ޢިބްރަތްތެރި ވާހަކަ: ކިތަންމެ ދަތިޙާލެއް ޖެހިފަ ހުރިނަމަވެސް މި އެކަނިވެރި މައިމީހާ ފަދައިން ވެއްޖެނަމަ ތަނަވަސްކަމާ އުފާވެރިކަމުން ހިތްފުރޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 26ސ
ޢިބްރަތްތެރި ވާހަކަ: ކިތަންމެ ދަތިޙާލެއް ޖެހިފަ ހުރިނަމަވެސް މި އެކަނިވެރި މައިމީހާ ފަދައިން ވެއްޖެނަމަ ތަނަވަސްކަމާ އުފާވެރިކަމުން ހިތްފުރޭނެ! އިން ޝާ ﷲ

މީހުން ޙަރާމް ގޮތުގައި ދޭ ފައިސާ ބޮނޑިތައް ލޮލަށް ފެނި އަތަށް އަރާނެއެވެ! އެއިގައި ނުހިފުމުން ﷲ ތަޢާލާ ދެއްވަވާ ނިޢުމަތް ފައިސާ ބޮނޑިތަކެއްހެން އަތަށް ނުލިބުނަސް އެމީހެއްގެ ބޭނުންތައް ފުދި ތަނަވަސްކަމާއި ހިތްހަމަޖެހުން ލިބިގެންދާނެކަން ތިރީގައިވާ ވާހަކައިން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

އަޅުގަނޑުމެން ދެމަފިރިންނަށް ލިބުނު ދަރިފުޅަކީ އުފަންވިއިރުގައިވެސް ހިތުގައި ލޯވަޅެއް ހުރި ކުއްޖެކެވެ. ޑޮކްޓަރުން ބުނީ ކުއްޖާއަށް އަހަރުވުމުގެ ކުރިން އޮޕަރޭޝަންކުރެވިއްޖެނަމަ މާބޮޑުކަމަކަށްނުވެ ސަލާމަތްވެވިދާނެ ކަމަށެވެ. އަދި އޮޕަރޭޝަން ރާއްޖެއިން ނުކުރެވޭނެ ކަމަށާއި ދާންޖެހޭނީ ބޭރަށް ކަމަށެވެ. 

ޑޮކްޓަރުގެ ބަސްތަކުގެ އަޑުއިވުންވީ ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ދަރިފުޅު އަޅުގަނޑުގެ ބޮލަށްޖަހާފައި ފިލަން މެދުވެރިވި ސަބަބަށެވެ. އަޅުގަނޑަށް އެކަނި ލިބޭ މުސާރައިން އެހައިގިނަ ފައިސާ ޖަމާކުރުމަކީ ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމުން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. ކިތަންމެ ބޮޑަކަށް ކަންބޮޑުވި ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ކެތްތެރިވެގެން ހުރީއެވެ. 

އެހެން ހުއްޓައި ކުޑައިރުގެ އެކުވެރި އަންހެނަކާއި ބައްދަލުވެގެން ދެކެވުނު ވާހަކައިގައި ދިރިއުޅުމުގެ ޙާލަތާއި ގުޅޭގޮތުން ސުވާލުކުރުމުން ކަންކަން މެދުވެރިވެފައިވާ ގޮތް ކިޔައިދިނުމުން ދަރިފުޅުގެ އޮޕަރޭޝަނަށް އެހީތެރިވެދޭނެ ކަމަށްބުންޏެވެ. އޭނާ ބުންޏެވެ. "އެއިރު ދަތިޙާލުގައި އުޅުނު ނަމަވެސް އަހަރެންނަށް މިހާރުވަނީ ތަނަވަސްކަން ލިބިފައެވެ. އަދި ފިރިމީހާއަކީވެސް ތަނަވަސް މީހެކެވެ." 

ދުވަސްކޮޅެއްފަހުން އެގެއަށް ދާން ދައުވަތުދިނުމުން ދިއައިމެވެ. ފުރަތަމަ ދުވަހުވެސް އޭނާގެ ފިރިމީހާ އަހަރެންނަށް ބެލިގޮތުން ވަރަށް ބިރުގަތެވެ. ނަމަވެސް އެނގޭކަމަށް ނުހަދައި ހުރީއެވެ. އެއިގެފަހުން އެކުވެރިޔާ ގުޅާ ދުވަސް ދުވަހު އެގެއަށް ގޮސް އުޅެމެވެ. 

އެއް ދުވަހެކެވެ. އެކުވެރިޔާ ގުޅާފައި ބުނީ ހަވީރު 5 ޖަހާއިރު އެގެއަށް ގޮސްދިނުމަށެވެ. އެއީ ވަރަށް ގިނަ ލިޔުންތަކެއް ޓައިޕްކުރަންޖެހިފައި ހުރުމުން ޓައިޕްކޮށްލައިދޭން ކަމަށްވެސް ބުންޏެވެ. ގަޑިއަށް ދިއައިމެވެ. ނޯކަރަކު ދޮރުހުޅުވީމާ ވަދެގެން އެކުވެރިޔާގެ އޮފީހަށް ދިއައިމެވެ. ދޮރުހުޅުވާފައި ހުރުމުން ވަންއިރު އެކުވެރިޔާގެ ފިރިމީހާ އާއި އެގޭގައި ގެންގުޅޭ އަންހެންކުއްޖަކާއި ލޯބިކުރަނީއެވެ. 

ގަތްލަދުން ދޮރުޖަހާފައި ނުކުތުމުން ގޮވާ ވައްދާފައި ބުނީ ކަމެއް ދިމާވެގެން އެކުވެރިޔާ ބޭރަށް ގޮސްވާކަމަށާއި ވަރަށް އަވަހަށް އަތުވެދާނެ ކަމަށެވެ. އެހެންވެ ނުގޮސް މަޑުކުރުމަށެވެ. އަދި ފެނުނު ކަންތަކުގެ ވާހަކަ ނުބުނުން ޝަރުޠުކޮށް ފައިސާބޮނޑިއެއް ދިއްކޮށްލިއެވެ. ޖަވާބުގައި ބުނީމެވެ. "ތިއަ ފައިސާތައް ބޭނުމެއް ނޫނެވެ. ނަމަވެސް ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނެ ވާހަކައެއް ނުދައްކާނަމެވެ. އެކަމަކުވެސް ތިއަބާވަތުގެ ހަޑިމުޑުދާރު ކަންކަން ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން ފަޅާއަރައި މައްސަލަވެސް ޖެހޭނެއެވެ." 

އަޅުގަނޑު ހުރީ އިންތިހާއަށް ފައިސާއަށް ބޭނުންވެގެންނެވެ. ނަމަވެސް އެފަދަ ގޮތަކަށް ލިބޭ ފައިސާއެއް ބޭނުން ނުކުރަންވެގެން އަތްނުލީއެވެ. އަދި އަޅުގަނޑު ކިތަންމެ ނިކަމެތި ނަމަވެސް ޙައްޤުބަސްބުނީއެވެ. 

ކަންތައް މެދުވެރިވީވެސް އަޅުގަނޑު ބުނި ގޮތަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާއަށް ޝައްކުވާން ފަށައިފިއެވެ. ގެއަށް ވަދެއުޅޭ މީހެއްގެ ޙައިޞިއްޔަތުން އަޅުގަނޑާއި ސުވާލުވެސް ކޮށްފިއެވެ. ސުވާލުކުރުމުން ދޮގުނުހަދައި އެދުވަހު ފެނުނު ކަންކަން ކިޔައިދިނީމެވެ. އަދި ފަހަރެއްގައި ލޮލަށް ފެނިދާނެ ގޮތްކަމަށް އަޅުގަނޑަށް ވިސްނޭ ގޮތްވެސް ކިޔައިދިނީމެވެ. 

އެވާހަކަތައް ކިޔައިދިނީވެސް އެކަމާއިބެހޭ ގޮތުން އެހެން ވާހަކަތައް ދެއްކީވެސް އަޅުގަނޑު ދިން ނަޞޭޙަތް ޤަބޫލުނުކުރީތީއެވެ. އިޞްލާޙްނުވީތީއެވެ. އެފަދަ ނުބައި ފިރިއެއްގެ ކިބައިން ސަލާމަތްވުމަށް އެކުވެރިޔާއަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. 

އެކުވެރިޔާ އެގޮތަށް ކަންތައް ކުރުމުން ފިރިމީހާ ކުރާ ވައްކަން އަތުލައިގަނެވުނެވެ. ކައިވެނިވެސް ރޫޅުނެވެ. ކައިވެނި ރޫޅުމުން އެކުވެރިޔާ އަޅުގަނޑުގެ ކިބައިން އެދުނީ އެއިރު އަދާކުރާ ވަޒީފާ ދޫކޮށްލާފައި އެގެއަށް ބަދަލުވުމަށެވެ. އެއީ ގޭގައި ހުންނަ އޮފީހުގައި މަސައްކަތްކުރުމަށެވެ. ލިބެމުން އައި މުސާރައަށްވުރެ ބޮޑު މުސާރައެއް ދޭނެ ކަމަށާއި ކުރިން ވައުދުވީ ފަދައިން ދަރިފުޅުގެ ކަންކަން ކޮށްދޭނެ ކަމަށްވެސް ބުންޏެވެ. 

އެކުވެރިޔާ އެދުނުފަދައިން ކަންކަން ކުރީމެވެ. އެގޭގައި އުޅޭތާ މަހެއްހައިދުވަސްފަހުން އެއްރޭ އެކުވެރިޔާ ބުންޏެވެ. "ފުރަން ތައްޔާރުވަމުންދާށެވެ. ގެންދާނެ ލަގެޖެއް ހޯދުމުގެ މަސައްކަތް އެބަކުރަމެވެ." ލިބުނު ޙައިރާންކަމުގައި ބުނީމެވެ. "ލަގެޖެއް ހޯދަން އެހައި ބުރަ މަސައްކަތްކުރަންޖެހޭ ހެއްޔެވެ؟ އެކުވެރިޔާ ގެންގުޅެފައި ހުރި ބާ ލަގެޖެއް ދިންނަމަވެސް އަޅުގަނޑަށް ހަމަ ރަނގަޅެވެ." 

ޖަވާބުގައި އެކުވެރިޔާ ބުންޏެވެ. "ނޫނެކެވެ! އަހަރެން ގެންގުޅުނު ލަގެޖެއް ހަމަހިލާ ނުދޭނަމެވެ. އެއިރުން ލިބޭނީ ބޮޑު އަނިޔާއެއް ނޫން ހެއްޔެވެ؟" އެހިސާބުން އެކުވެރިޔާ އެއްޗެއް ވިސްނުމުން ދެން ޖަވާބެއް ނުދެމެވެ. ހިނިގަނޑަކުން ނިންމައިލީއެވެ. 

އެއިގެ ހަފްތާއެއްވަރު ފަހުން އެއްރޭ އެކުވެރިޔާގެ ގާތް ފިރިހެނަކު ގެއަށް ގެނެސްފައި އަޅުގަނޑާއި ދިމާއަށް ހެމުން ބުންޏެވެ. "ތިއައިނީ ލަގެޖެއް ހޯދައިފައެވެ. އަވަހަށް ހިފައިގެން ފުރާށެވެ. ނަމަވެސް ފުރަންވާނީ ކައިވެނިކޮށްގެންނެވެ. ތިއައީ ތެޔޮނާށި ކާޅުޖަހައިގަތުމުން އެކަނިވެފައިހުރި މީހެކެވެ. އެނާގެ ފުށުން ކަލެއަށް އެއްވެސް ގެއްލުމެއް، ދެރައެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ އުފުލާނީ އަހަރެންނެވެ." 

