަޖުރިބާ ކުރެވުނު ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
ކިތަންމެ ދަތިޙާލުގަ އުޅެންޖެހުނަސް ﷲ ތަޢާލާގެ މަގުގަ ޘާބިތުވެ ހުރެއްޖެނަމަ އުފާވެރި ޒަވާޖީ ޙަޔާތެއް ދެއްވަވާނެކަން ތަޖުރިބާ ކުރެވުނު ޒުވާނެއްގެ ވާހަކަ-

މިހާރަކަށް އައިސް ގިނަ ޒުވާން ގިނަކުދިންނަށް ވިސްނެނީ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ މަގުން ނަމަވެސް ފައިސާކޮޅެއް ހޯދިއްޖެނަމަ އެހިސާބުން އެއޮތީ ފުދިފައި ކަމަށެވެ. ޔެދުވެރިކަމާއި ޢިއްފަތްތެރިކަން ޙިމާޔަތްކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންވެ ފާޙިޝް ޢަމަލުތައް ކުރަންވެސް އެއްވެސް ޖެހިލުމެއް ނުވެއެވެ. އަދި މަކަރާ ޙީލަތުން ފައިސާހޯދަންވެސް ޖެހިލުމެއް ނުވެއެވެ. 

މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ކިތަންމެ ދަތި ޙާލެއްގައި އުޅެންޖެހުނަސް ﷲ ތަޢާލާއަށް ފުރިހަަމގޮތުގައި ކިޔަމަންތެރިވާނަމަ އެމީހަކަށް ދުނިޔޭގައިވެސް ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އެކަން ތިރީގައިވާ ވާހަކައިން ވަރަށް ރަނގަޅަށް އެނގިލއްވާނެއެވެ. އިން ޝާ ﷲ 

ޝެރީނަކީ ވަރަށް ކިބުރުވެރި އަންހެނެކެވެ. ދަށުދަރަޖައިގެ ފިރިހެނުންނާ ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނުވާނެއެވެ. ދަށުދަރަޖައިގެ، ތަންކޮޅެއް ސިފަހުތުރު ފިރިހެނަކު ގޮވާލި ނަމަވެސް މޫނު ކުނިކޮށްލާފައި އެނބުރޭނީ އަނެއްފަރާތަށެވެ. 

ޝެރީނަށް ގޭގެ ކުއްޔާއި ބިލްތައް ނުދެއްކި މާބޮޑަށް ގިނަވުމުން ގޭގެވެރިފަރާތުން މައްސަލަތައް ކުރިމަތިކުރުވަން ފެށުމުން ލޯނެއް ނެގިއެވެ. ބޭންކުން ފައިސާތައް ނަގައިގެން ގެއަށް ދިއަ މަގުމަތީގައި ދަބަހުން ފައިސާބޮނޑި ވެއްޓުނުތަން ފެނުނު ފަޤީރު ކުއްޖަކު އެފައިސާ ބޮނޑި ނަގައިގެން ފަހަތުން ގޮސް އަރާ ހަމަކޮށްފައި "ކަމަނާ، މިއޮތީ--" ބުނާއިރަށް އޭނާގެ މޫނުމަތީގައި ޖަހައިފިއެވެ. ހިތަށް އެރިހާ އެއްޗެއް ގޮވާފައި ދިއައީއެވެ. 

ގެއަށް ގޮސް ދަބަސްބެލިއިރު ބޭންކުން ނެގި ފައިސާތަކެއް ނެތެވެ. ވަރަށް ދެރަވެފައި ވިސްނައިލުމުން އެނގުނެވެ. އޭނާ އެއުޅުނީ އެފައިސާ ބޮނޑި ވެއްޓުނުތަން ފެނިގެން ނަގައިގެން އައިސްދޭށެވެ. ނަމަވެސް އޭނާއާއިމެދު ކަންތައް ކުރެވުނީ ހާދަގޯސްކޮށެވެ. އެކަމާއި ވަރަށް ދެރަވެފައި ހުރެގެން އެކުއްޖާ ފެނޭތޯ ނުކުމެ ހިނގަނިކޮށް ހަމަ އެހިސާބުގައި އެކުއްޖާ ގޮނޑިއެއްގައި އިންދާ ފެނުނެވެ. 

އެކުއްޖާގެ ކިބައިން މާފަށް އެދިފައި ބުނަން އުޅުނީ ކީކޭތޯ ސުވާލުކުރުމުން ކުއްޖާ ޖީބުން ނަގައި ފައިސާބޮނޑި ދިއްކޮށްލާފައި ބުންޏެވެ. "ޢިއްޒަތްތެރި ކަމަނާއެވެ. އަހަރެމެން ކިތަންމެ ފަޤީރު ނަމަވެސް ވައްކަމެއް ނުކުރާނެއެވެ! ކާނެ އެއްޗެއް ނުލިބި ހައިހޫނުކަމުގައި ތިބެންޖެހުނަސް ވަރަށް ފުދުންތެރިވާނެއެވެ. ތަނަވަސް މީހުންފަދައިން ބޭވަފާތެރިއެއްވެސް ނުވާނެއެވެ." 

ޝެރީނަށް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އެބުނި ބަސްތަކުން ވަރަށް ބޮޑު ފިލާވަޅެއްވެސް ލިބުނެވެ. އެކުއްޖާ ގާތު އެދިގެން ގެއަށް ގޮސް ފެންވަރުވާލުމުން ކުއްޖާ ހަޑިއެއްވެސް ނޫނެވެ. 

ޝެރީން ބުންޏެވެ. "މިއެޕާޓްމަންޓުގައި އުޅެނީ އަހަރެން އެކަންޏެވެ. މިހިރަ ސާވަންޓް ރޫމްގައި އުޅެންކެރޭނެ ހެއްޔެވެ؟ ކާންދޭނަމެވެ. އަންނައުނުވެސް ދޭނަމެވެ." އެކުއްޖާ ބުނީ މަގުމަތީގައި އުޅެންޖެހުނަސް ހިލޭ އަންހެނަކާއެކު އެކަނި އުޅެން ނުކެރޭނެ ކަމަށެވެ. އަނެއްކާވެސް ޝެރީނަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ހިތަށް އެރިއެވެ. "އަހަރެންނަށް ގުޅިގެން މިއުޅެވުނީ ކޮންފަދަ ގޮތެއް ނެތް މީހުންނާއި ހެއްޔެވެ؟ މިތިބަ ފަޤީރުކުދިން މާރަނގަޅު ނޫންހެއްޔެވެ؟" 

ކޮންމެއަކަސް ޝެރީން ވަރަށް ގިނަ ވާހަކަ ދައްކައިގެން ކޮންމެ ދުވަހަކު ހަވީރު އެގެއަށް އަންނަން އެއްބަސްވިއެވެ. އައިސް ގޭގައި ކުރަން ހުންނަ ކަންކަން ކޮށްލައިދީފައިދަނީއެވެ. މަޑުކުރަން ބުނި ނަމަވެސް ނުކުރެއެވެ. 

އެއީ ކިޔަވައިގެންވެސް ހުރި ކުއްޖެކެވެ. މައިންބަފައިން ފަޤީރުވީމާ ވަޒީފާއެއް ނުލިބިގެން މަގުމަތީގައި އުޅެންޖެހިފައިވަނީއެވެ. އެހެންވެ ޝެރީން ވަރަށް މަސައްކަތުން އެކުއްޖާއަށް ވަޒީފާއެއް ހޯދައިދިނެވެ. ޝެރީނަށްވުރެ 5 އަހަރު ހަގުވެސް ކުއްޖެކެވެ. އެކަމަކުވެސް ޝެރީން ހަމައެދޭއިރަށް ކައިވެނިކުރަންވެސް އެއްބަސްވިއެވެ. ބުނީ އެއީ އޭނާއަށް ވަޒީފާއެއް ހޯދައިދިންކަމުގެ އަގަށް ކަމަށެވެ. 

ޝެރީން އޭނާ އާއި ކައިވެނިކުރިތަނާހެން ވަޒީފާގެ ކުރިއެރުން ލިބި މުސާރަ ބޮޑުވިއެވެ. ލޯނު އަދާކުރެވުނެވެ. ތަނަވަސްކަން އިތުރުވިއެވެ. ޝެރީނަށް ލިބުނު ފިރިމީހާވީ އާދައާ ޚިލާފަށް އަޚްލާޤް ރަނގަޅު މީހަކަށެވެ. އެހެންވެ ޝެރީން ހުންނަނީ ވަރަށް އުފަލުންނެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރަނީ މިވާހަކައިން ލިބިދޭ ޢިބްރަތްތައް ވަރަށް ގިނަކަމުންނެވެ. ފަޤީރުންނަކީ މާދަށުޖަރަޖައިގެ ބައެއް ކަމަށް ޤަބޫލުކުރެވުމާއި ކައިވެނިކުރާއިރު ތަނަވަސްކަންހުރި މީހުންނަށް ބެލުމާއި މިނޫންވެސް މިފަދަ އާދަތައް ގެންގުޅެވޭ މީހުންނަށް މިވާހަކައިގައި ވަރަށް ގިނަ ޢިބްރަތްތަކެއް ވެއެވެ. އަޅުގަނޑު އުންމީދުކުރަނީ މިއީ އަނހެނުންނަށްވެސް ފިރިހެނުންނަށްވެސް ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ.

 

- ސަލީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން