ރާއްޖޭގައި ލާމަރުކަޒީ ނިޒާމުގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު ރައްޔިތުން ޝާމިލުވާގޮތަށް އަދިވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންނު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިކަމާއިގުޅިގެން ދައުލަތުގެ މީދިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމުގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު ރައްޔިތުން ޝާމިލުވާގޮތަށް އަދިވެސް ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި އެގޮތުން ކައުންސިލްތައް ހިންގުމަށް ކައުންސިލަރުން ތިބޭ އަދަދަށް ގެންނަ ބަދަލުތަކަކީ މުހިންމު ބަދަލެއްކަމަށެވެ.
ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމު އިޞްލާހުކުރުމަށް މުހިންމު ސިޔާސަތުތަކެއް އިޢުލާންކުރައްވާފައެވެ. އޭގެތެރޭގައި މަދު އާބާދީ ހިމެނޭ ރަށްރަށް އިންތިޚާބުކުރާނީ ރައީސަކާއި ނައިބު ރައީސެއްކަމަށާއި ރަށްރަށް ކައުންސިލަރުން ކަނޑައަޅާނެ ޢަދަދާ ގުޅޭ އިޞްލާހު ޤާނޫނަށް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވިއެވެ.
"ރައީސްގެ ވާހަކަފުޅަށް އަޅުގަނޑު ވިސްނިއިރު އެކި ކޮމެޓީތަކާއި އެހެން ބައިތައް ލާމަރުކަޒީ ނިޒާމު އިޞްލާހު ކުރާއިރު އޭގެ ތެރެއަށް ވަންނާނެ ކަމަށް އަޅުގަނޑު މި ބަލަނީ. ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާތައް އިތުރުވުމަށްޓަކައި. ކައުންސިލްތައް ހިންގުން ހަރުދާނެވެ، ކައުންސިލްތަކުން ކުރާ ޚަރަދުގެ ބޮޑުބައި އެހެން ޕްރޮޖެކްޓްތަކަށް ކަނޑައެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
މީގުރިން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެންނަން ވާނީ އެ ނިޒާމުގައި ހުރި ގިނަ މައްސަލަތަކަށް ހެޔޮ ބަދަލު ގެނެވޭ ގޮތަށް ކަމަށާއި ޤައުމީ ޔުނިވަރސިޓީއިން ހަދާ ރިސާޗަށް، ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ޚިޔާލާއި، ތަޖުރިބާކާރުންގެ ލަފާ ހޯއްދަވައިގެން ޤާނޫނަށް އިޞްލާޙް ހުށައެޅުން މުހިންމުކަމުގައެވެ.