އެކުވެރިޔާގެ ބަހަށް އިތުބާރުކޮށްފައި ކައިވެނިކުރީއެވެ. އެރޭ އެކުވެރިޔާ ބުންޏެވެ. "އަހަރެންގެ ދިރިއުޅުން ޣަރަޤުވަމުން ދަނިކޮށް ސަލާމަތްކޮށްދިނީ ކަލެއެވެ. ދުނިޔޭގައި އިންހާ ދުވަހަކު އެކަން ހަނދާންކުރާނަމެވެ." އަދި ފިރިމީހާއަށް ބުންޏެވެ. "ހަނދާންކުރާށެވެ! އަހަރެންގެ އުޚުތުގެ ހިތުގައި ޖައްސައިފިނަމަ ކަލޭގެ ހިތް ތުނިތުނިކޮށް ސްލައިސްކޮށްލާނަމެވެ." 

ދެން ބުނެލަން އޮތީ އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް މިދިއަ މާރިޗްމަހު ވަނީ 15 އަހަރު ފުރިފައެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. ފިރިމީހާއަކީ ހަމަ މިޒަމާނުގައި ނުވެސް ލިބޭނެ ވަރުގެ ރަނގަޅު ފިރިއެކެވެ. އަދި މިހާރުވެސް އެކުވެރިޔާ ހަމަ އެގޮތަށް ގާތްކަން ބާއްވައެވެ. އުޅެނީ ވަރަށް އެކުގައެވެ. ޗުއްޓީއެއްގައި ތަނަކަށް ދިއަނަމަވެސް ވަރަށް ގިނަ ފަހަރު ގެންދެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ކިތަންމެ ވަރަކަށް ފައިސާއަށް ބޭނުންވެގެން ހުރިނަމަވެސް ޙަލާލް ނޫން ގޮތުގައި ލިބޭ ފައިސާއެއްގެ ބޭނުން ނުކުރާށެވެ! އެ ބޮޑު ފައިސާބޮނޑި އަޅުގަނޑަށް ދިއްކޮށްލީ އެއަށް އިންތިހާއަށް ބޭނުންވެގެން ހުއްޓައެވެ. ހިފިނަމަ އެކުވެރިޔާއަށް އެކަން ނުވެސް އެނގުނީހެވެ. ނަމަވެސް ނުހިފީ ރިޝަވްތަކަށްވީތީއެވެ. އެއިގައި ހިފިނަމަ އެކުވެރިޔާއަށް ކިޔައިދޭންޖެހުނު ދުވަހު އެވާހަކަ ކިޔައިދެވޭނެ ހެއްޔެވެ؟ 

ރިޝްވަތު ނުހިފުމުން އަޅުގަނޑަށް މިވަނީ އެއަށްވުރެ މާބޮޑެތި މާގިނަ ފައިސާ ބޮނޑިތައް ލިބިފައެވެ. ފިރިމީހާއަކީވެސް އެހައި ތަނަވަސް ނޫންނަމަވެސް ދިރިއުޅެލެވޭވަރުގެ ތަނަވަސްކަން ހުރި މީހެކެވެ. އެކުވެރިޔާ ގާތު އޮތީ ކަންކަމު އެދެންކެރުނު ވަރެކެވެ. އެކަމަކުވެސް ކަންކަމު ނުއެދޭތީ އަމިއްލައަށް ފެނިގެން ކަންކަން ކޮށްދެއެވެ. ފައިދާ ބޮޑުމިވީ ކޮންގަތަކުން ހެއްޔެވެ؟ 

ތަކުރާރުކުރަމުންވެސް ބުނެލާނަމެވެ. ކިތަންމެ ދަތިވި ނަމަވެސް ޙަރާމް ގޮތުގައި ފައިސާ ނުހޯދާށެވެ! ޚާއްޞަކޮށް ޢިއްފަތްތެރިކަން ވިއްކައިނުލާށެވެ! ރިޝްވަތު ނިހިފާށެވެ! އެކަން ނުކުރީމާ ﷲ ދެއްވަވާ ނިޢްމަތްތައް މާގިނަވާނެއެވެ!

 

- އިޙްޞާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން