ލޯކަލް ކައުންސިލްސް އެސޯސިއޭޝަންގެ ޗެއަރޕާސަނަކަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރު އިންތިޚާބުކޮށްފި އެވެ.
ޗެއަރޕާސަންގެ އިތުރުން މި ޖަމްޢިއްޔާގެ މެންބަރުންގެ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ދެ މެންބަރުންނާއި އަތޮޅު ކައުންސިލްތަކުގެ 3 މެންބަރުން އަދި ރަށު ކައުންސިލްތަކުގެ 3 މެންބަރުން ތިއްބަވައެވެ.
މިއަހަރުގެ އޭޕްރިލް މަހުގެ 29ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާ މި ޖަމްޢިއްޔާ އަކީ ސިޓީކައުންސިލާއި، އަތޮޅުކައުންސިލާއި ރަށުކައުންސިލްތަކުގެ ތެރެއިން މެންބަރޝިޕް ހިމެނޭ ދާއިރާތަކުގެ ކައުންސިލަރުން ހިމެނޭގޮތަށް މަސައްކަތްކުރުމަށް އުފެއްދި ޖަމްޢިއްޔާއެކެވެ.
މި ޖަމިއްޔާގެ މެންބަރަކަށް ވެވޭނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރު ރަށު ކައުންސިލްތަކަށެވެ.
އެމްއެލްސީއޭގައި ހިމެނޭ ސިޓީ ނުވަތަ އަތޮޅު ކައުންސިލްތަކުން ކޮންމެ މަހަކު 5،000 ރުފިޔާ ދައްކަން ޖެހެ އެވެ.
މީގެ އިތުރުން އާބާދީ 3،000 އަށްވުރެ ބޮޑު ރަށު ކައުންސިލްތަކުން މަހަކު 1،000 ރުފިޔާ އަދި އާބާދީ 3،000 އަށްވުރެ ކުޑަ ރަށްރަށުގެ ކައުންސިލްތަކުން މަހަކު 500 ރުފިޔާ ދައްކަންޖެހެ އެވެ.