މާލެއާއި ހުޅުމާލޭގައި އަޅާ ފެނުގެ ވިއުގައިގެ މަސައްކަތް ނިންމުމާއެކު ގަޑިއަކު 800 ޓަނުގެ ފެންދައުރުކުރެވޭނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވީ މާލޭގެ ފެނުގެ ސެކިޔުރިޓީ ކަށަވަރުކުރުމަށް ނުވަތަ ދިމާވާ ކުއްލި ހާލަތަކުން އަރައިގަތުމަށް ހުޅުމާލެއިން މާލެއަށް ފެން ގެނެވޭނެ ގޮތެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހުޅުމާލެއާއި މާލޭގައި އަޅާ ވިއުގައިގެ މަސައްކަތް ނިންމުމާއެކު ގަޑިއަކު 800 ޓަނުގެ ފެން މާލެއާއި ހުޅުމާލެއާއި ދެމެދު ދައުރުކުރެވޭނެކަމަށް ވިދާޅުވިއެވެ.
"މިތާ (ފެން ޕަމްޕް ސްޓޭޝަންގައި) ހުންނާނީ ދެބުރި ޢިމާރާތެއް. ފުރަތަމަ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. ދެން ސްޓީލް ސްޓްރަކްޗަރއެއް ހަދާނެ. ދެކޮޅުގެ ވިއުގަ ގުޅުވާލުމަށް ބޭނުންވާ ޕަމްޕްތައް މިތަނުގައި ހަރުކުރާނީ. އަދި މެއިން ސްޓޯރޭޖް ހުންނާނީ މިތަނުގައި." މަތީން ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢަކީ، އެމްޑަބްލިޔުއެސްސީގެ "ވޯޓަރ ސެކިއުރިޓީ ޕްލޭން" ގެ ދަށުން 2016 ވަނަ އަހަރު ފަށާ އެކިސަބަބުތަކާހުރެ މިހާތަނަށް މަޑުޖެހިފައިއޮތް މަޝްރޫޢެކެވެ. ނަމަވެސް ސަރުކާރު ބަދަލުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގައި ވިއުގަ އެޅުމަށް ބިމެއް ހަމަޖައްސަވައިދެއްވުމާއެކު މިހާރު މަސައްކަތް ފަށާފައިވާކަމަށް މަތީން ވިދާޅުވިއެވެ.